ރައީސް ޔާމީން އާއި ގުޅުންހުރި ތެލުގެ މައްސަލައާއި އެކަމުގެ ރިޕޯޓް ޑރ ވަހީދު ގެއްލުވާލި މައްސަލަ މަޖިލީހަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ގުޅުންހުރި ކަމަށްބުނާ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައިގެ ރިޕޯޓް ރައީސް ވަހީދު ގެއްލުވާލި ކަމަށްބުނެ ބޮޑު މައްސަލައެއް މަޖިލީހަށް ...

24 Jun 2020 | 05:02

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ގުޅުންހުރި ކަމަށްބުނާ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައިގެ ރިޕޯޓް ރައީސް ވަހީދު ގެއްލުވާލި ކަމަށްބުނެ ބޮޑު މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ މާފަންނު ހުޅަނގުދާއިރާގެ މެމްބަރު މުހައްމަދު ފަލާހެވެ.

މި މައްސަލައިގާ ބުނެފައިވަނީ އެކަން ތަހުގީގު ކުރަން ހަވާލު ކުރެވުނު ސިންގަޕޫރު ކުންފުނިން، ރާއްޖޭގެ ވެރިކަން ބަދަލުވުމާއެކު އެ ރިޕޯޓް އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސީދާ އެންގެވުމަށް އެ ކުންފުންޏަށް ދައުލަތުން ބޮޑު ހަރަދެއް ކުރައްވައިގެން ބައްލަވައިގަނެ ގެއްލުވާލާފައި ކަމަށެވެ.

މައްސަލަ ހުށަހަޅާފައިވަނީ އެ ރިޕޯޓް އޮތް ތަނަކުން ހޯއްދަވާ ރައްދު ކޮށްދެއްވުމަށެވެ.

މައްސަލަ ހުށަހަޅުއްވަމުން ފަލާހް ވިދާޅުވީ އެކަމުގެ ލިޔެކިޔުންތައް ރައީސް އޮފީހާ، ބަންޑާރަ ނައިބުގެ އޮފީހާއި، ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭގައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި އެ ރިޕޯޓް ބައްލަވައިގަތީ ދައުލަތުގެ ފައިސާއިން ކަމުގައިވާއިރު އެ ރިޕޯޓަކީ ދައުލަތުގެ މިލްކެއް ކަމަށާއި މީހެއްގެ އަތުގައި އެ ފޮރުވާފައި އޮވެގެން ނުވާނެކަން ފާހަގަކުރެއްވިއެވެ.

މި މައްސަލައަށް ބަހުސް ކުރުމަށް މިއަދު ފާސްކޮށްފައިވަނީ 38 މެމްބަރުންގެ ވޯޓުންނެވެ. އެއް މެމްބަރަކު ވޯޓު ނުދެއްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް