2021 ވަނަ އަހަރުގެ އައިސީޓީ ދާއިރާގެ އަންހެން ކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ވިމެން އިން ޓެކް މޯލްޑިވްސް އަދި މޯލްޑިވްސް މަނިޓަރި އޮތޯރިޓީ (އެމް.އެމް.އޭ) އާއި ގުޅިގެން "ނެކްސްޓްޖެންގަރލްސް" ގެ ނަމުގައި ކުރިޔަށް ގެންދިޔަ ވަރޗުވަލް ޓުއަރ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިހަރަކާތް ކުރިޔަށް ގެންދިޔައީ އެޕްރީލް 20، 21، 22 ވަނަ ދުވަހު ރާއްޖޭގެ ސާނަވީ އަދި މަތީ ސާނަވީ ކުދިންނަށް އަމާޒުކޮށްގެން ވަރޗުއަލްކޮށްނެވެ. މި ހަރަކާތް ކުރިޔަށް ގެންދިޔައީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެހީއާއި އެކުގައެވެ.
މި ހަރަކާތުގައި ކުދިންނަށް މަޢުލޫމާތު ދިނުމަށް ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި ސަރުކާރާއި އަމިއްލަ ކުންފުނިތައް ހިމެނޭ ގޮތަށް 11 އިދާރާއެއް ބައިވެރިވިއެވެ. މިގޮތުން ބައިވެރިވި އިދާރާތަކަކީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، އުރީދޫ، އެމް.އެމް.އޭ، ލޮޓީފައިލްސް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ބޭންކް އޮފް މޯލްޑިވްސް، ޓްރޭޑްނެޓް، އެލައިޑް އިންޝުއަރެންސް، ލޫޕްކްރާފްޓް އަދި ދިރާގެވެ.
މިޕްރޮގްރާމްގައި މީގެން ކޮންމެ އިދާރާއަކުން, ގްރޭޑް 7 އާއި 12 އާއި ދެމެދުގެ އަންހެން ކުދިންނަށް އަމާޒުކޮށް ވަރޗުއަލް ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މިސެޝަންތަކުގައި ރާއްޖޭގެ 20 އަތޮޅަށް ނިސްބަތްވާ 40 ސްކޫލުން 1400 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ.
ފެސިލިޓޭޓަރސްގެ ގޮތުގައި ބައިވެރިވި އިދާރާތަކުން އެއިދާރާތައް ހިންގުމުގައި ޓެކްނޮލޮޖީގެ ދައުރާއި ޓެކްނޮލޮޖީ ދާއިރާގެ އެކިއެކި ރޯލުތަކުގައި މީހުންގެ ކުރާ މަސައްކަތާއި ވަޒީފާގެ މައުލޫމާތު ދީފައި ވެއެވެ. އަދި މިދާއިރާއަށް ވަނުމަށް ބޭނުންވާ ކުދިން އެކަމަށް ތައްޔާރުވާނޭ ގޮތާއި ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއް ދީފައި ވެއެވެ.
ވިމެން އިން ޓެކް މޯލްޑިވްސްއާއި ގުޅިގެން ރާއްޖޭގައި އީޖާދީ އަދި އުފެންދުންތެރި ޖީލެއް ބިނާ ކުރުމަށް ކުރެވޭ މިފަދަ މުހިއްމު މަސައްކަތެއްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް އަދި ފަޚުރެއް ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. އެމްއެމްއޭއަކީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް އަބަދުވެސް މަސައްކަތް ކުރާ އިދާރާއެއް ކަމަށާއި އަދި ރާއްޖޭގެ ނިސްބަތުންވެސް އެކި ފަންތިތަކުގައި އަންހެނުންނަށް ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދީފައި އޮތްތަނެއް ކަމަށްވުމާއެކު, މިފަދަ ހަރަކާތްތައް މުސްތަގުބަލުގައިވެސް ވިމެން އިން ޓެކް މޯލްޑިވްސް އާއި ގުޅިގެން ހިންގުމަށް އުއްމީދުކުރާކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.
ކުރިގޮތުގައި މިޕްރޮގްރާމުގެ ޒަރިއްޔާއިން، އައިސީޓީ ދާއިރާގައި އަންހެންކުދިންގެ ދަރާއި ކުރިން ނޭނގޭ އެތައް މައުލޫމާތު ލިބި މިދާއިރާގެ ކުރިޔަށް ދިޔުމުގެ މަގު ހޯދަން ސިކުނޑި ތަނަވަސްވެގެން ދިޔަ ކަމަށް މި ހަރަކތުގައި ބައިވެރިވި ކުދިން ފާހަގަކޮށްލިއެވެ.
އައިސީޓީ ދާއިރާގެ އަންހެން ކުދިންގެ ދުވަހަކީ އިންޓަރނޭޝަނަލް ޓެލެކޮމް ޔޫނިއަން (އައި.ޓީ.ޔޫ) އިން ކޮންމެ އަހަރަކު, ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ. މިއީ މިދުވަސް ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ 10 ވަނަ އަހަރެވެ. މިދުވަސް ފާހަގަ ކުރުމުގެ މަގްސަދަކީ އަންހެންކުދިންނާއި އަންހެނުންގެ މެދުގައި އައިސީޓީ ދާއިރާއަށް ޝައުގުވެރިކަން އުފައްދާ, އެރޮނގުން މަތީ ތަޢުލީމާއި ވަޒީފާ ޚިޔާރުކުރުމަށް އެންހެން ކުދިންނަށް ހިއްވަރުދިނުމެވެ. މިދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 4 ވަނަ ބުރާސްފަތި ދުވަހުއެވެ. އެގޮތުން މިއަހަރު މިދުވަސް ފާހަގަކުރީ 22 އެޕްރީލް ގައެވެ.
ރާއްޖޭގައި މިދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައި ވަނީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް ވިމެން އިން ޓެކް މޯލްޑިވްސްއިން މިދުވަސް ފާހަގަކުރުމުގެ ގޮތުން އެކި ހަރާކަތްތައް ހިންގައެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދު ހިމެނޭގޮތަށް 25 ސްކޫލެއްގައި އެސެމްބްލީގައި ކަމާގުޅޭ މަޢުލޫމާތު ދިނުމާއި, އެކި އެކި ކުންފުނިތަކާއި ގުޅިގެން, އެކުންފުނިތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކާއި އަދި މިދާއިރާގެ އެކި އެކި ޓްރެއިނިންގ ސެޝަންތައް ހިންގާފައިވެއެވެ.
މި އިވެންޓް ކުރިޔަށް ގެންދިޔައީ މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިންޓަރނޭޝަނަލް ޓެލެކޮމް ޔޫނިއަން ހިންގާ އިވެންޓްތަކުގެ ބައެއްގެ ގޮތުގައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް