ކޮރޯނާ ވައިރަށް މާލެއިން އިތުރު11 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
މިއާއި އެކު މިއަދު ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ18 އަށް އަރާފައި އެވެ. އަދި ރާއްޖެއިން ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 128 އަށް އަރާފައި އެވެ.
މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ މި11 މީހުންނާއި ގުޅޭ އިތުރު ތަފްސީލް އަދި ނުލިބޭ ކަމަށެވެ.
މިއަދުގެ މިހާތަނަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝް ދެ ރައްޔިތުންނާއި ސްރީލަންކާގެ ރައްޔިތެކެވެ.
ޑރ. އަފްޒަލް ވިދާޅުވީ ކުރިޔަށް އޮތްތާވެސް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ.
ރާއްޖޭގައި އާންމުންގެ މެދުގައި ބަލި ފެތުރޭކަން ހާމަވީ މިމަހުގެ15 ވަނަ ދުވަހު އެވެ. އޭގެ ފަހުން ގިނަ އަދަދެއްގެ ބަޔަކު ދަނީ މާލެއިން ކޯވިޑަށް ޕޮސިޓިވް ވަމުންނެވެ.
މާލެއިން މިހާތަނަށް އެންމެ ގިނައިން ޕޮސިޓިވްވެފައިވަނީ ބިދޭސީންނެވެ. އަތޮޅު ތެރެއިން ކޯވިޑް ޖެހިފައިވާ މީހަކު ފެނިފައިވަނީ ހއ. އުލިގަމުން އެކަންޏެވެ. އެޗްޕީއޭއިން ބުނީ އޭނާ ގަޔަށް ވައިރަސް އަރާފައިވަނީ މާލެއިން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް