ކޮންމެއަކަސް އަހަރެންނަށް އެކަނިވެރިކަން އިޙްޞާޞް ވާން ފަށައިފިއެވެ. ޒައިދާންއާއި އިނދެގެން ހުއްޓަސްމެއެވެ. ކަންބޮޑުވުމާއި، ހިތާމަތަށް ބޮޑުވާން ފަށައިފިއެވެ. ތުއްތައާއި މަންމައާއި މިކަމާއިބެހޭ ގޮތުން މަޝްވަރާކުރާކަށް އަހަރެންނަކަށް އެހާ ފަސޭހައެއް ނުވިއެވެ. ޒައިދާން މަންމަ ގުޅާއިރުވެސް ޒައިދާން ގޭގައި ނޫޅޭވަގުތު ގިނަކަން ޒައިދާން މަންމައަށްވެސް އެނގެއެވެ. އެހެނަސް އަހަރެމެން ދެމީހުންގެ ދެމެދަށް އައިސްގެން އުޅޭ ހަމަހިމޭންކަމުގެ އިޙްޞާޞްތައް މަންމައަށް ރެޔަކާލާހެނެއް ހިޔެއްނުވެއެވެ.
++++++++++++++
އަހަރެން މިވާހަކަތައް ހުވޭއަށް ކިޔައިދީ، މިކަމާ ވަރަށް ދެރަވާ ވާހަކަ ބުނީމެވެ. ހުވޭ ވެސް ވަރަށް ކަންތައް ބޮޑުވިއެވެ. އެކަމަކު ހުވޭ ބުނީ, ޒައިދާން އަށް ވެގެން އުޅޭގޮތެއް ނޭނގެނީސް މިކަމަށް ޙައްލެއް ނާންނާނެ ކަމަށެވެ. އަދިވެސް ހިތްވަރުކޮށްފައި ޒައިދާން ގަޔާވާކަހަލަ ކަންތައް ކުރުމަށާއި، ޒައިދާންއާއި، ރަނގަޅަށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރުމަށް ހުވޭ އަހަރެންނަށް ޚިޔާލުދިނެވެ.
+++++++++++++++++++
”މާދަމާ ކޯހުގެ ގްރެޖުއޭޝަން އެބައިން..ޒައިދާން ފްރީ ވާނެތަ؟ އަހަރެން ޒައިދާންގެ މޫނަށް ބަލަންހުރެ އެހީމެވެ.
"އަދި ނޭނގޭ! އޮފީހުގެ ޕްރެޖެކްޓަކަށް ބޭރުބަޔަކު އައިސްގެން އުޅޭތީ، މާދަމާ އޮފީހަށް ދިޔައިމަ އެނގޭނީ.. އަންގާލާނަން.." ޒައިދާން އަހަރެންނާއި ދިމާލަށް ބަލާވެސް ނުލާ، ސޯފާގައި އިނދެ ޖަވާބު ދިނެވެ.
އެ ޖަވާބުން ޒައިދާން ނުދާނެކަން އަހަރެންނަށް ވަރަށް ބޮޑަށް ޔަޤީން ވިއެވެ. އެހެންޏާ، އަހަރެންގެ ކަމެއް އޮވެއްޖެނަމަ، ޒައިދާން ސަލާން ބުނެފައިވެސް، ޗުއްޓީ ނަގައިގެންވެސް އެކަމެއްގައި އަހަރެންނާއި ބައިވެރިވާނެއެވެ. މިހާރު ކުޑަމިނުން އަހަރެން ހުރީ ކައިގެންތޯ ވެސް، ބަލާލާނެ ވަގުތެއް ޒައިދާންއަކަށް ނުވެއެވެ. ޒައިދާންއަށް މިހާ ބޮޑު ބަދަލެއް މިއައީ ކީއްވެބާއޭ އަހަރެންގެ ހިތަށް ތަކުރާރުކޮށް އަރަމުން ދެއެވެ.
އޭގެ އަނެއް ދުވަހެވެ. ޒައިދާން އަހަރެންނަށް މެސެޖްކޮށްފައި، ގްރެޖުއޭޝަންއަށްދާން ގެއަށް ނާދެވޭނެ ވާހަކަ ބުންޏެވެ. އެކަންވެސް އެވީ ހަމަ އަހަރެން ހީކުރި ގޮތަށެވެ. އަހަރެންވެސް ގްރެޖުއޭޝަންއަށް އެކަނި ދާހިތެއް ނުވިއެވެ. ކަލްނަރީ ކޯހަކީ އަހަރެން ކިޔާ ހަދާހިތުން ހެދި ކޯހެއްކަން އެންމެ ރަނގަޅަށް އެނގޭނީ ޒައިދާންއަށެވެ. އެކޯސް ހަދަން އަހަރެންނަށް އެންމެ ބޮޑަށް ހިތްވަރުދިންމީހަކީވެސްޒައިދާންއެވެ. މިއަދު ކަންތައް ވީގޮތް ނިކަން ދެކެ ބަލާބަލާށެވެ. މިއަދު އަހަރެން ކޯސް ނިންމިއިރު، އަހަރެން އެންމެ ލޯބިވާ ޒައިދާން އަހަރެން ގްރެޖްއޭޓްވާތަން ބަލާކަށް ހޯލަކު ނީންނާއެވެ. މިފަދަ ޚިޔާލުތަށް އަހަރެންގެ ކޯތާފަތް ތެތްމަމުން ދިޔައެވެ.
ވައިބަރ ކޯލެއްގެ ރިންގުން އަހަރެން ސިއްސައިގެން ދިޔައެވެ. ފޯނުގެ ސްކްރީނަށް ބަލައިލިއިރު ތުއްތަ ގުޅަނީއެވެ. އެފޯނު ނަގައިގެން ވާހަކަ ދައްކާނެހައި ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. އަހަރެން ރޯކަން ތުއްތައަށް އެނގިއްޖެނަމަ، ސުވާލުކޮށް އަހާ، އޮޅުންފިލުވާނެތީއެވެ.
"މިއަދު ދޯ ގްރެޖުއޭޝަން އޮތީ؟.." ފޯނަށް ޖަވާބު ނުދިނުމުން ތުއްތަ މެސެޖެއްކުރިއެވެ. ޖަވާބުގައި އަހަރެން 'އާނއެކޭ’ ބުނެ ރިޕްލައި ކުރީމެވެ. އެކޮޅުން އަލުން މެސެޖެއް އައެވެ. "ތައްޔާރުވެފައި ފޮޓޯއެއް ފޮނުވާލައްޗޭ"
ތުއްތަގެ މިމެސެޖަށް ޖަވާބުދޭން އަހަރެންނަށް ވަގުތުކޮޅެއް ބޭނުންވިއެވެ. ސަބަބަކީ އަހަރެން އޭރު އިނީ ޙަފްލާއަށް ނުދާން ގާތްގަނޑަކަށް ނިންމައިގެންނެވެ. ނަމަވެސް އެވީގޮތުން އަހަރެންނަށް ޙަފްލާއަށް ދާން މަޖްބޫރުވިއެވެ. ގްރެޖުއޭޝަން ހެދުން ފަހާފައި މާލެއިން ފޮނުވީ ތުއްތައެވެ. ތުއްތަ އަންނަންވެސް ބޭނުންވިއެވެ. ނަމަވެސް މަންމަ ކުޑަކޮށް ބަލިވެއުޅޭތީ، ތުއްތަހުރީ އޭރު، މަންމަގާތު ރަށުގައިކަމުން ތުއްތައަށް އާދެވެންނެތީއެވެ. އިރޮކޮޅެއްފަހުން އަހަރެން ‘އާނ ފޮޓޯ ފޮނުވާނަން’ މިހެން ބުނެފައި ތުއްތައަށް ރިޕްލައި ކުރީމެވެ.
ކޮންމެއަކަސް އަހަރެންނަށް އިތުރު ހިތްވަރެއްލާން ޖެހުނެވެ. ހިތާއިދެކޮޅަށެވެ. ތައްޔާރުވެގެން ތުއްތަ އެދުނުފަދައިން ފޮޓޯއެއްވެސް ފޮނުވީމެވެ. ޙަފްލާއަށްވެސް ދިޔައީމެވެ. ޒައިދާން އެ ހަފްލާއަށް ނުދިޔަސް، އަހަރެން ގްރެޖްއޭޓްވެސް ވެއްޖެއެވެ.
++++++++++++++++++
ކޯސްވެސްނިމުނީއެވެ. މިހާރު ގިނަ ވަގުތު އަހަރެން އޮންނަނީގޭގައެވެ. އެކަންޏެވެ. އާދައިގެމަތިން ޒައިދާން ގެއަށް އަންނަނީ ވަރަށް ލަހުންނެވެ. އެކަނި ގޭގައި އޮންނަން ޖެހުމުގެ ސަބަބުން ޒައިދާންއާއި ދޭތެރޭ މާބޮޑަށް ވިސްނެއެވެ. އަހަރެންމިއީ މީހެއްގެ އަތްބެއް ބާއޭ ހަމަ އަހަރެން ހިތަށް އަރައެވެ. މީގެ ކުރިން އަހަރެން މިއީ މީހެއްގެ އަތްބެއްކަން އިޙްޞާޞްވެއެވެ. އަހަރެންދެކެ އިންތިހާއަށް އަހަރެންގެ ފިރިމީހާ ލޯބިވެއެވެ. މިއަދި މީ އެހެން ދުވަހެކެވެ. އެދުވަސް މާޒީއާއި އެކުވެ، އަހަރެންގެ މޫނުމަތީގެ އުފާވެރިކަށް އަބަދުގެ އަބަދަށް ވަނީ ގެއްލިފައެވެ.
ފާރުގައި އިން ގަޑިއަށް އިރުކޮޅަކާ އަހަރެންނަށް ބެލެއެވެ. ޒައިދާން އަންނާނޭ ވަގުތަކަށެވެ. ފުންނޭވާއަކާއެކު ދެން އަހަރެންގެ ނަޒަރުގޮސް ހުއްޓުނީ، ކޮޓަރީ މޭޒުގައި އިން ޓޭބަލް ކަލަންޑަރަށެވެ. އޭގައި ބޮޅުއަޅާފައި އޭނދީ، ޒައިދާންގެ އުފަންދުވަހެވެ. އާނއެކެވެ. މާދަމާ ނޫން އަނެއްދުވަހަކީ ޒައިދާންގެ އުފަންދުވަހެވެ. ހުވޭ ބުނި ވާހަކަތައް އަހަރެންގެ ހަނދާނަށް ކުއްލިއަކަށް އައެވެ. އަދި ޒައިދާންގެ އުފަންދުވަހަށް އަހަރެންގެ އަމިއްލަ އަތުން ކޭކެއް އެޅުމަށް ނިންމީމެވެ. އެ ކޭކުވާނީ އަހަރެން ކޯސް ނިންމިފަހުން އަޅާ އެންމެ ފުރަތަމަ ކޭކަށެވެ. އަދި އެކޭކު ޚާއްޞަ ވާނީ އަހަރެން އެންމެ ލޯބިވާ ޒައިދާންއަށެވެ. މި ޚިޔާލުތަކުން ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.
++++++++++++++++++++++++++
ޒައިދާން އެރޭވެސް ނިދަން އައީ ލަހުންނެވެ. އާދައިގެ މަތިން ނިދަންއެރިއެވެ. އަހަރެންވެސް މާބޮޑަކަށް އަޅައެއް ނުލަމެވެ. ޒައިދާން ހެނދުނު އޮފީހަށް ދިޔުމުން ކޭކެއް އަޅާނީއޭހިތާ، ބާތްޑޭ ވިޝްއެއްވެސް ނުކުރަމެވެ.
ޒައިދާން ހެނދުނު ހޭލައިގެން އޮފީހަށް ގޮއްސިއެވެ. އަހަރެން، އެދުވަހުގެ ބޮޑުބައެއް ހޭދަކުރީ ކޭކު އެޅުމުގައެވެ. ޒައިދާން ގެއަށް އަންނަ ގަޑިލަސްކަމާއިއެކު، އަހަރެން ނިންމީ، ކޭކު ހިފައިގެން ޒައިދާން އަށް 'ސަރޕްރައިސް' އެއް ދިނުމަށް އެ އޮފީހަށް ދިޔުމަށެވެ. ޒައިދާން އެއްދުވަހު އަހަރެން އެ އޮފީހަށް ގެންދިޔައެވެ. އެހެންވީމާ، ކޭކު ހިފައިގެން އަހަރެންނަށް އެ އޮފީހަށް ދާންކެރޭނެ ކަމުގައި އަހަރެން ނިންމީމެވެ.
ކޮންމެއަކަސް ކޭކު ނިންމާލުމަށްފަހު، ކޭކު ހިފައިގެން އަހަރެން، ޒައިދާންގެ އޮފީހަށް ދިޔައީމެވެ. ޒައިދާން އަކީ އެ ސެކްޝަންހެ ސެކްޝަން ހެޑް ކަމުން، ޒައިދާން އިންނަނީ ވަކި ކެބިން އެއްގައިކަން ޒައިދާންވަނީ އަހަރެންގާތު ބުނެފައެވެ.
އަހަރެން ގޮސް ޒައިދާންގެ އޮފީހަށް ވަނުމުން، ހުރި ގޮތަށް އެތެރެއަށް ގޮސް ކަނާތްފަރާތު ކެބިންއަށް ދިޔުމަށް އަހަރެންގާތު، ކައުންޓަރުގައި އިން ކުއްޖާ ބުންޏެވެ. ކައުންޓަރުގައި އެދުވަހު އިން ކުއްޖާއާއި، އޭގެ ކުރިން ދިމާވެފައިނެތުމުން، އަހަރެންމީ ޒައިދާންގެ އަންހެނުންކަމެއް އޭނާ އަކަށް ނޭނގޭނެއެވެ.
އަހަރެން ކޭކު ހިފައިގެން ހެޔޮވަރުގެ ހިނގުމެއްގައި ހިނގާފައި ޒައިދާންގެ ކެބިންއާއި ދިމާލަށް ދިޔައީމެވެ.
ޒައިދާން ހައިރާންކޮށްލާ، ޒައިދާންގެ މޫނުމައްޗަށް އަންނާނެ އުފާވެރިކަށް ދެކިލުމަށް ކެތްމަދުވެފައިވާ ޙާލުގައެވެ.
ޒައިދާންގެ ކެބިން ކުރިމަށްޗަށް ކޭކާއެކު އަރާހަމަވިއިރު ފެނުނީ ޤަބޫލުކުރަންދަތި މަންޒަރެކެވެ. ޙައިރާންވެ އަންތަރީސްވީ އަހަރެންނެވެ. ލިބުނީ ކުއްލި ޝޮކެކެވެ. އަހަރެންނަށް ފެނުނީ އަހަރެން ދުވަހަކުވެސް ފެންނާނެއޭ ހީކުރި ކަހަލަ މަންޒަރެއް ނޫނެވެ.
ޒައިދާންގެ ކައިރީގައި ކޮޅަށް މާބަނޑު އަންހެންކުއްޖަކު ހުއްޓެވެ. އެކުއްޖާ ހުރީ ޒައިދާންގެ މޫނަށް ބަލަހައްޓައިގެން ރޮވިފައެވެ. ޒައިދާން ހުރީ އިސްދަށަށް ޖަހައިގެންނެވެ. އަދި ޒައިދާން ވަނީ އެ އަންހެންކުއްޖާގެ އަތުގައި ހިފަހައްޓާލައިގެންނެވެ.
އަހަރެން ހުރިތަނަށް ގަނޑުވިއެވެ. އަތްފައިފިނިވެ، މޭގަނޑު ބާރަށް ތެޅެން ފެށިއެވެ.
މީހަކު އައިހެން ހީވެގެން ދެމީހުން އެކުއެކީގައި ކަހަލަ ގޮތަށް ސިހިފައި ބަލައިލިއެވެ. އެ ދެމީހުނަށްވެސް އަހަރެންފެނުނެވެ. ހަމައެވަގުތު އަހަރެންގެ އަތުގައި އޮތް ކޭކު ބިންމައްޗަށް ވެއްޓުނެވެ.
"އިފާ.." ކުއްލިއަކަށް ޒައިދާންއަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.
އަހަރެން އެއަށް އެއްވެސް ޖަވާބެއްނުދީ ވަރަށް ހިތްވަރުކޮށްފައި އެ ތަނުން ނިކުތުމަށް ހިނގައިގަތީމެވެ.
(ނުނިމޭ..)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް