ހދ. ނޭޚުރެންދޫގައި އަޅަން ނިންމާފައިވާ ޖަލުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ނޭކުރެންދޫ ޖަލުގެ މަސައްކަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނިންމި ނިންމުމެެވެ. އެކަމަކު އެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވެރިކަމުގައިވެސް ކުރަން ނިންމި ނަމަވެސް އެއްވެސް ވަރަކަށް މަސައްކަތް ކުރެވިފައެއް ނުވެ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާޞު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ކޯވިޑް-19 ގެ ހާލަތު ނައިނަމަ އެ މަސައްކަތް ތާވަލާއި އެއްގޮތަށް ފެށުނީސްކަމަށެވެ. އަދިވެސް އުންމީދު ކުރަނީ މިއަހަރު އެ މަސައްކަތް ފެށޭނެ ކަމަށް ކަމަށް ވިދާޅުވި އެވެ.
ނޭކުރެންދޫގައި ޖަލު އެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ވައުދުފުޅެކެވެ. މިއަދު މަޖިލީހުގެ ޖަލްސާގައި ޝެއިހް އިމްރާން ވިދާޅުވީ ރައީސް ވެވަޑައިގެންނެވި ވައުދުފުޅާއި އެއްގޮތަށް މި ފަސް އަހަރު ތެރޭގައި އެ ރަށުގައި ޖަލުއަޅައި ނިމޭނެ ކަމަށެވެ.
އެ ޖަލުގެ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ނިންމިފައިވަނީ ޕްލޭނިން މަސައްކަތެވެ. ކޯވިޑް-19 އާއި ގުޅިގެން މަސައްކަތް މަޑުޖައްސާލަން ޖެހުނީ އަމަލީ މަސައްކަތް ފެށުމަށް ބަޔަކާއި ހަވާލުކުރައް ތައްޔާރުވެފައިވަނިކޮށެވެ.
ނޭކުރެންދޫ ޖަލު އިމާރާތް ކުރަން ނިންމާފައިވަނީ ޖަލަށްލާ މީހުން ރިހެބިލިޓޭޓްކޮށް، ތަމްރީނު ދިނުމުގެ މަސައްކަތް ކުރެވޭ ގޮތަށެވެ. އެގޮތުން، ޖަލުގެ ކޮންސެޕްޓް ހަދާފައިވަނީ ވޮކޭޝަނަަލް ޓްރޭނިން ދެވޭ ގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް