މި ޤައުމު ޖިންސީ އަނިޔާގެ ހާއްޔަކަށް ވިޔަނުދެއްޗެވެ!

ސައްތައިންސައްތަ މުސްލިމް މި ގައުމުގައި މާ ނޭއްދާރު ކަންކަން މި ދަނީ ވައިހިއްޕަމުންނެވެ. މީގެ ތެރޭން އެއް ކަމަކީ ޖިންސީ ގޯނާ ނުވަތަ ޖިންސީ އަނިޔާއެވެ. ނޫނީ ޖިންސީ ފުރައްސާރައެވެ. ޖިންސީ އަނިޔާ އަކީ މީ...

24 Apr 2021 | 00:42

ސައްތައިންސައްތަ މުސްލިމް މި ގައުމުގައި މާ ނޭއްދާރު ކަންކަން މި ދަނީ ވައިހިއްޕަމުންނެވެ. މީގެ ތެރޭން އެއް ކަމަކީ ޖިންސީ ގޯނާ ނުވަތަ ޖިންސީ އަނިޔާއެވެ. ނޫނީ ޖިންސީ ފުރައްސާރައެވެ.

ޖިންސީ އަނިޔާ އަކީ މީހެއްގެ ރުހުމާ ނުލާ، އޭނާގެ ޖިންސީ ގުނަވަނަކަށް ނުވަތަ އެހެން ގުނަވަނަކަށް، އެހެން މީހެއްގެ ހަށިގަނޑުގެ އެއްވެސް ބައެއް ނުވަތަ އެއްޗެއް ވެއްދުމެވެ. ޖިންސީ ގޯނާ އަކީ މީހެއްގެ ރުހުމާ ނުލާ އޭނާގެ ޖިންސީ ގުނަވަނެއްގައި މީހަކު އަތްލުން ނުވަތަ އެއްވެސް އެއްޗެއް މެދުވެރިކޮށްގެން އަތްލުމެވެ. މީހެއްގެ ޖިންސީ ގުނަވަނެއް އޭނާގެ ރުހުމާ ނުލާ ހާމަ ކުރުވުމާއި މީހެއްގެ ޖިންސީ ގުނަވަނަކަށް އޭނާގެ ރުހުމާ ނުލާ ހާނީއްކައެއް ނުވަތަ އިހާނެތި އަމަލެއް ކުރުމަކީ ވެސް ޖިންސީ ގޯނާއެވެ.

ޖިންސީ ފުރައްސާރައަކީ ވަރަށް ގިނަ ކަންކަމަށް ނިސްބަތްކުރެވޭ ލަފުޒެކެވެ، އެގޮތުން، ފޮށުމުގެ ގޮތުން ތުނބުން ފުމުމާއި އުނދަގޫވާ ގޮތަށް ޖިންސީ ގުނަވަނަކަށް ބެލުމެވެ. ހަށިގަނޑުގެ އެއްވެސް ތަނެއްގައި ބީހުން ނުވަތަ ބެއްދުން އަދި ސަލާމްކުރުމުގެ ނަމުގައި އަތުގައި ހިފުމަށް ފަހު، ދޫނުކޮށް އަތަށް ފިތުން ނުވަތަ ކޮއްޓުމެވެ. މީގެ އިތުރުން، އޮރިޔާން ކާޑު ނުވަތަ ބަދުއަހުލާގީ އަމަލު ހިންގަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯ، ކުރެހުން، ވީޑިއޯ ދެއްކުމާއި ފޮށުމުގެ ގޮތުން ހަށިގަނޑުގެ ގުނަވަންތަކަށް ނިސްބަތްކޮށް ޖިންސީ ގޮތުން ނޭދެވޭ ވާހަކަ ދައްކާ ސަމާސާ ކުރުން ހިމެނެނީ ވެސް ޖިންސީ ފުރައްސާރައިގެ ގޮތުގައެވެ.

"ރޭޕްކުރުން" އާންމުކޮށް އިވެމުންދާ ލަފުޒެއް؛ އަސްލު ރޭޕްކުރުމަކީ ކޮބާ؟

ރޭޕް ކުރުމަކީ ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ ދެމެދުގައި މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ އެހެން ގުނަވަނަކަށް ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް އެމީހެއްގެ ރުހުމާ ނުލާ ވެއްދުމެވެ. އެކަމަކު ވަރީގެ މަރުހަލާގައި އަނބިމީހާގެ ރުހުމާ ނުލާ ޖިމާއުވުމާއި، ވަރިނުވިއަސް ދެ މީހުން އެއްބަސް ވެފައިވާ ގޮތުގެ މަތިން ވަކިން ދިރިއުޅެމުން ދަނިކޮށް ރުހުމާ ނުލާ ޖިމާއުވުން އިސްތިސްނާވާނެއެވެ. ރޭޕްކުރުމަކީ އިނގިރޭސި ލަފުޒަކަށް ވާއިރު، ދިވެހިބަހުން ބުނާ ނަމަ ރޭޕްކުރުމަކީ ގަދަކަމުން ޖިންސީ ގުޅުމެއް ހިންގުމެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ އެންމެ ގިނައިން ކުރަނީ ކޮންބައެއް؟

ރަށްރަށާއި، އަތޮޅުތެރޭގައި ގާއިމްކޮށްފައިހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކަށް ހުށަހެޅޭ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭ މައްސަލަތަކަށް ބަލާއރު ކުޑަކުދިންނަށް އެންމެ ގިނައިން ޖިންސީ ގޯނާ ލިބިފައިހުރިކަމަށް ފާހަގަކުރެވިފައިވަނީ އެކުދިން ދަންނަ އަދި އެކުދިންނާއި ނުވަތަ އެކުދިން ނިސްބަތްވާ އާއިލާއާއި ގުޅުން އޮތް މީހެކެވެ. ކުޑަކުއްޖަކަށް މީހަކު ޖިންސީ ގޯނާ ކުރާތަން ފެނިއްޖެނަމަ، ނުވަތަ އެފަދަ ގޯނާއެއް ލިބުނު ވާހަކަ ކުޑަކުއްޖަކު ބުނެފިނަމަ ނުވަތަ ކުޑަކުއްޖަކަށް މީހެއްގެ ފަރާތުން ޖިންސީ ހާނިއްކަ ލިބެމުންދާ ކަމަށް ޝައްކުކުރެވޭނަމަ އެކަމެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ވަގުތުން ރިޕޯޓް ކުރަންވާނެއެވެ. މީގެ އިތުރުން ކުޑަކުއްޖަކަށް މީހަކު ޖިންސީ ގޯނާ ކުރާތަން ފެނިއްޖެ ހިނދެއްގައި އެމީހެއްގެ ކިބައިން ކުއްޖާ ސަލާމަތްކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރަންވާނެއެވެ. ކުޑަކުއްޖަކަށް މީހަކު ޖިންސީ ގޯނާ ކުރާކަން އެނގިހުރެ އެކަން ސިއްރުކުރުމަކީ ކުށެކެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގައި ބުނާގޮތުން އެފަދަ ކަމެއް ސިއްރުކުރިކަން ޝަރީއަތަށް ސާބިތުވެއްޖެނަމަ އެކަން ކުރި މީހަކު ހަ މަސް ދުވަހާއި ތިން އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެއެވެ.

ޖިންސީ ގޯނާ، ޖިންސީ ފުރައްސާރަ އަދި ރޭޕް ހުއްޓުވޭނީ ކިހިނެއް؟

ޑރ. ސަޢުދުﷲ ޢަލީ ވިދާޅުވާ ގޮތުގައި މިކަމުގެ ހައްލު އޮތީ އަހަރެމެން އެ ދީނަކަށް ތަބާވެގެން ތިބި މާތްވެގެންވާ އިސްލާމް ދީނުގައެވެ. މިކަމުގައި ހިމެނޭ ފުރަތަމަ ފިޔަވަޅަކީ ޖިންސީ ޣަރީޒާ އާ މެދު ވަކި ކަންތައްތަކެއް ގަބޫލުކޮށް އެކަންކަމަށް ހިތުން ރުހުމެވެ. ދެވަނަ ފިޔަވަޅަކީ، ޖިންސީ ޖަރީމާތަކުން މީހާ ދުރުހެލިވުމަށްޓަކައި ތަޤުވާވެރިކަން އިތުރުކުރުމެވެ. ތިންވަނަ ފިޔަވަޅަކީ، ޖިންސީ އެދުންވެރިކަމުގެ ޣަރީޒާ ތަހުޒީބު ގޮތެއްގައި ފުއްދޭނެ މަގެއް ހޯދުމެވެ. އެއީ ކައިވެނި ކުރުމެވެ. ހަތަރުވަނަ ފިޔަވަޅަކީ ޙަރާމް ގޮތުގައި މި އެދުން ފުއްދުމަށް މަގުފަހިވެދާނެ ހުރިހާ ކަމަކުން ދުރުހެލިވުމެވެ.

މިފަދަ ފުރިހަމަ ހައްލެއް އިސްލާމްދީން ހުށަހަޅާފައި އޮތަސް މީގެ ވާހަކަ ދެކެވޭއިރު މީގެ ތެރެއިން ބައެއް ކަންކަމަށް މާބޮޑަށް އިސްކަންދެވޭ ފަހަރު އާދެ އެވެ. މިގޮތުން ނަފްސު ތަހުޒީބު ކުރުމަށްޓަކައި ކޮންމެ މީހަކުވެސް އަމިއްލައަށް ކުރަންޖެހޭ ކަންކަން ކުރުމާއެކު ދެންތިބި މީހުންވެސް މިކަމަށް އެހީތެރިވުމުގެ ގޮތުން ކުރަން ޖެހޭ ކަންކަމުގެ ވާހަކައަށް ވަރަށް ބާރުލެވެ އެވެ. މިސާލަކަށް ހިލޭ މީހުންގެ ތެރޭގައި ޒީނަތްތެރިކަން ފާޅުނުކުރުމާއި އެދުންވެރިކަން ހިލިދާނެ ފަދަ ޢަމަލުތައް ނުކުރުން ފަދަ ކަންކަމުގެ ވާހަކަ އެވެ. މިގޮތަށް ވާހަކަ ދެކެވުމުން ބައެއް މީހުންނަށް ދޭހަވަނީ އިސްލާމްދީނުގައި ޖިންސީ ޖަރީމާތައް ހުއްޓުވަން އަޅާފައި އޮންނަ އެންމެ މުހިންމު ފިޔަވަޅަކީ އެހެންމީހުން، ޚާއްޞަކޮށް އަންހެނުން ފިރިހެނުންނަށްޓަކައި، ކޮށްލަދޭން ޖެހޭ ދެތިންކަމެއް ކަމަށެވެ. މިއީ ވަރަށްބޮޑު ކުށްހީ އެކެވެ. އެހެނީ އިސްލާމްދީން ގެނެސްދެނީ ޝާމިލު ހައްލެއް ކަމަށް ވާތީ އެވެ. އަދި މިކަމުގައި އެހެން މީހުންގެ އެހީތެރިކަމަށް ވުރެ ކުރިން ތިމާ އަމިއްލައަށް ކުރަންޖެހޭ ކަންކަން މާގިނައިން ހުންނާތީ އެވެ.

ޖިންސީ ގޯނާގެ މައްސަލަތައް ލަސްނުކޮށް ރިޕޯޓުކުރުން!

ޖިންސީ ގޯނާގެ މައްސަލައެއް ރިޕޯޓް ކުރެއްވޭނެ ތަފާތު ގޮތްތައް ހުރެއެވެ. އޭގެ ތެރެއިން އެންމެ ފަސޭހަ ގޮތަކީ ޖެންޑާރ މިނިސްޓްރީގެ ހިލޭ ގުޅޭ ނަންބަރު 1412 އަށް ގުޅާލެއްވުމެވެ. އޭރުން އެއީ ކުޑައްކުއްޖެއް މިނިސްޓްރީގައި ތިއްބަވާ ސޯޝަލް ވަރކަރުން، އަނިޔާ ލިބިފައިވާ ކުއްޖާގެ އެސެސްމަންޓެއް ހެއްދެވުމަށް ފަހު، މައްސަލަ ހުށައެޅުއްވި ފަރާތުގެ އެހީތެރިކަމާއި އެކު، ކުއްޖާ އެޙާލަތުން އަރައިގަތުމަށް އެހީތެރިވެދެއްވާނެއެވެ. މީގެ އިތުރުން، ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި މައްސަލަތަކެއް ހުރި ކަމަށް ސޯޝަލް ވަރކަރަށް ފާހަގަ ކުރެވިއްޖެނަމަ، ކުއްޖާއަށް ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ހޯއްދަވައި ދެއްވުމަށް، ތަފާތު އެކި ގޮތްގޮތުން މަސައްކަތް ކުރައްވާނެއެވެ. ޢާއިލާގެ މާޙައުލުން އެފަދަ ރައްކާތެރިކަމެއް ލިބެން ނެތް ކަމަށް ފާހަގަ ވެއްޖެނަމަ، އަމާން ވެއްޓަކަށް ކުއްޖާ ބަދަލުކުރުމަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށަށް އެކުއްޖަކު ގެނެވޭނެއެވެ. އަދި އެއީ ބޮޑު މީހެއް ނަމަވެސް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ޖިންސީ ގޯނާގެ ސަބަބުން ކުޑަކުއްޖަކަށް ކޮށްފާނެ އަސަރުތަކަކީ ކޮބާ؟

ހެދިބޮޑުވުމަށާއި ކުއްޖާގެ ސިއްޙަތަށް ނޭދެވޭ އަސަރު ކޮށްފާނެ އެވެ. އަމިއްލަ ނަފުސާ ދޭތެރޭ ދެރަކޮށް ދެކި، އިޙުސާސްތައް ހާމަނުކޮށް އެތެރޭގައި ބަހައްޓަފާނެއެވެ. މީހުންނަށް އިތުބާރުކުރަން އުނދަގޫވުމާއި، ގާތްކަން ބާއްވަން ދަތިވެދާނެ އެވެ. އަދި ކެއިން ބުއިމުގައި މައްސަލަތައް ހުރުމާއި ކަންކަމާ ހާސްވެ ޕެނިކް އެޓޭކްސް އައުން ހިނެއެވެ. މީގެ އިތުރުން ބިރުވެރި ހުވަފެން ފެނުމާއި ޖިންސީ މައްސަލަތައްވެސް ކުރިމަތިވެދާނެއެވެ. ހަމައެހެންމެ، އެކަށީގެންވާ އެހީތެރިކަން ކުއްޖާއަށް ނުލިބޭނަމަ މިކަމުން ކުރާ އަސަރުތައް ކުއްޖާ ބޮޑުވެގެން އަންނައިރުވެސް ހުރެދާނެނ އެވެ. ކުއްޖަކަށް މިފަދަ ކަމެއް ކުރިމަތިވާކަން އިނގޭނަމަ ނުވަތަ ޝައްކު ކުރެވޭނަމަ، އެކުއްޖާ ކުރެން ސުވާލުކޮށް އެހީވެވޭނެ މަގުތައް ދެނެގަންނާށެވެ. ކުއްޖާއަށް ހިއްވަރުދީ އެކަނިވެރި ނުވާނޭކަން އަންގާދޭށެވެ. ކުދިން ޙާލުބަލާ އެކުދިންނަށް ވީ މިންވަރަކުން އެހީވެދޭށެވެ.

ދިވެހިރާއްޖޭގައީ ޖިންސީ އަނިޔާ ނުހުއްޓުވިގެން އުޅެނީ ޤާނޫނެއް ނެތިގެން ނޫނެވެ. ޤާނޫނު ތަންފީޒު ކުރުމުގައި ހުރި ދޯހަޅި ކަންތައްތަކެއްގެ ސަބަބުންނެވެ. އޮތީ އިޢްޒަތްތެރި މަޖިލިސް މެންބަރުންގެ ހިތްވަރެވެ. މިފަދަ މުހިންމު ޤާނޫނުތަކަށް އެންމެ އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރެވޭ ސަބަބު ހޯދައި ކަމާއި ބެހޭ އިދާރާތަކުގެ ވެރިން ޒިންމާދާރު ކުރުމަކީ އެބޭފުޅުންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. ހެކި ނެތް ކަމަށް ބުނެ މައްސަލަތައް ފައިލްކުރުމުގެ ބަދަލުގައި ފުލުހުން ވެސް ތަންކޮޅެއް ކަމާވެގެން ތަހުގީގުތައް ހިންގަންވީއެވެ. ވަސީލަތްތައް ނެތް ނަމަ ވަސީލަތްތައް ހޯދައިގެން ވެސް މިކަން ކުރަންވީއެވެ.

ހެޔޮ ނުވާނެއެވެ، މި ޤައުމު ޖިންސީ އަނިޔާގެ ހާއްޔަކަށް ވިޔަ ނުދެއްޗެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް