ޒުވާނުން ނުކުމެ ޖިންސީ ގޯނާ އާއި ފުރައްސާރައާ ދެކޮޅަށް އިހުތިޖާޖު ކުރަނީ

ޖިންސީ ގޯނާއާއި ފުރައްސާރައާ ދެކޮޅަށް ޒުވާނުންތަކެއް އެއްވެ އިހުތިޖާޖުކުރަން ފަށައިފިއެވެ. “ދުވަސް”އަށް މައުލޫމާތު ދެއްވަމުން މި ހަރަކާތުގައި އިސްކޮށް އުޅުއްވާ އައުސަމް އަލީ ވިދާޅުވީ، މި ހަރަކާތަކީ ޖަ...

24 Apr 2021 | 15:55

ޖިންސީ ގޯނާއާއި ފުރައްސާރައާ ދެކޮޅަށް ޒުވާނުންތަކެއް އެއްވެ އިހުތިޖާޖުކުރަން ފަށައިފިއެވެ.

“ދުވަސް”އަށް މައުލޫމާތު ދެއްވަމުން މި ހަރަކާތުގައި އިސްކޮށް އުޅުއްވާ އައުސަމް އަލީ ވިދާޅުވީ، މި ހަރަކާތަކީ ޖަސްޓިސް ފޯ ސަވައިވާސް އަދި ވޮއިސް އޮފް ޗިލްޑްރަންގެ އެހީތެރިކަމާއެކު ނުހާ އާދަމް އިންތިޒާމްކުރި އެއްވުމެކެވެ.

މި ހަރަކާތް އިންތިޒާމް ކުރި ޒުވާނުން ބުނީ ރެލީގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ރެލީގައި އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ކުރުމަށް އިލްތިމާސް ކުރި އެވެ. މީގެ އިތުރުން މި ރެލީ އަކީ ވީހާވެސް އަމާން އޮމާން ކަމާއި ކުރިޔަށް ގެންދާ ހިމޭން ހަރަކާތަކަށް ހެދުމަށް އެއްބާރުލުން ދިނުމަށް އެދިފަވެ އެވެ.

މި ރެލީ ފަށާފައި ވަނީ މިރޭ 20:45 ގައި އުސްފަސްގަނޑު ސަރަހައްދުގައެވެ.

ޒުވާނުންތަކެއް އިސްވެ ބާއްވާ މި އެއްވުމަކީ ޖަމިއްޔާ ޖަމާއަތަކުން ހިންގާ ހަރަކާތެއް ނޫނެވެ. އަދި ސިޔާސީ ހަރަކާތެއް ވެސް ނޫނެވެ.

މި އެއްވުމަކީ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަތަށް ގިނަވެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށާއި ޒުވާނުން މިކަމާ މެދު ދެކޭ ގޮތާއި ޝުއޫރުތައް ފާޅުކުރުމަށް ބާއްވާ ހިމޭން ހަރަކާތެކެވެ.

ޖިންސީ ގޯނާގެ މައްސަލަތައް ގިނަވަމުން ދިޔަ ނަމަވެސް، އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ނުލިބޭތީ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މި އެއްވުން ކުރިއަށް ދާނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އިންތިޒާމްކުރާ ފަރާތްތަކުން މަޢުލޫމާތު ދެއެވެ. ހަމަ މިއާއެކު، އެއްވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބެނާ ނުވަތަ ބޯޑު ފަދަ ތަކެތީގައި ޝުޢޫރު ލިޔެގެން ގަޑިއަށް އެ ސަރަހައްދަށް ދިއުމަށް އިންތިޒާމްކުރާ ފަރާތްތަކުން އެދެއެވެ.

މިދިޔަ ހުކުރު ދުވަހު މާލޭ މަގުމަތިން އަންހެނަކު ޖަހައިގަނެ، އޭނާ ގަދަކަމުން ގެއަކަށް ވައްދައި ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ލިބިފައިވާކަމުގެ ތުހުމަތުކުރެވޭ މައްސަލައެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ކްރައިމްސް އަގައިންސް ޗިލްޑްރަން ޑިޕާޓްމަންޓަށް ހުށަހެޅުމާއި ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމުގައި ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.

މީގެ އިތުރުން، ރ. މަޑުއްވަރީގައި ގުރޫޕަކުން އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައަކާއި ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ އިތުރުން ސަފާރީއެއްގައި ކެންޏާގެ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ވެސް ފެންމަތިވެ ވަނީ ހޫނުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް