ވެރިކަން ބަދަލުވީ ތެލުގެ ރިޕޯޓު އާންމު ކުރަން އޮތް ދުވަހު: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ހަތެއް ފެބްރުއަރީ 2012 ގައި ވައްޓާލީ ދުވަހަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ގުޅުންހުރި ކަމަށްބުނާ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރ...

24 Jun 2020 | 08:12

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ހަތެއް ފެބްރުއަރީ 2012 ގައި ވައްޓާލީ ދުވަހަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ގުޅުންހުރި ކަމަށްބުނާ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައިގެ ރިޕޯޓް އާންމު ކުރަން ހަމަޖެހިފައި އޮތް ދުވަސް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާއަށް ވަނީ އެ ރިޕޯޓު އޮތް ތަނަކުން ހޯދުމަށް ގޮވާލައި މައްސަލައެއް ހުށަހަޅާފައި އެވެ. އެ މައްސަލަ ހުށަހެޅީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑުން ހިންގި ތެލުގެ ވަގު ވިޔަފާރީގެ ތެރެއިން ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ބޭރުގެ އެކައުންޓިން ކުންފުންޏަކާ ހަވާލުކޮށްގެން ރިޕޯޓެއް އެކުލަވާލި ކަމަށެވެ. އެ ރިޕޯޓު ނެރެން އޮތް ދުވަހަކީ ފެބްރުއަރީ ހަތްވަނަ ދުވަސް ކަމަށެވެ.

ނަޝީދު ވިދާޅުވީ ކުންފުންޏަށް މަސައްކަތް ހަވާލު ކުރެވުނީ ވެސް ތަހުގީގު ހުއްޓާލަން ސަރުކާރުން އެދިއްޖެނަމަ 10 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދޭ ގޮތަށް ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި އެ ގޮތަށް އެ ކުންފުންޏާއެކު އެއްބަސްވެވިފައިވާއިރު ތަހުގީގު ހުއްޓާލަން ބޭނުންވާ މީހަކު އޮވެދާނެ ކަމަށް ވިސްނުމަށް އައިސްފައިނުވާ ކަމަށާއި ނަމަވެސް ހުއްޓާލަން ބޭނުންވާނަމަ ބޭނުންވާނީ ކާކުތޯ ހިތަށް އެރި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ފަލާހު ހުށަހެޅުއްވި މައްސަލައިގަ ބުނެފައިވަނީ ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުން، އެމަނިކުފާނުގެ ނައިބު ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމާ ހަވާލުވެވަޑައިގެން ބޭރުގެ އެކައުންޓިން ފާމްއިން ފައިސާ ބައްވަލައިގަތުމަށް ފަހު، ރިޕޯޓް ފޮރުވާފައިވާ ކަމަށެވެ.

ވަހީދުގެ މައްސަލައެއް މި މަސްތެރޭގައި އެމްޑީޕީން ހުށަހެޅި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން ވަނީ އެމްޑީޕީގެ އެކްޓިވިސްޓަކު ރައީސް ވަހީދަށް މަގުމަތިން ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއްގައި ވަހީދު އިތުރުފުޅު ހެއްދެވިކަމަށް ބުނެވެސް މައްސަލައެއް ހުށަހަޅާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް