އެންސިސްއަކީ މަހުގެ އެކި ބާވަތްތައް ޕެކެޓުކޮށް، ދަޅުގައި ބަންދުކޮށް، ވިއްކުމުގައި ރާއްޖޭގައި ވާދަވެރި ކުންފުނިތަކުގެ ތެރެއިން ކުންފުންޏެކެވެ.
އެންސިސްގެ ހުރިހާ އުފެއްދުންތަކަކީ މަހުގެ ބާވަތްތަކާއި ގުޅުން ހުރި ތަކެއްޗަށް ވާއިރު ބޭކާރު ގޮތުގައި އުކާލަން ޖެހޭ މަހުގެ ބާވަތްތައް ވަރަށް ގިނަ ވާނެ އެވެ. އެކަމަކު އެތަކެތި އުކާލުމުގެ ބަދަލުގައި އަލުން ބޭނުން ކުރުމަށް އެކުންފުނިން ދިޔައީ އަބަދުވެސް ވިސްނަމުންނެވެ.
އެ ކުންފުނިން ވަނީ އެކަން ހަގީގަތަކަށް ހެދުމަށް "ޒީރޯ ވޭސްޓް ޕޮލިސީ" ގެނަމުގައި މަސައްކަތް ފަށާފައި އެވެ. އެ ޕޮލިސީގެ ދަށުން އުކާލެވޭ މަހުގެ ބާވަތްތަކުން އޯގެނިކް ގަސްކާނާއެއް ވަނީ އުފައްދާފައި އެވެ.
އެންސިސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އަހުމަދު ހިޝާން ވިދާޅުވީ "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ގަސްކާނާ އުފައްދަނީ ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ ފިޝްމީލް ޕްލާންޓުގައި ކަމަށެވެ. އުކާލެވޭ މަހުގެ ބާވަތްތަކުގެ އިތުރުން ގަސްކާނާ އުފެއްދުމަށް ބޭނުންކޮށްފައިވާނީ ގަހުގެ ލަކުޑީގެ އަޅި ކަމަށް ވިދާޅުވި އެވެ.
އެންސިސްގެ މި އުފެއްދުން އޮންލައިންކޮށާއި އެ ކުންފުނީގެ ފިހާރަތަކުން ލިބެން ހުންނާނެ އެވެ.
މިވަގުތު މި ގަސްކާނާގެ އެއް ކިލޯގެ ޕެކެޓު ވިއްކަނީ 25 ރުފިޔާ އެވެ. އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ވަރަށް އަވަހަށް 25 ކިލޯގެ ޕެކެޓު ބާޒާރަށް ނެރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް