ހިޔާ ފްލެޓުތައް ދޭނީ ކުރިން ދޭން ނިންމާފައިިވާ ގޮތަށް، ދޮރު ނުލައި ތަށިމުށި ނުޖަހާ!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަޅަންފެށި ހިޔާ މަޝްރޫއުގެ 7،000 ފްލެޓު ލިބުނު މީހުންނާއި ހަވާލު ކުރާނީ ދޮރު ނުލައި ތަށިމުށި ނުޖަހާ ކަމަށް ހައުސިން ޑީވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފި އެވެ. ދ...

24 Jun 2020 | 10:13

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަޅަންފެށި ހިޔާ މަޝްރޫއުގެ 7،000 ފްލެޓު ލިބުނު މީހުންނާއި ހަވާލު ކުރާނީ ދޮރު ނުލައި ތަށިމުށި ނުޖަހާ ކަމަށް ހައުސިން ޑީވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފި އެވެ.

ދޮރު ނުލައި ތަށިމުށީ ނުޖަހާ ފްލެޓުތައް ދޭން ނިންމާފައިވަނީ ކުރީ ސަރުކާރުންނެވެ. އެކަމަކު މި ސަރުކާރު ވެރިކަމަށް އައިސް ބުނެފައިވަނީ ފްލެޓުތައް ލިބުނު މީހުންނަށް ފްލެޓު ހަވާލު ކުރާނީ ލޯނު ނަގައިގެން ތަށީމުއްޓާއި ދޮރު ހަރުކުރުމަށްފަހު ކަމަށެވެ.

އެކަމަކު އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ހިޔާ ފްލެޓަކީ ދިރިއުޅެން ކަމުދާ ތަނެއް ނޫންކަމަށް އެތަނަށް ދާ 80 ޕަސެންޓު މީހުން ބުނާނެ ކަމަށް ވިދާޅުވި އެވެ. އަދި އެތަންތަން ހަވާލު ކުރަން ނިންމާފައިވަނީ ދޮރު ހަރުނުކޮށް، ތަށިމުށި ނުޖަހާ ކަމަށް ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މީޑިއާގައި ވިދާޅުވީ ރައީސް ވިދާޅުވިގޮތަށް ފިނިޝިންގެ މަސައްކަތް ކުރިޔަށް ނުގެންދަން މިހާރު ނިންމާފައިވާ ކަމަށެވެ. އެހެންވެ އެކަމަށް ނަގަން އުޅުނު ލޯނު ނުނަގަން ނިންމާފައިވާ ކަމަށެވެ.

އެކަމަކު ފްލެޓުތައް ދޫކުރެވޭނެ ދުވަހެއް އަދިވެސް ނޭނގޭ ކަމަށް ވިދާޅުވެފައިވެ އެވެ. އިއްޔެ ރައީސް ސޯލިހު ވިދާޅުވީ ފްލެޓުތަކުގެ ދޮރު ހަރުކޮށް، ތަށިމުށި ޖަހައި ނިންމުމަށް ފަހު ދޭން އަދިވެސް ވަގުތު ނަގާނެ ކަމަށެވެ. އެކަމަކު އެހެން ކަންކަން މިހާރު ހުރީ ގާތްގަނޑަކަށް ނިމިފައި ކަމަށްވާތީ ވަރަށް އަވަހަށް ފްލެޓުތައް ދޫކުރެވޭނެ ކަމަށެވެ.

މީގެ ކުރިން މި ސަރުކާރު ވެރިކަމަށް އައިސް އެ ފްލެޓުތަކުގެ ޖާގަ ކުޑަކަމުން ޑިޒައިނަށް ބަދަލު ގެންނަން އުޅުނެވެ. އޭރު ބުނެފައިވަނީ ޑިޒައިނަށް ބަދަލު ގެނައުމުން3،000 އަށްވުރެ ގިނަ ފްލެޓު މަދުވާނެ ކަމަށެވެ. އެކަމަކު ފަހުން ވަނީ އެ ނިންމުން ބަދަލުކޮށްފައި އެވެ.

ހިޔާ މަޝްރޫއުގައި 25 ބުރީގެ 16 ޓަވަރު ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް