އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ވެރިރަށް މާލެއިން މޭޔަރުގެ ގޮނޑި ގެއްލުނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ނުބެލުމުން ކަމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.
ދޮންބިލެތް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތު ކުރެވިފައި ހުރި ފަރާތެއް އެމްޑީޕީގެ މާލޭގެ ރައީސް ކަމަށް ނިކުތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
https://twitter.com/Dhonbiley/status/1385616940304003073?
ދޮންބިލެތް އެ އިޝާރާތް ކުރައްވަނީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަށެވެ. އެގޮތުން އަކްރަމް ވަނީ އަންނަ މަހުގެ 29 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ މާލޭގެ ރައީސް ކަމަށް ވާދަކުރައްވާނެކަން ރޭ އިއުލާން ކުރައްވާފައެވެ.
"ކައުންސިލް އިންތިހާބުގައި މާލެ އެމްޑީޕީ އަށް ގެއްލުމުގެ އަސްލަކީ އެމްއެމްޕީއާރްސީ އާއި މަރުތަކަށް އިންސާފު ނުހޯދުން. އެމްޑީޕީ މެމްބަރުން ވިސްނާނެ ވޯޓު ދޭއިރު" ދޮންބިލެތް ވިދާޅުވިއެވެ.
އަކްރަމް އަކީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ވަން ސްކޯސް އޮފް ފްލެެއާ (އެސްއޯއެފް) ކުންފުންޏާ އެކު ފައިސާ މުއާމަލާތް ކުރެއްވި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަފްސީލީ ރިޕޯޓުގައިވާ ފަރާތެކެވެ. އެގޮތުން އެސްއޯއެފްގެ އެކައުންޓުން އަކްރަމްގެ އެކައުންޓަށް 30،000 ޑޮލަރު ޖަމާކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް އެ މައްސަލަ އޭސީސީ އާއި ފުލުހުން ފަހުން ތަހުގީގުކޮށް ބެލުމަށް ފަހު ވަނީ އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް