ކުރުވާހަކަ: އުންމީދެއް ވެޔޭ...

ލިޔުނީ: އިބްރާހީމް އާޚިރް މެންދުރުގެ އެންމެ ހޫނުގަދަ ވަގުތެވެ. ހިޔަނި ވަނީ ފައިތިލަ ދަށުގައި ފޮރުވިފައެވެ. އެންމެ ހަގަށްހުރި ފަލަކް އުނގަށްލައިގެން، އެއާއި ޖެހިގެން ދޮށްޓަށް ހުންނަ ލޫތު ގޮވައިގެން މަދ...

24 Apr 2021 | 05:06

ލިޔުނީ: އިބްރާހީމް އާޚިރް

މެންދުރުގެ އެންމެ ހޫނުގަދަ ވަގުތެވެ. ހިޔަނި ވަނީ ފައިތިލަ ދަށުގައި ފޮރުވިފައެވެ. އެންމެ ހަގަށްހުރި ފަލަކް އުނގަށްލައިގެން، އެއާއި ޖެހިގެން ދޮށްޓަށް ހުންނަ ލޫތު ގޮވައިގެން މަދަރުސާ ދޮށުން އައިސް ގެއަށްވަނީ ވަރުބަލި ފިލުވާލާނަމޭ ހިތައެވެ. ނަމަވެސް ގެއަށް ވަދެ ފޫކޮޅު ޖައްސާލުމުގެ ކުރިން ކަންފަތުގައި ޖެހުނީ ކައްކަން އުދާފައިހުރި ބަތްތެލި ކެކިގަންނަ އަޑެވެ. ދެކުދިން ގޮވައިގެން ބަދިގެއާއި ދިމާލަށް އަހަރެން ހިނގައިގަނެފައިވެސް ހުއްޓުމެއް އައީ ދިހަ އަހަރުގެ އެންމެ ދޮށީ ދަރިފުޅު، ހަނާންގެ ރުއިމުގެ އަޑު ކޮޓަރިން އިވޭތީއެވެ. ބުރުގާގައި ޖަހާފައި އިން ގޮފިކޮޅު ނައްޓާލަމުން ދަރިފުޅު އަދިވެސް މަދަރުސާއަށްދާން ތައްޔާރުނުވަނީތޯ ގޮވާލަމުން އަހަރެން ކޮޓަރިއަށްވަނީ މުޅިން އެހެން މަންޒަކަށެވެ.

ލޮލުން ހީވީ ކަރުނަތައް ސޮއްސައިގެން ދިޔަހެންނެވެ. ގައިން ވާގި ދިޔަހެން ހީވިކަމުގައިވިޔަސް، އުނގުގައި އިން ދަރިފުޅު ބޭލޭކަށް ނެތެވެ. އެކޮޔަށް އަދި 2 އަހަރެވެ. އަހަރެންނަށް ކޮޓަރިއަށް ވަދެވުނީ އަހަރެންގެ މިއަދުގެ ފިރިމީހާ، ޤާދިރު، އަހަރެން އެންމެ ދޮށީ އަންހެން ދަރިފުޅުގެ އަތުގައި އިސްތިރި ޖައްސަމުންދިޔަ މަންޒަރަށެވެ. ފަލަކު އުނގުގައި ބައިންދައިގެން އަހަރެންނަށް ބޭއިޚްތިޔާރުގައި ގޮސް ޤާދިރު ކޮށްޕާލެވުނެވެ. އޭގެ އަހުވައާއި އަނިޔާ އަހަންނަށް ހިނދުކޮޅެއްގެ ތެރޭގައި އަންނާނެކަން އެނގިހުރެއެވެ. އެކަމަކުވެސް ދަރިޔަކަށް ލިބެމުންދާ އަނިޔާ މައެއްގެ ލޮލުން ބަލާނީ ކޮން ހިތްވަރަކުންތޯއެވެ.

"ކަލޭ ތީ ކާކު އަހަރެންގެ ގޯތީގަ އަހަރެން ކުރާ ކަމަކާ ބެހެން؟ ހަނދާން ކުރާތި ތިހެން އައިސް އަހަރެންގެ ގައިގަ ދެން އަތްލައިފިއްޔާ މީނަ ހަނާނުވެސް ބޮޑުވާނީ ހަމަ ތިހެން". ޤާދިރު އައިސް އަހަރެންގެ ކަރުގެ ލަނގޮޑީގައި ކަނާތުގެ ދެ އިނގިލިން ހިފައި އިންޒާރުދިނެވެ. އަދި ބުންޏެވެ "މިގޭގަ އުޅެންޏާ އޭނައަށްވެސް ބަތް ކައްކަން އެނގެންޖެހޭނެ. ދެން އަހަރެން ކަމަކު ކިޔާ އިރު ނޭނގޭ ބުނެފިއްޔާ އިސްތިރި އެއް ނޫން، އަލިފާން ޖައްސާނީ".

ޤާދިރުގެ ފަރާތުން އަހަރެންނަށް ލިބޭ ނަފްސާނީ އަދި ޖިސްމާނީ އަނިޔާއަކީ އޭގެ ކޮޅުނެތް ވާހަކަތަކެވެ. މެންދަމު ދޭއް ތިނެއްގެ ކުރިން ނިދިޔަ ނުދޭއިރު، ފަތިހު 5 ނުޖަހަނީސް ތެދުވާންޖެހެއެވެ. ތައްޔާރުކޮށްދޭ ކޮންމެ ނާސްތާއެއްގައި، ޤާދިރު ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު އަހަރެންގެ ހަށިގަނޑަށް ލަކުނު އަރުވާލައެވެ. މިއަދު އަހަރެން ޤާދިރުގެ ހިޔާވަހިކަމުގެ ދަށުގައި މި އިންނަނީ ބޭނުންވެގެންނެއް ނޫނެވެ. ތިން ދަރިންގެ ޙައްޤުގައި މަޖުބޫރުވެގެންނެވެ. ޤާދިރަކީ އަހަރެންގެ ތިންވަނަ ފިރިމީހާއެވެ. އަދި އެންމެ ހަގަށްހުރި ފަލަކްގެ ބައްޕައެވެ. ފާއިތުވެ ދިޔަ ދެ ކައިވެނީގައިވެސް އަހަރެންނަށް ހުސްވެސް އޮތީ އަނިޔާވެރިކަމެވެ. ގައިގަ އަލިފާން ދަނޑިޖެއްސުމާއި އިލޮށީގެ ދިލައެރުވުމެވެ. ކާން ނުދީ ބެއިންދިނުމާއި ގޭގައި ބަންދުކޮށްފައި ބެއިންދުމެވެ. މިއަނިޔާވެރިކަމުގެ ވާހަކަ މީހެއް ގާތުގައި ދައްކަފާނެތީ، މުޅި މޫނުގައި ވަޅިން ކޫރުން އަޅުވައި ލަކުނުޖެހުމެވެ. މިއަދު އަހަރެންނަށް މިވަނީ މަޖުބޫރީ ޙާލަތުން މުޅި ހަށިގަނޑު ނިވާކުރަންޖެހިފައެވެ. ދެލޮލާއި ދެ ބުމައާއިވެސްމެއެވެ.

ހަނާންގެ އަތުން ނަގަމުންދިޔަ ދިލައަކީ އަހަރެންވެސް އިޙްޞާސްކުރި ދިލައެކެވެ. އެ ނިޔަނެތި ދަރިފުޅު ގިސްލަގިސްލާފައި ރޮނީއެވެ. ޤާދިރުގެ ބިރުވެރި އިންޒާރުތަކާއި އަނިޔާވެރިކަމުގެ ތެރެއިންވެސް، އަހަރެން ހިތްވަރެއް ލާފައި ތެދުވީ ހަނާންގެ މަދަރުސާ ދަބަހުން ދިޔާ ތެރަސް ފުޅި ނަގައި ފިހިފައި އޮތް އަތުގައި ހާކާލުމަށެވެ. ތެރަސްފުޅި ހިފައިގެން އައިސް ހަނާނުގެ ކުރިމަތީގައި ދެފައި ވަށްކޮށްލައިގެން އިނދެ، މަތި ނަގައި އޮއްސާލުމުގެ ކުރިން އަހަރެންގެ ވާތު އަރިކަށިމަތީގައި އަނެއްކާވެސް ޤާދިރުގެ ފައިން އޭނާގެ ފިރިހެންވަންތަ ބާރުމިނުގައި ޖަހައި ކޮށްޕާލިއެވެ. އޭރުވެސް ފަލަކް އިނީ އަހަރެންގެ އުނގުގައެވެ. ކޮޓަރި އުތުރު ފާރުގައި ހުރި އަލަމާރި ދޮރުގައި ލެނގިގެން ފެންކަޅިވެފައިވާ ލޮލަކުން މި މަންޒަރު ބަލަމުންދިޔައީ މާދަމާ އަހަރެންގެ ދިފާޢުގައި ނުކުންނަން ހުރި 7 އަހަރުގެ ލޫތުއެވެ. އެކަމަކު މިއަދު ލޫތުއަށް އަހަންނަށް ވެދެވޭނެ އެހީއެއް ނެތެވެ. މަންމައަށް ކުރަމުންދާ އަނިޔާއަށް ބިރުންހުރެ ބެލުން ނޫން ކަމެއް އެދަރިފަކީރު ކުރާނީ ކިހިނަކުންތޯއެވެ!

އަހަރެންގެ އަތުން ވެއްޓުނު ތެރަސްފުޅި ނަގައި އަހަރެންގެ ބުރުގާ މަތިން އިސްތަށިގަނޑަށް އަޅަމުން ޤާދިރު އަނެއްކާވެސް އޭނާގެ ގަދަކަން ދެއްކޭތޯ މަސައްކަތްކުރިއެވެ. "ރީނާ ބުނަންތަ ވާހަކައެއް؟ އަހަރެން ކަލެއަށް ކުރާ ޚަރަދު ތިހިރަ ފެންނަ ހަނާނަށްވެސް ކުރަންޖެހޭ. އަހަރެން ހަނާނު ގައިގަ ޖަހާ ލަކުނެއް ފިލުވަން މަސައްކަތް ކުރަން ކަލޭތީ ކާކު؟ ހަނާނުވެސް ބޮޑު ވާނީ ހަމަ ކަލޭ ބޮޑުވިހާ އަނިޔާވެރިކޮށް"

ޤާދިރުގެ އެ ޖުމްލައިން އަހަންނަށް ލިބުނީ ޤާދިރުކުރަމުން ދިޔަ އަނިޔާއާއި، ދެމުންދިޔަ އިންޒާރާއި ހަނާނާއި ލޫތާއި ފަލަކުގެ ރުއިމުގެ އަޑުގެ އިތުރަށް އަނެއްކާވެސް ބޮޑު އަނިޔާއެކެވެ. ތިން ދަރިން އުނގަށްލައިގެން، ކޮޓަރީގެ ބިތަކަށް ޖެހިފައި އިނދެ އަހަންނަށް ވަދެވުނީ އެ ހަނދާނެއް އަހަރެން އައު ކުރަން ބޭނުންނުވާ ހަނދާނަކަށެވެ. އެ ދުވަސްތަކެއް ދެވަނަ ފަހަރަށް ތަކުރާރު ނުވުމަށް އެތައް ދުޢާއަކާއި އާދޭހެއް ﷲ ގެ ޙަޟްރަތަށް ކުރެވުނު ދުވަސްތަކަކަށެވެ. އެއީ އަހަރެންގެ ޅަފުރާގެ ދުވަސްތަކެވެ.

ކޮންމެ ކުޑަ ކުއްޖަކެކޭ އެއްފަދައިން އަހަރެންވެސް ބޮޑުވަމުން އައީ ރަށުގެ އަތިރިމަތީ ރާޅުތައް ބިންދަމުންދިޔަ ތެތްވެލިގަނޑު މަތީގައެވެ. ބަނބުކެޔޮ ގަސްތަކުގެ ވަށައި ދުވެ، މިދިލި މަދު ހޮވަމުން އުނގަށް އަޅަމުންނެވެ. އަރެންނަށްވުރެ ދެ އަހަރު ދޮށި، އަހަރެންގެ އެއްބަނޑު އެއްބަފައި ދައްތަ ލީނާއާއިއެކު ބަތްކައްކާ ކުޅެން އުޅެމުންނެވެ. ނަމަވެސް، އަހަރެމެން ދެބައިންނާއި އަހަރެމެންނާއިއެކު ކުޅެން އުޅޭ ގޭދޮށު ކުދިންނާއި ދެމެދު ދުވަހަކުވެސް ކަޑައްތު ނުކުރެވޭހާ ފަރަޤެއް އޮތެވެ. ދުނިޔޭގެ ކަން ހިނގާ އުސޫލަށް ބަލައިފިނަމަ މިވާހަކަތައް ޤަބޫލުކުރާނެ މީހަކުވެސް ނޫޅޭނެއެވެ. ނަމަވެސް، އަހަރެންނާއި އަހަރެންގެ ދައްތައަކީ، ހަނދާން ހުންނަން ފެށީއްސުރެ، އުފަން މަންމައާއި ބައްޕަގެ އަނިޔާގެ ޝިކާރައަކަށްވެފައިވާ ދެމީހުންނެވެ. ހަމައެކަނި ޖިސްމާނީ ގޮތުން ކޮށްލާ އަނިޔާއަކުން ނުވަތަ ނަފްސާނީ ގޮތުން ދައްކާލާ ބިރަކުން ނިންމާލީއެއްނޫނެވެ. އަހަރެމެންގެ ދެބައިންނަށް ކޮންމެ ދުވަހަކު ދިޔައީ ޖިންސީ އެތައް އަނިޔާއެއް ދެމުންނެވެ.

ގަޔަށް އެއްޗެއް ނުލައްވާ ގޭތެރޭގައި އުޅެން ޖެއްސުމާއި، ހަށިގަނޑުގެ ނާޒުކު ގުނަވަންތަކުގައި ވަކި އިލޮށިން ޖެހުމާއި، މަންމައާއި ބައްޕަގެ އެކުވެރިން އަހަރެމެންނާއި 'ކުޅެލަން' ގެއަށް ގެންނަ ގެނައުމަކީ އާންމުކަންކަމެވެ. އިއްޔެވީ ކަމެއް ފަދައިން އަދިވެސް ހަނދާންވަނީ މަދަރުސާގެ ގުރޭޑު 3 އަހަރެން އުޅުނު އަހަރު، އަހަރެންގެ އެއްބަނޑު އެއްބަފައި ދައްތަ، އުމުރުން އެންމެ 11 އަހަރުގައި އަމިއްލައަށް ދަން ޖެހިގެން މަރުވި ދުވަހެވެ. އަހަރެންނަށް ކުރަމުން ދިޔަ އަނިޔާގެ ދެގުނަ ދައްތައަށް ކުރަމުން ދިޔަތަން ހުދު މި ދެލޮލުން އެތައް ފަހަރަކު ދުށީމެވެ. އެ ލޮބުވެތި ކިޔަމަންތެރި، ބަސްމަދު ދައްތަ ދުނިޔެއިން ދިޔައީ އަމިއްލަ މަންމައާއި ބައްޕަގެ އަނިޔާއަށް އެ ކުޑަ ކުޑަ ފުރާނައަށް ކެތްނުކުރެވިގެންނެވެ.

އޭރުވެސް މިހާރުވެސް އަހަރެންގެ ހިތުގައި އުފެދެނީ އެންމެ ސުވާލެކެވެ. އެފަދަ އަނިޔާއެއް، އެހާ ޅަ އުމުރެއްގައި، ކުށެއް ކުށްފާފައެއް ނެތް މައުސޫމު ދެ ދަރީންނަށް، އަމިއްލަ މަންމައާއި ބައްޕަ ދޭންވީ ކޮން ސަބަބަކާއި ހުރެބާވައެވެ. އަހަރެމެންގެ ކުށަކީ އަންހެންކުދީންނަށްވުން ބާވައެވެ. ނުވަތަ ދުނިޔޭގެ އަލިކަން ދެކުންބާވައެވެ. ކިތަންމެ ވަރަކަށް ކެތްތެރިވިޔަސް، އަދި ހިތްވަރުކުރި ކަމުގައިވިޔަސް، މި ހަނދާންތަކާއި އިޙްޞާސް ފިލައިދާނީ ކިހިނަކުންހެއްޔެވެ. ލޯގަނޑު ކުރިމައްޗަށް އަރާލާ ކޮންމެ ފަހަރަކު ފެންނަނީ ލަކުނުން ފުރާލެވިފައިވާ ތުނި ހަންގަނޑެކެވެ. ލޮލުގެ ތާޒާކަން ގެއްލި ރޯ މިރުހެއްފަދަ ރަތް ލޮލެކެވެ. ލޭގެ ކުލަވަރު އަރާފައިހުންނަ އަނިޔާގެ ފާރުތަކެވެ.

ހަނދާންހުންނަ ހިސާބުން ފެށިގެން އަބަދުވެސް ބޭނުންވެފައި ހުންނަނީ ގެއިން ނުކުމެ އަމިއްލަ ދިރިއުޅުމެއް ފެށުމަށެވެ. އަނިޔާގެ ވާހަކަތައް ކިޔައިދެވޭނެ ފަދަ އަޑު އަހާ، ލޯބިދޭނެ ފިރިޔަކާއިއެކު ރައްކާތެރި މާހައުލެއްގައި ދަރީން ތަރުބިއްޔަތު ކުރުމަށެވެ. މިހާ ފުން އުންމީދަކާއިއެކު ހުއްޓައި، އަހަރެންގެ އުއްމީދު ގަނޑުފެންގަނޑެއް ވިރުވާލިހެން ފުނޑުފުނޑުކޮށްލީ ހަމަ އަހަރެންގެ ލޯބިވާ މަންމައާއި ބައްޕައެވެ. މަދަރުސާގައި ގުރޭޑު ނުވައެއްގައި ކިޔަވަމުން ދަނިކޮށް، ބައްޕަގެ މަސްއޮޑި ދުއްވަމުންދިޔަ އަހަރެންނަށްވުރެ 6 އަހަރު ދޮށީ އަރުހަމްއާއި ކައިވެނިކުރުވައިގެންނެވެ. އަހަރެން ރުހޭތޯ އަހައިނުލިއިރު، ކައިވެނި ކުރުވާން އުޅޭކަންވެސް އަހަރެންނަށް އެނގުނީ ކައިވެނި ކުރުމުގެ އެއްދުވަސް ކުރިންނެވެ.

އަހަރެންގެ ހިތާއި ދެކޮޅަށް ކުރި ކައިވެނި ކަމުގައިވިޔަސް، ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ހިތަށް ލިބެދޭނެކަމުގެ އުއްމީދު އޮތެވެ. އެހެންނަމަވެސް، މިކަންވެސް ހާސިލްނުވާނެކަން އަހަރެންނަށް އެނގުނީ ކައިވެނީގެ އެންމެ ފުރަތަމަ ރެއެވެ. އަހަރެންގެ އަތުގައި ހިފާލުމުގެ ބަދަލުގައި ޖެހީ ކޮޅުފައިންނެވެ. އަހަރެންގެ ކަންފަތަށް ވަދެގެން ދިޔައީ އަދިވެސް ހަނދާނުން ނުފިލާ ބަސްތަކެކެވެ. "ތިކަހަލަ ހަޑި މުޑުދާރު މީހެއް އަހަރެންގެ ގައިގަ އަތްނުލާތި، އަހަރެން ކަލޭއާއި އިނީ ކަލޭ ރީތި ވެގެނެއްނޫން. ކަލޭގެ ބައްޕަ އަހަރެންނަށް ބޮޑެތި އަދަދުން އަހަރެންނަށް ނަގުދު ފައިސާ ދޭނެކަމަށް އެއްބަސްވުމުން. އަދި ކަލޭގެ ތި ބަލިކަށި ނަފްސަށް އަހަރެން ބޭނުން ގެއްލުމެއް ދެވޭނެކަމުގެ ޔަޤީންކަން ދިނުމުން"

އަހަރެންނަށް އަނިޔާ ކުރަމުން ދިޔައީ އަހަރެންގެ މައިންބަފައިންނެވެ. އަހަރެންނަށް އަނިޔާކުރެވޭނެ މަގު ތަނަވަސްކޮށްދެމުން ދިޔައީވެސް ހަމަ އެ މައިންބަފައިންނެވެ. އެ މަންމައާއި ބައްޕައަކީ އަހަރެން މި ދުނިޔެ އައުމުގެ މާއްދީ އަސްލެވެ. އަދި ދިރިހުރުމުގެ މައުނަވީ އަމާޒެވެ. ކަން މިހެން އޮތް އިރު، އަހަރެންގެ ރައްކާތެރިކޮށްދީ، އަހަރެންނަށް ރަނގަޅު ދިރިއުޅެމެއް ހޯދައިދޭން ތިބި މަންމައާއި ބައްޕަ އަހަރެންނަށް ދެމުން ގެންދިޔަ އަނިޔާގެ ހިމާޔަތަށް އެދި އަހަރެންދާނީ ފަހެ އިތުރު ކާކު ކައިރިއަށްހެއްޔެވެ. މިތަން ދޫކޮށް ވަންނާނީ ފަހު ކޮށް ގެދޮރަކަށްހެއްޔެވެ. ރަށުގައި ބަސްކިޔޭ އަދި ފައިސާ ހުރި ބައްޕައަކަށް ވީތީ، އަހަރެންގެ  ވާހަކަ ޤަބޫލުކުރާނީ ކާކު ކޮން ހަމަޔަކުން ހެއްޔެވެ؟

މާޔޫސްކަމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު އަތުގެ ނުފުށުން ކަރުނަތައް ފުހެލީމެވެ. ނެތް ހިތްވަރު ނެރެމުން އިށީންދެ އިންތަނުން ތެދުވެ، ހަނާންގެ އަތުގައި ތެރަސް ފުޅިން ތެރަސް ހާކަން ފެށީމެވެ. އަދި ފެންކަޅިވެފައިވާ ހާލު މިވޭނީ ދިރިއުޅުމުން ނުކުމެ ރައްކާތެރިކަމުގެ އައްސޭރިއަކަށް ދެވޭނެ ގޮތަކާއި މެދު ވިސްނަން ފެށީމެވެ. މިގޮތަށް ވިސްނައި އުންމީދު ކުރުމަކީ އަހަރެން އަލަށް ކުރާ ކަމެއްނޫނެވެ. މިގެއިން ނުކުމެގެން ގޮސް އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރަން ކިތަންމެ ފަހަރަކު ހިތަށް އަރައެވެ. އަހަރެންގެ ތިން ކުދިންނަށްޓަކައިވެސް މީހެއްގާތުގައި މިވާހަކަ ބުނަން އެތަށް ފަހަރަކު އަނގަ ހުޅުވާލަމެވެ. ނަމަވެސް ބުނާނެ ހިތްވަރު ނުލިބެނީއެވެ. ޤާދިރުދެކެ ގަންނަ ބިރެއްގެ ބޮޑުކަމުންނާއި ކުޑަކުޑަ ތިން ދަރިންނަށް ވެދާނެ ދެރަ ގޮތަކާއިމެދު ވިސްނި ހިތްބިރުގަންނަނީއެވެ.

އެރޭ އެތަށް ދަމެއްވީ އިރުވެސް އަހަންނަކަށް ނުނިދުނެވެ. އަހަރެންގެ ދިރުއުޅުމަށްވުރެ ބޮޑަށް އަހަރެންގެ ދަރިންގެ ދިރިއުޅުމަށް އެޅިފައިވާ ކަޅު ހިޔަންޔާއި ބަދުނަސީބާއި މެދު ވިސްނި މާޔޫސްވަނީއެވެ. ޚާއްސަކޮށް ހަނާން އާއި ދިމާލަށް މިއަދު ޤާދިރު އެބުނި އެއްޗަކުން އަހަރެންނަށް މިއަދު ހަމަޖެހުމުގެ ނޭވާއެއްވެސް ނުލެވެއެވެ. އަހަރެންގެ މަގަތުން ނިދާފައިތިބި ލޫތު އާއި ފަލަކްގެ މައުސޫމު މޫނަށް ބަލާލަމުން އަހަރެން ތެދުވެ ހިނގައިގަތީ ޖެހިގެން ހުރި ކޮޓަރީގައި ނިދާފައި އޮތް ހަނާން ކޮބައިތޯ ބަލާނުލައި ނުނިދިގެންނެވެ.

ކޮޓަރިން ބޭރަށް ފިޔަވަޅެއް އެޅުމާއެކު އަހަރެންނަށް ބަދިގެ ފަރާތުން ދެމީހަކު ވާހަކަދައްކާ އަޑު އިވޭހެން ހީވިއެވެ. މަޑުމަޑުން ގޮސް ބަދިގެ އާއި ދިމާލުން ގޭތެރެއަށްވާ ކުޑަދޮރުން އެފަރާތުގައި މިއޮށް ދަންވަރު އުޅެނީ ކޮން ބައެއްތޯ ބަލާލީމެވެ. އަހަރެންނަށް ފެނުނީ ޤާދިރާއި އިތުރު ފިރިހެނެއް އެތަނުގައި ސިއްރުސިއްރުން ކޮންމެވެސް ވާހަކައެއް ދައްކާ ތަނެވެ. އެދައްކަނީ ކޮންވާހަކައެއްކަން ނޭނގި ހުއްޓާ އަހަރެންނަށް ފެނުނީ އެމީހަކު ޤާދިރުއަށް ފައްސަތޭކައިގެ ނޫޓު ބޮނޑިއެއް ދިއްކޮށްލިތަނެވެ. ޤާދިރުގެ ތުނބުގައި އޮތް ސިނގިރޭޓް ދަމާލަމުން އެ ފައިސާ ބޮނޑި ޖީބަށްލިއެވެ. އަދި އެމީހާގެ އަތުގައި އޮތް ސިނގިރޭޓް ރޮއެކޮށްދެމުން ނުބައި ހިނިގަނޑެއް ޖަހާލިއެވެ. ވާހަކައިގެ ތެރެއިން ޤާދިރުގެ އަތުގެ އިޝާރާތުން ހަނާން ނިދާފައި އޮތް ކޮޓަރި އެމީހާއަށް ދައްކާލިއެވެ. އަހަރެންނަށް މިވާން އުޅޭގޮތް އެނގޭކަށް މާގިނަ އިރުތަކެއް ނުނެގިއެވެ. އަހަރެންގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގަތްހެނެވެ. ލިބުނު ސިހުމުން އަހަރެންގެ ބޮލަށް އެނބުރުން އަރައިގަތެވެ. ބޭއިޚްތިޔާރުގައި އަހަރެންނަށް ހަނާން ނިދާފައި އޮތް ކޮޓަރިއާއި ދިމާލަށް ދުއްވައިގަނެވުނެވެ. އަހަރެންގެ މާޒީގެ ކަޅު ސޮފުހާތަށް ލޯމަތީގައި ސިފަވަމުން ދިޔައެވެ. ހަނާންއަށް ގޮވައި ހޭލައްވައިގެން ސިކުންތު ކޮޅެއްގެ ތެރޭގައި އަހަރެން ލޫތުއާއި ނިދާފައި އޮތް ފަލަކް ކޮނޑު މައްޗަށްލީމެވެ. ދެން ހަދަންވީ ގޮތެއް ނޭނގިފައި އަހަރެންނަށް އިރުކޮޅަކު އެނދުކައިރީގައި ހުރެވުނެވެ. ކުއްލިއަކަށް އަހަރެންގެ ހަނދާނަށް އައީ ލޫތުގެ ސްކޫލު ފީ ދެއްކުމަށް އަހަރެން ގޭގޭގައި މަސައްކަތް ކޮށްދީގެން ހޯދައި، ތަރުފާލު ދަށުގައި ފޮރުވާފައިވާ ތިން ހާސް ރުފިޔާގެ މަތިންނެވެ. އަވަސް އަރުވާލައިފައި އެ ރުފިޔާ ނަގައިގެން ތިން ކުދިން ގޮވައިގެން އެކޮޓަރީގެ ކުޑަދޮރުން ގޭގެ ދޮރުމައްޗަށް އަހަރެން ފޭބީމެވެ. އަދި ގެއިން ބޭރަށް ދުއްވައިގަތީމެވެ.

ދެވޭ ނުދެވޭ އެއް އަހަރެންނަކަށް ނޭނގެއެވެ. އެއަށްވުރެ އަހަރެން ގަނެފައިވާ ބިރާއި ލިބިފައިވާ ޝޮކު މާބޮޑެވެ. ކަރުނަތައް ލޮލުގައި ގިނަވެ އަހަރެންގެ ފެނުން ވަނީ ފުސްވެފައެވެ. ރޮމުން ގިސްލަމުން އަހަރެން ދުވަމުން ދިޔައިރު ހަނާން އާއި ލޫތު އަހަރެން ގާތުގައި ވީ ކިހިނެތްތޯ ސުވާލުކުރި އަދަދެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އަހަރެން ދުވުން ހުއްޓާލީ ވަރުބަލިވެ އިތުރަށް ކުރިއަށް ނުދެވޭވަރު ވުމުންނެވެ. ބިންމަތީގައި އިށިންނަމުން އަހަރެން ބާރަށް ގިސްލާފައި ރޯންފެށީމެވެ. ދަންވަރުގެ ހަމަހިމޭން ވަގުތު އަހަރެންގެ ރުއިމުގެ އަޑު މުޅިތަނުގައި ގުގުމާލާފައިވިއެވެ. އަހަރެން މިދަނީ ކޮންތާކަށް ކަމެއް މިކުރަނީ ކީއްކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އަހަރެންނަށް އިނގޭހާވެސް އެއްޗަކީ އަހަރެންގެ ދިރިއުޅުމުގައި ޖެހުނު ވޭނީ ލަފުތައް އަހަރެންގެ ދަރިންގެ ދިރިއުޅުމުގައި ޖެހުނަ ނުދޭނެ ކަމެވެ. އެކަމަށްޓަކައި އަހަރެންގެ ފުރާނަ ދޭން ޖެހުނަސްހެވެއެވެ. ކަރުނަތައް ފުހެމުން އަހަރެންގެ ލޮލުގެ ކޮއެ ފަދަ ތިންކުދިންގެ ގައިގައި އޮޅުލަމުން އަހަރެން މިއިނީ ކޮންތާކުތޯ ވަށާ ހޯދާލީމެވެ. އަހަރެންނަށް އިނދެވުނީ އަތިރިމަތީގައެވެ. އެއިރު އަހަރެންގެ ރުއިމުގެ އަޑަށް ބޯޓުތައް އަޅާފައިވާ ދިމާލުން ދެތިން މީހުން އަހަރެންނާއި ދިމާލަށް އާދެއެވެ. އެއްވެސް ވިސްނުމެއްނެތި އަހަރެން އެބޯޓު ފުރަނީ ކޮންއިރަކުތޯ ސުވާލުކުރީމެވެ. ފަތިހު ފުރާކަން އެނގުމާއި އެކު އަހަރެންގެ ތިން ކުދިން ގޮވައިގެން އެބޯޓަށް އެރީމެވެ. ކޮންމެ ތަނަކަށް ދެވުނަސް ހެވެއެވެ. މި ނަރަކައެއް ކަހަލަ ތަނުން ސަލާމަތްވެވި އަހަރެންގެ ކުދިންނަށް އުފާވެރި ހަޔާތެއް ހޯދައިދެވިއްޖެނަމަ އަހަރެންގެ ހުރިހާ އުއްމީދެއް ފުރިހަމަވީއެވެ.

ބޯޓު ނެރުން ނުކުމެގެން ދިޔައިރު އެންމެ ފަހު ފަހަރަށް އަހަރެން ރަށާއި ދިމާލަށް ބަލާލީމެވެ. ދެން ދުވަހަކުވެސް މިތަން ދެކޭކަށް އަހަރެންގެ ހިތެއް ނޭދެއެވެ. އަހަރެން މިދަނީ ގޮސް ވަންނާނެ ގެދޮރެއް އަޅާލާނެ އާރެއް ޔާރެއް ނެތްކަން އެނގޭ ހާލުގައެވެ. އެހެނެއްކަމަކު އަހަރެންގެ މިކުޑަ ތިންދަރިންނަށްޓަކައި ކޮންމެވެސް ތަނަކުން ވަޒީފާއެއް ހޯދައި ދިރިއުޅުމައިގެން ކުރިއަށްދާނެކަމުގެ އުއްމީދުގައެވެ. އަހަރެންގެ ހަޔާތުގައިވެސް ނުލިބޭހައި ހިތްވަރު މިރޭ އަހަރެންނަށް ލިބިއްޖެއެވެ. އަހަރެންގެ ދިރިއުޅުމާމެދު މުޅިން އާއުއްމީދެއް ކުރެވެން ފެށުނެވެ. ކަނޑުގެ ރާޅުތަކަށް ކަޅި ހުއްޓާލައިގެން ތިންކުދިން ގަޔާއި ބޮނޑިކޮށްލައިގެން އިން އިރު އަހަރެންގެ ތުންފަތުގައި ކުޅެމުން ދިޔައީ އުއްމީދީ ހިނިތުންވުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް