ކޯވިޑް-19 ގެ މި ހާލަތާއި ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުން މިރޭ ނުބާއްވަން ނިންމައިފިއެވެ.
ރޭގެ ޕްރެސް ކޮންފަރެންސް ނިންމާލުމަށްފަހު މީޑިއާތަކަށް މައުލޫމާތުދެމުން، ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިރެއަކީ ފިތުރު ޢީދުގެ ފުރަތަމަ ރޭ ކަމުން، މިރޭ ނޫސްވެރިންގެ ބައްދަލުވުން ނޯންނާނެ ކަމަށެވެ.
"މިރޭ އޮވެއްޖެއްޔާ އެއީ ބޮޑުކަމެއް ހިނގީ" މި ހާލަތުގައި ސަރުކާރުގެ "ފޭސް"ގެ ގޮތުގައި ފެނިގެންދާ އަދި ނޫސްވެރިންނާ ގާތް ގުޅުމެއް ބާއްވަމުން އަންނަ މަބްރޫކް ވިދާޅުވިއެވެ.
ކޯވިޑް-19ގެ މި ހާލަތާއި ގުޅިގެން ހުއްޓުމެއް ނެތި ހަމަ ކޮންމެ ރެއަކުހެން ނޫސްވެރިންގެ ބައްދަލުވުން ބާއްވަމުން އަންނަތާ ދެ މަހަށްވުރެ ގިނަދުވަސް ވެފައިވާއިރު އާންމުގޮތެއްގައި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަނީ މަބްރޫކެވެ. އަދި އެކުގައި ޑރ. އަފްޒަލް، ޑރ. ނަޒްލާ ރަފީގު އަދި ޑރ. މުރާދު މޫސާ ބައިވެރިވެވަޑައިގަންނަވަވެ.
ނޫސްވެރިންގެ މި ބައްދަލުވުންތަކުގައި ކޯވިޑް-19ގައި ރާއްޖޭގެ ހާލަތުގެ އެންމެ ފަހުގެ މައުލޫމާތުތައް އެންއީއޯސީގެ މީޑިއާ ކްލަސްޓާއިން އަންނަނީ ހިއްސާ ކުރަމުންނެވެ. އަދި ނޫސްވެރިންގެ ސުވާލުތަކަށްވެސް އަންނަނީ ޖަވާބުދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް