ކ. ހިންމަފުއްޓަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އިންޓެލެޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 65 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ އެވެ.
އެ ދެމީހުން މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކޮށްފައިވަނީ ހުޅުމާލެއިން އެ ރަށަށް ދިޔަ ދޯންޏެއްގައި އެވެ. ފުލުހުން ބުނީ އެމީހުން ދަތުރު ކުރި ދޯނި ބަލާ ފާސްކުރީ ކަނޑުމަތިން ހުއްޓުވައިގެން ކަމަށެވެ.
އެމީހުން އަތުން ފެނުނު މަސްތުވާތަކެތީގެ އަދަދެއް ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ މަސްތުވާތަކެތި އަޅާފައި ހުރި ދެ ޖޫސް ޕެޓީ ކޮތަޅު އެ ދެމީހުން އަތުން ފެނިފައިވާ ކަމަށެވެ.
އެ ދެމީހުންގެ ބަންދަށް ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 13 ދުވަހުގެ މުއްދަތެއް ޖަހައިދީފައި އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް