މާލޭ އުތުރުފަރާތު މަސްމާރުކޭޓް ކުރިމަތިން މަސްވެރިކަން ކުރާ އުޅަނދުފަހަރު ލަފާ ފުރުމަށް ޚާއްޞަ ކުރެވިފައިވާ ސަރަހައްދުގެ މޫދު ލޮނުގަނޑު ރައްކާތެރި ނޫން ކަމަށާއި، އޮޑިތަކުގައި ތިބެ މަސް ކަނޑައި އެ ލޮނުން މަސް ދޮވެ ރައްޔިތުންނަށް ނުވިއްކުމަށް މާލޭ ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.
އެގޮތުން އެ ކައުންސިލުން ބުނެފައިވަނީ މިހާރަކަށް އައިސް މާލޭ އުތުރުފަރާތު މަސްމާރުކޭޓް ކުރިމަތިން މަސްވެރިކަން ކުރާ އުޅަނދުފަހަރު ލަފާ ފުރުމަށް ޚާއްޞަ ކުރެވިފައިވާ ސަރަހައްދުގެ ފަޅަށް ވަންނަ ބައެއް އުޅަނދުފަހަރު ފަޅުތެރޭގައި އޮވެގެން އެއުޅަނދުފަހަރުގައި މަސްކަނޑާ އެސަރަހައްދުގެ މޫދުން ލޮނުނަގާ މަސްދޮވުމަށްފަހު އުޅަނދުގައި ބަހައްޓައިގެން އާންމު ފަރާތްތަކަށް މަސްވިއްކަމުން ގެންދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާކަމަށެވެ.
"އެސަރަހައްދުގެ ފަޅުތެރޭގައި އަޅާފައި ހުންނަ ބައެއް އުޅަނދުފަހަރުން ފަޅުތެރެއަށް ތެލާއި،ކުނިބުނީގެ ބާވަތްތައް އެޅުމުގެ ސަބަބުން ފަޅުތެރޭގެ ލޮނުގަނޑު ތަޣައްޔަރުވުމުގެ އިތުރުން ވަރަށްބޮޑަށް ނަޖިހުގެ އަސަރު ހުންނަކަން ފާހަގަކުރެވިފައިވާތީ އެސަރަހައްދުގެ ފަޅުތެރެއިން ލޮނުނަގައިގެން މަސްކަނޑާ މަސްދޮވެ ނުހެދުމަށާއި އަދި އެހެން ބޭނުންތަކަށްވެސް އެސަރަހައްދުގެ މޫދުލޮނު ބޭނުން ނުކުރުމަށް އެފަރާތްތަކަށް ވަނީ ތަކުރާރުކޮށް އެންގިފައެވެ." ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ނަމަވެސް މި އެންގުންތަކާ ޚިލާފަށް ބައެއް އުޅަނދުފަހަރު ބަލަހައްޓާ ފަރާތްތަކުން އެފަދަ އުޅަނދުފަހަރުގައި ޤަވާޢިދާ ޚިލާފަށް ގެންގުޅޭ ބިދޭސީ މަސައްކަތުމީހުން ލައްވާ ދޯނީގައި ގިނައަދަދަކަށް މަސްކަނޑާ ފަޅުތެރެއިން ލޮނުނަގައިގެން މަސްދޮވެ އާންމުންނަށް ވިއްކަމުން ގެންދާކަމުގެ ޝަކުވާ އެކައުންސިލަށް ހުށަހަޅަމުން ގެންދިއުމާ ގުޅިގެން އެކަން ހުއްޓުވުމުގެ ގޮތުން އެކައުންސިލްގެ 03 ވަނަ ދައުރުގެ 100 ވަނަ ރަސްމީ ޖަލްސާއިން ނިންމެވި ނިންމުން ނަމްބަރ 100/C-03/2020 ( 14 ޖުލައި 2020 ) އިން އެފަދަ ފަރާތްތަކާ މެދު ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ތަންފީޒުކުރުމަށް ވަނީ ނިންމަވާފައި ކަމުގައި ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މީގެފަހުން އެއްވެސް ފަރާތަކުން އެފަދަ ކަންކަން ނުކުރުމަށާ އެކަންކަން ތަކުރާރުކުރާ ފަރާތްތަކާމެދު ޤާނޫނު ނަމްބަރ 7/2010 ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އަމަލުކުރަމުންގެންދާ މާލެއާއި ވިލިނގިލީގެ ފަޅުބެލެހެއްޓުމާ ބެހޭ ޤަވާޢިދާއެއްގޮތަށް ޖޫރިމަނާކޮށް ފިޔަވަޅު އަޅަމުން ގެންދާނެކަން އާންމުކޮށް އަންގާ އިޢުލާނު ކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް