މާތްވެގެންވާ ހައްޖުގެ އަޅުކަމުގައި މިއަހަރު ބައިވެރިވާނީ 10،000 މީހުން ކަމަށް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ކަނޑައަޅައިފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންނަށެވެ. އޭގެ ތެރޭގައި ސައުދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނަށްވެސް ވަކި އަދަދަކަށް ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ބުނެފައިވެ އެވެ.
ސައުދީގެ ހައްޖު މިނިސްޓްރީން ބުނީ ކޯވިޑް-19 އާއި ގުޅިގެން ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެލްތު މިނިސްޓްރީއާ ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން ސިއްހީ ފަރުވާ ދިނުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެ ނިމިފައިވާ ކަމަށް ބުނެފައިވެ އެވެ.
މިއަހަރު ހައްޖުގެ އަޅުކަމަށް ރައްކާތެރިކަމުގެ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި 65 އަހަރުން މަތީގެ މީހުންނަށާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ހައްޖަށް ނުދެވޭނެކަމަށް ވަނީ ކަނޑައަޅާފައި އެވެ. ހައްޖަށް ދެވޭ މީހުންގެ ޖުމްލަ އަދަދު 10،000 މީހުންނަށްވުރެ އިތުރު ނުވާނެ އެވެ.
ހައްޖުގެ އަޅުކަމުގައި ބައިވެރިވާ އެންމެން ކޯވިޑް-19 އަށް ޓެސްޓު ކުރާނެ އެވެ. އަދި ހައްޖުގެ އަޅުކަން ފެށުމުގެ ކުރިން ހުރިހާ މަސައްކަތުގެ މީހުންނާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ މީހުންވެސް ވައިރަހަށް ޓެސްޓު ކުރާނެ އެވެ.
ހައްޖުވެރިންގެ ސިއްހީ ހާލަތު ކޮންމެ ދުވަހަކު މޮނިޓާ ކުރާނެ އެވެ. އަޅުކަމުގެ ދުވަސްވަރު ކުއްލި ހާލަތެއް ދިމާވެދާނެ ކަމަށް ވަކި ހޮސްޕިޓަލެއް ވަނީ ތައްޔާރުކޮށްފައި އެވެ.
ހައްޖަށްދާ ހުރިހާ އެންމެން ހައްޖުގެ އަޅުކަން ނިންމުމަށްފަހު ކަރަންޓީން ވާންޖެހެ އެވެ. އަދި އަޅުކަމުގެ ތެރޭގައި އަބަދުވެސް އިޖްތިމާއީ ގައިދުރު ކަމަށް ސަމާލުކަން ދޭންޖެހެ އެވެ.
މިއީ ފަހުގެ ތާރީހެއްގައި އެންމެ މަދުން ހައްޖަށް މީހުން ދާނެ އަހަރަށް ވާނެ އެވެ. ދުނިޔޭގެ 160 އަށް ވުރެ ގިނަ ގައުމުން މިދިޔަ އަހަރު 1.85 މިލިއަން މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެފައިވެ އެވެ.
އާންމުކޮށް ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން 2.5 މިލިއަން މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް