ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތެރެއިން އަލާމާތްތައް ފެންނަ ޓޫރިސްޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކޯވިޑަށް ޓެސްޓު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖެ އެތެރެވާ ހުރިހާ ޓޫރިސްޓުން އޮން އެރައިވަލްގައި ވަރަށް ރަނގަޅަށް ސްކްރީން ކުރެވޭނެ ކަމަށެވެ. އެކަމަށްޓަކައި ވީއައިއޭގައި ހާއްސަ މެޑިކަލް ޓީމެއް ހަރަކާތްތެރިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރި ވިދާޅުވީ އަލާމާތްތައް ފެންނަ މީހުންނަށް ރިސޯޓުތަކަށް ދެވޭނީ ޓެސްޓުގެ ނަތީޖާ ލިބުމުން ކަމަށެވެ. ނަތީޖާ ލިބެންދެން އެމީހުން އެކަހެރިކޮށް ބޭތިއްބުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.
ނިއު ނޯމަލްގައި ޓޫރިޒަމް އިންޑަސްޓްރީ އަލުން ފަށައިގެންނައިރު ރިސޯޓު ހުޅުވުމުގެ ހަތް ދުވަސް ކުރިން ޓޫރިޒަމް މިނިސްޓްރީ އާއި އެޗްޕީއޭއަށް ރިސޯޓުތަކުން ލިޔުމުން އަންގަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ހުއްދައަށް އެދޭއިރު ރައްކާތެރިކަމުގެ ގޮތުން ރިސޯޓުގައި އަޅާފައިވާ ފިޔަވަޅުތަކާއި އައިސޮލޭޝަންގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރިސޯޓަށް ދާ ފަހުން އަލާމާތް ފެންނަ ޓޫރިސްޓުން އައިސޮލޭޓް ކުރެވޭނެ ކަމަށެވެ. އެކަމަކު ޕޮސިޓިވްވާ ޓޫރިސްޓުން ސަރުކާރުގެ ފެސިލިޓީއަށް ބަދަލު ކުރުމުގެ އިންތިޒާމް ހަމަޖައްސަން ޖެހޭނީ ރިސޯޓުތަކުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ރާއްޖޭގެ ވައިގެ ބޯޑަރު ހުޅުވައި ޓޫރިޒަމް އިންޑަސްޓްރީ ހުޅުވާލަން ނިންމާފައިވަނީ އަންނަ މަހުގެ15 ވަނަ ދުވަހު އެވެ. އެކަމަކު ގެސްޓު ހައުސްތަކަށް ޓޫރިސްޓުން ގެނައުމުގެ ހުއްދަ ދިނުމަށް ނިންމާފައިވަނީ އޯގަސްޓު މަހުގެ ތެރޭގައި އެވެ.
ސަރުކާރުން މިހާރު ނިންމާފައިވަނީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަތުން އެއްވެސް ފީއެއް ނުނަގާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް