ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ހާހެއްހާ މީހުން ފުރުވާލައިފި

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 1،000 އެއްހާ މީހުން ފުރުވާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. މި އެންމެން ފުރުވާލާފައިވަނީ މިދިޔަ ދެ ހަފްތާއެއްހާ ދ...

23 May 2020 | 20:24

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 1،000 އެއްހާ މީހުން ފުރުވާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މި އެންމެން ފުރުވާލާފައިވަނީ މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެވެ. އެންމެންނަކީ ބަންގްލަދޭޝް މީހުންނެވެ.

މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭކޭ އަބްދުލް މޮމެން ކުރައްވަމުން އަންނަ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. ޝާހިދު ވިދާޅުވީ މި މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގުމަށް ހިންގަވާ ޕްރޮގްރާމެއް ކަމަށެވެ.

ރައީސް ސޯލިހު މި މަހު ކުރީކޮޅު ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ކޯވިޑާއި ގުޅިިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ1،500 ބަންގްލަދޭޝް މީހުން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށެވެ. އަދި ކުރިޔަށް އޮތްތާވެސް ގަވައިދާ ހިލާފަށް އުޅޭ މީހުން ފޮނުވާލުމުގެ މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

https://twitter.com/abdulla_shahid/status/1264147109898383360

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބަންގްލަދޭޝް މީހުން އަނބުރާ ފުރުވާލަމުން ދަނީ މޯލްޑިވިއަން އާއި ބަންގްލަދޭޝްގެ ގައުމީ އެއާލައިން ބީމަން އެއާލައިން އަދި އެ ގައުމުގެ އަސްކަރީ ބޯޓުތަކުގައި އެވެ. އެ ގައުމުގެ އަސްކަރީ މަތިންދާ ބޯޓު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގެންދަން ދެ ދަތުރުކޮށްފައިވާއިރު ބީމަން އެއާލައިން ކުރީ އެއް ދަތުރެވެ. މޯލްޑިވިއަންއިންވެސް ދެ ދަތުރުކޮށްފައިވެ އެވެ.

މީގެ ތެރެއިން މޯލްޑިވިއަން އާއި ބީމަން އެއާލައިންއިން ބިދޭސީން ގޮވައިގެން ކުރާ ދަތުރުތަކަކީ ދިވެހި ސަރުކާރުން ޗާޓާ ކުރާ ފްލައިޓުތަކެވެ.

ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން މިއަދުވެސް152 މީހަކު ފޮނުވާލި އެވެ. އަދި އިތުރު 192 ބަންގްލަދޭޝް މީހަކު ވެސް އެ ގައުމަށް މިއަދު ވަނީ ފުރާފައި ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުންޏެވެ. އެއީ ޔުނިވާސަލް އެންޓަޕްރައިސްގައި މުވައްޒަފުންތަކެއް ކަމަށާއި އެ މީހުން ފުރުވާލީ އެ ކުންފުނިން ޗާޓަރު ކުރި ފްލައިޓެއްގައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑަށް1،313 މީހަކު ޕޮސިޓިވްވެފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. ޕޮސިޓިވްވެފައިވާ މީހުންގެ ތެރޭގައި ބަންލަދޭޝްގެ 676 މީހުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް