ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ބާރު ރައީސަށް ދެނީ!

ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ. ސަރުކާރުގެ ފަރާތުން ފުވައްމުލަ...

24 Apr 2021 | 07:53

ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު މަޖިލީހަށް ހުށައެޅުއްވި، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިސްލާހުތަކެއް ގެނެސް، ޖުޑިޝަރީ ކޮމިޓީން ވަނީ މަޖިލީހުގެ ތަޅުމަށް ކޮމިޓީ ރިޕޯޓު ފޮނުވާފައެވެ.

ކޮމިޓީން ގެނައި މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ބާރު ރައީސަށް ދިނުން ހިިމެނެ އެވެ. މިހާރު ގާނޫނު އޮތް ގޮތުން އެ ބާރު ލިބިގެންވަނީ ހެލްތު މިނިސްޓަރ އަށެވެ. އަދި މިނިސްޓަރ އެކަން ކުރައްވާނީ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތުގެ ލަފާގެ މަތިންނެވެ.

ެިއިސްލާހުގައި ބުނާ ގޮތުން، ރައީސަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެއްވޭނީ އާއްމު ސިއްހަތަށް ނުރައްކާތެރި ބަލިމަޑުކަމެއް ކުރިމަތިވެއްޖެކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ޑިރެކްޓަރ ޖެނެރަލްއަށް ފެނިއްޖެނަމަ، އޭނާ އެކަން ވަޒީރަށް އަންގައި، އެކަމުގެ ލަފާ ވަޒީރަށް ދިނުމުން، ވަޒީރު ރައީސަށް ލަފާ އެރުވުމުންނެވެ. ކޮމިޓީން ބުނެފައިވަނީ ޑިރެކްޓަރ ޖެނެރަލް ވަޒީރަށް ދޭ ލަފާގެ މަޢުލޫމާތު ވަގުތުން ރައީސަށް ވަޒީރު ދޭންވާނެ ކަމަށެވެ.

ކޮމިޓީން މިގޮތަށް ނިންމީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ، މިނިސްޓަރ އިއުލާނުކުރާ ކުއްލި ނުރައްކަލުގެ ޙާލަތެއްގެ ބަދަލުގައި، ޤާނޫނު އަސާސީގެ 253 ވަނަ މާއްދާއިން އެއީ ރައީސަށް ލިބިދީފައިވާ ބާރެއްކަމަށްވާތީއެވެ.

މީގެ އިތުރުން ކޮމިޓީން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޚަރަދުކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެ އެ ޙާލަތުގައި ކުރަންޖެހޭ ޚަރަދު އިތުރުވާނަމަ، އިތުރަށް ބޭނުންވާ ފައިސާގެ މިންވަރާއި ތަފްސީލު ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ޖެހޭ ގޮތަށް ބިލު އިސްލާހުކޮށްފައެވެ.

މިގޮތަށް ކޮމިޓީން ނިންމީ އެ ހާލަތުގައި ޚަރަދުކުރެވޭ ފައިސާއާއި އެ ޚަރަދުކުރެވޭ ގޮތްތައް ދެނެގަނެވި، ކަމާ ގުޅުންހުރި ފަރާތްތައް މަޖިލީހުން ޖަވާބުދާރީކުރުވުމަށް މަގުފަހިކޮށްދިނުމަށެވެ. މަޖިލީހަށް ހުށަހަޅާ އެންމެހާ ތަފްސީލް ރިޕޯޓު، ޢާންމުންނަށް ލުއިފަސޭހަކަމާއެކު ލިބޭނެގޮތަށް، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ވެސް ޖެހޭނެ ކަމަށް ކޮމިޓީ ރިޕޯޓުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް