ގުރައިދޫގައި ބިދޭސީއަކު މަރާލިތާ ހަތަރު ދުވަސް: ތުހުމަތު ކުރެވޭ މީހަކު ނެތް!

ތ. ގުރައީދުގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު މަރާލިތާ މިއަދަށް ހަތަރު ދުވަސް ވީއިރު މައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ ފުލުހުންގެ ތަރުޖަ...

24 May 2020 | 04:25

ތ. ގުރައީދުގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު މަރާލިތާ މިއަދަށް ހަތަރު ދުވަސް ވީއިރު މައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމެންޓުގެ ހާއްސަ ޓީމަކުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އެކަމަކު މިހާތަނަށް އެމީހާގެ މަރުގެ ތުހުމަތަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

އޭނާ ވިދާޅުވީ މި މައްސަލައިގެ އިތުރު ތަފްސީލް ހާމަ ކުރެވެން ނެތް ކަމަށެވެ. އާންމުކޮށް ފުލުހުން ތަހުގީގު ކުރާ މަރުގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހަކު ހުރި ނަމަ ވީހާވެސް އަވަހަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެ އެވެ.

ގުރައިދޫގައި ތޫނު އެއްޗަކުން ހަމާލިނުމުން މަރުވެފައިވަނީ ބަންގްލަދޭޝް ފިރިހެނެކެވެ. އެމީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި އެވެ.

އެމީހާއަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަން އެނގުނީ ޒަހަމް ތަކާއި އެކު ގޮސް އެހެން ބިދޭސީންތަކެއް ދިރިއުޅޭ ގެއެއްގެ ދޮރުގައި ތަޅަން ފެށުމުން ނެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ އެ ބިދޭސީންތައް އަޑުގަދަކޮށް ހަޅޭއްލަވާ އަޑަށް މީހުންތައް އެތަނަށް ގޮސްގެންނެވެ.

މީގެ އިތުރުން ހަމަ އެރޭ، އޭގެ ފަހުން ޒަހަމް ތަކަކާއި އެކު އޮތް ބިދޭސީއަކުވެސް ފެނިފައިވެ އެވެ. އެމީހާގެ ބޮލަށް ހަމަލާދީފައިވާއިރު މިހާރު ފަރުވާ ދެމުންދަނީ ވޭމަންޑޫ އަތޮޅު ހޮސްޕިޓަލްގައި އެވެ.

މިހާތަނަށް ފުލުހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މި ދެ މައްސަލަ އަކީ ގުޅުން ހުރި މައްސަލަތަކެއް ކަމެއް ނޭނގެ އެވެ. އެކަމަކު ބަންގްލަދޭޝްއަށް ނިސްބަތްވާ އެ ދެމީހުންނަކީ އެ ރަށުގައި މަސްކެއްކުމުގެ މަސައްކަތް ކުރާ ދެމީހުން ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް