އެމްޓީސީސީގެ "ރައްޔިތުންގެ ދަރިން": މި ވީޑިއޯގެ ފަހަތުގައި ނިއުޝާދާއި އޭނާގެ ޓީމް !

ކޮވިޑުގެ ހާލަތުގައި ފުރަބަންދުގައި ރައްޔިތުން މިދިޔަ އަހަރުގެ ރަމަޟާން މަސް ހޭދަކުރީ ދައްޗާއި އުނދަގުލުގައެވެ. ނަމަވެސް އަލްހަމްދުލިﷲ މި ރަމަޟާން މަސް ފެށިގެން އަދި ކުރިއަށްމިދަނީ ބޮޑެތި ލުއިތަކަކާއެކ...

24 Apr 2021 | 06:30

ކޮވިޑުގެ ހާލަތުގައި ފުރަބަންދުގައި ރައްޔިތުން މިދިޔަ އަހަރުގެ ރަމަޟާން މަސް ހޭދަކުރީ ދައްޗާއި އުނދަގުލުގައެވެ. ނަމަވެސް އަލްހަމްދުލިﷲ މި ރަމަޟާން މަސް ފެށިގެން އަދި ކުރިއަށްމިދަނީ ބޮޑެތި ލުއިތަކަކާއެކު ހުޅުވާލެވި، މާ ބޮޑު ދަތިތަކެއް ނެތިއެވެ.

މި ރަމަޟާން މަހު އެންމެ ހާއްސަ ވާ އެއް ކަމަކަށް އަންނަނީ ޓީވީ ތަކާއި ސޯޝަލް މީޑިއާއިން ފެންނަ ޓީވީސީ އިސްތިހާރު ތަކެވެ. އޭގެ ތެރޭގައި އެމްޓީސީސީގެ އިސްތިހާރު ތަކާއި، އެންޒީގެ އިސްތިހާރު ތަކާއި، އުރީދޫ އިސްތިހާރު ތައް ހިމެނެއެވެ.

މި އިސްތިހާރު ތަކުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް އިސްތިހާރަކީ އެމްޓީސީސީގެ "ރައްޔިތުންގެ ދަރިން" މި އިސްތިހާރު ވީޑިއޯއެވެ. މި ވީޑިއޯއަކީ އެއަށް ގިނަބައެއްގެ ސަމާލުކަން ހުއްޓުނު ވީޑީއޯއެކެވެ. އަންހެންކުއްޖެއް ދިރިއުޅުމަށް ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ މި ވީޑިއޯ ގައި އެމްޓީސީސީ އިން ދީފައިވާ ނަމަކީ "ރައްޔިތުންގެ ދަރިން" މި ނަމެވެ.

ވީޑީއޯއިން ފެނިގެންދަނީ ކޮވިޑްގެ ހާލަތުގައި ވަޒީފާ ގެއްލިފައިވާ ބައްޕައަކާއި ވަޒީފާއެއް ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ދެ ދަރިއެއް ހިމެނޭ އާއިލާއެކެވެ. ފިރިހެން ދަރިއާއި އަންހެން ދަރިވެސް ވަޒީފާ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފިރިހެން ދަރި ބުނުމުން ބައްޕަގެ ދުލުން ނިކުތް ބަހަކުން އަންހެން ދަރިފުޅުގެ ހިތުގައި ޖޯޝެއް އުފެދުނެވެ.

ބައްޕަގެ އެ ޖުމުލައަކީ "އަންހެން ކުދިންނަށް ލިބޭނީ، ކައުންޓަރު ދަށު ވަޒީފާ އެކަނި" ކަމަށް ބުނި ބަހެވެ.

އުފެދުނު ޖޯޝުގައި، ވަޒީފާއެއް ހޯދަން ކުރި މަސައްކަތުން އަންހެން ދަރިއަށް ފެންނަނީ އެމްޓީސީސީން އިއުލާނުކޮށްފައިވާ 100 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތެވެ.

އިންޓަވިއުގައިވެސް އޭނާ ބުނަނީ ބޭނުންވަނީ "ކައުންޓަރު ދަށުގައި އިންނަން ނުޖެހޭ ވަޒީފާއެއް" ކަމަށެވެ.

ވަޒީފާގެ ދަތުރު ފަށަނީ އެމްޓީސީސީ ފެރީއެއްގެ ކްރޫއެއްގެ ވަޒީފާއިންނެވެ. މަގާމުގެ ކުރިއެރުން ހޯދަމުން، ތަފާތު އައު ތަޖުރިބާ ތަކެއް ކުރަމުން ގޮސް އެމްޓީސީސީ ޓީމްގެ މުހިންމު ތަނބަކަށް އެ އަންހެން ދަރި ވެގެންދާތަން ފެނިގެންދެއެވެ.

އިސްތިހާރު ނިމެނީ ރޯދައަށް އަންހެން ދަރި ފޮނުވި ކާޑުގެއަށް ލިބި، ބައްޕައާއި މަންމަ އަދި ބޭބެ، ކޮއްކޮ ދެކެ ފަހުރުވެރިވެ ކުރި ކޯލާއެކު ދެ ފަރާތުންވެސް ކަރުނަ ހިލިގެން ގޮހެވެ.

ބޮޑު ތަރުހީބެއް ލިބިގެން ދިޔަ މި އިސްތިހާރާއި، އަދި މި ރަމަޟާން މަހު މި ފެންނަ ގިނަ އިސްތިހާރުތަކެއްގެ ފަހަތުގައި ތިބީ އިސްތިހާރު އުފެއްދުމުގައި ދިވެހިންގެ ތެރޭގައި ކުރިންވެސް ބޮޑު މަގްބޫލު ކަމެއް ހޯދާފައިވާ ނިއުޝާދު ޝަރީފާއި އޭނާގެ ޓީމެވެ.

އޭގެ ތެރޭގައި އެންޒީގެ "އަރިހުގައި" ކެމްޕޭނުގެ ޓީވީސީތަކާއި، އުރީދޫ އާޗާ ޕްރީޕެއިޑްގެ ޓީވީސީތައް ހިމެނެއެވެ.

"ނޯވާ އެސޯސިއޭޓްސް" ގެ ނަމުގައި ނިއުޝާދާއި އޭނާގެ ޓީމު މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން ފެށި ދަތުރުގައި، މަދު ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ތަފާތު، ޓީވީސީތަކެއް މިހާރުވެސް ވަނީ ގެނެސްދީފައެވެ. އަދި ކުރިއަށް މިފަދަ ޓީވީސީތަކެއް އެބަހުރި ކަމުގެ އިޝާރާތް ނިއުޝާދު ދެއްވިއެވެ.

އެމްޓީސީސީގެ ޓީވީސީއާއި ބެހޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން ނިއުޝާދު ވިދާޅުވީ މި ވީޑިއޯއިން ދޭން ބޭނުންވި މެސެޖަކީ ކޮވިޑު ހާލަތުގައިވެސް އެމްޓީސީސީން، ޕްރޮޖެކްޓްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔަ ގެންދިއުމާއި، ދިވެހިންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވާލި ހުޅުވާލުމާއި އަދި އަންހެން ކުދިންނަށް ވެސް މި ކަންކަން ކުރެވޭނެ ކަމުގެ މެސެޖެއް ދިނުން ކަމަށެވެ.

ނިއުޝާދު ވިދާޅުވީ މި ވީޑިއޯގެ ޕްލޭނިން މަސައްކަތަށް މަހެއްހާ ދުވަސް ހޭދަވި ނަމަވެސް، ވީޑިއޯގެ އަމަލީ މަސައްކަތްތައް ދެ ހަފްތާއެއްގެ ތެރޭގައި ނިންމާލެވުނު ކަމަށެވެ.

"އަޅުގަނޑުމެންގެ ވާހަކައިގަވެސް ރައްޔިތުންގެ ދަރިއެއް އެމްޓީސީސީއަކީ. މިހާރު ރައްޔިތުން ބަލައިގަންނަ ދަރިއެއް. އެއީ އަޅުގަނޑުގެ ބޮލަށް އައި އެއްޗަކީ،" ވީޑިއޯ އިން ދައްކުވައިދީފައިވާ ކަންތައްތައް ދުވަހާ ހިއްސާކުރަމުން ނިއުޝާދް ބުންޏެވެ.

ވީޑިއޯ މީސްމީޑިއާގައި ހިއްސާކުރަމުން އެމްޓީސީސީއިން ބުނެފައި ވަނީ، ކުންފުނީގެ އެކި ވިޔަފާރި ދާއިރާތަކުގައި މަސައްކަތްކުރައްވާ ހީވާގި މުވައްޒަފުން ޤައުމު ބިނާކުރުމަށްޓަކައި އެވަނީ ޤުރުބާނީއެއް ކަމަށެވެ. އަދި އެއީ އަބުރުވެރި އަދި ޤަދަރުވެރި ދިރިއުޅުމެއް ބިނާކުރުމަށް އެ ކުރާ މަސައްކަތްތައް އެމްޓީސީސީއިން ވަނީ ބަލައިގަނެފައި ކަމަށެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ނިއުޝާދު އިތުރަށް ވިދާޅުވީ ކުންފުނިތަކަށް، ނިއުޝާދާއި އޭނާގެ ޓީމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލެވިފައި ކަމަށެވެ. އެގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ އީމެއިލް [email protected]  އަށް މެއިލް ކޮށްގެން، ނުވަތަ ނޯވާ އެސޯސިއޭޓްސްގެ ހޮޓްލައިން 7957933 އަށް ގުޅުއްވައިގެންނާއި އިންސްޓަގްރާމާއި ފޭސްބުކް ޕޭޖަށް މެސެޖު ކުރައްވައިގެން އިތުރު މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.


ނޯވާ އެސޯސިއޭޓްސްގެ ފޭސްބުކް ޕޭޖް: https://web.facebook.com/novaassociatesmv

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް