މިއަދު މާރުކޭޓުގެ ގޮޅިތައް ބަލައިލިއިރު، މީގެ ދެ ދުވަސް ކުރިން ގެއްލުނު ކަނޑޫދޫ މިރުސް އެނބުރި އައިސް ގޮޅިތައް ފުރާލައިފިއެވެ.
މާރުކޭޓުގެ ގޮޅިތަކަށް ބަލާލާއިރު މިއަދަކީ މިރުސް ގިނަ ދުވަހެކެވެ. އެންމެވެސް ބުނަނީ ހުރީ ކަނޑޫދޫ މިރުސް އެކަނި ކަމަށެވެ. ކޮންމެވެސް ވަރަކަށް ތޮއްޑޫ މިރުހާއި ލާމު މިރުސް ހުރިކަންވެސް ފާހަގަކޮށްލެވެއެވެ.
މިރުހުގެ އަގަށް ބަލާލާއިރު ކަނޑޫދޫ މިރުސް އާންމުކޮށް ލިބެން ހުރީ 100 ގްރާމު 15 ރުފިޔާގެ ރޭޓުންނެވެ. ކިލޯއެއް 130 ރުފިޔާގެ ރޭޓުންވެސް ލިބެން ހުއްޓެވެ.
ބައެއް ގޮޅިވެރިން ބުނީ ކަނޑޫދޫ މިރުސް ނުގެއްލޭ ކަމަށާއި ކޮންމެ ނަމެއް ކިޔަސް ލިބެން ހުންނަނީ ހަމަ ކަނޑޫދޫ މިރުސް ކަމަށެވެ.
ކޮންމެއަކަސް ކަނޑޫދޫ މިރުސް އެނބުރި އައިސްފައިވާއިރު، ކުރީގެ ރަމަޟާން މަސް ތަކާ އަޅާބަލާއިރު އަދިވެސް ކަނޑޫދޫ މިރުހުގެ އަގު އުޅެނީ ވަރަށް ހެޔޮކޮށެވެ. މީގެ ކުރީ ރަމަޟާން މަސް ތަކުގައި ކަނޑޫދޫ މިރުސް ކިލޯއެއް 2500 ރުފިޔާއަށްވެސް ވިއްކިއެވެ.
މީގެ ސަބަބެއް ކަމަށް ބައެއް ދަނޑުވެރިން ބުނަނީ ކަނޑޫދޫ މިރުހުގެ މުޑުވައް ލަންކާއަށް ގެންގޮސް ފުޅާ ދާއިރާއެއްގައި މި މިރުސް ހައްދައިގެން ވައިގެ މަގުން މާލެ ގެނެސް ބާޒާރު ފްލަޑް ކުރުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް