ކޯވިޑް-19 އަށް ފަރުވާ ހޯދަމުން ރޯދަ ހިފުން ރައްކާތެރިތަ؟

މިއަހަރުގެ ބަރާކްތެރި ރަމަޟާން މަސް ބައްދަލު ކޮށްފައިވަނީ ނުރައްކާތެރި ކޮރޯނާ ވައިރަސް އާއި ގުޅިގެން އިންސާނުންގެ ދިރިއުޅުން ބަދަލުކޮށްލާފައިވާ ދަނޑިވަޅެއްގައި އެވެ. މުސްލިމް ގިނަ ގައުމުތަކުގައިވެސް ނ...

24 Apr 2020 | 04:13

މިއަހަރުގެ ބަރާކްތެރި ރަމަޟާން މަސް ބައްދަލު ކޮށްފައިވަނީ ނުރައްކާތެރި ކޮރޯނާ ވައިރަސް އާއި ގުޅިގެން އިންސާނުންގެ ދިރިއުޅުން ބަދަލުކޮށްލާފައިވާ ދަނޑިވަޅެއްގައި އެވެ.

މުސްލިމް ގިނަ ގައުމުތަކުގައިވެސް ނުރައްކާތެރި މިންވަރަކަށް ވައިރަސް ފެތުރިފައިވާއިރު ރައްކާތެރިކަމުގެ ގޮތުން ދީނީ އެއްވުންތަކާއި ޖަމާއަތުގައި ނަމާދު ކުރުމާއި ރޯދަ މަހުގެ ހާއްސަ އަޅުކަމެއް ކަމަށްވާ ތަރާވީހް ނަމާދު ކުރުންވެސް ރާއްޖޭގެ އިތުރުން އިސްލާމީ ބޮޑެތި ގައުމުތަކުގައި ވަނީ ވަގުތީ ގޮތުން ހުއްޓާލާފައި އެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ނުރައްކާތެރި ކޯވިޑް ޖެހިގެން ފަރުވާ ހޯދަމުންދާ މީހުން ރޯދައަށް ހުރުމަކީ ރައްކާތެރި ކަމެއްތޯ އޮޅުން ފިލުވަން މަސައްކަތް ކުރަމުންނެވެ.

ބައެއް ގައުމުތަކުގައި މިކަމަށް ދިރާސާތައް ހަދަން ފަށާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެކަމަކު އޭގެން ނުކުތް ނަތީޖާއެއްގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެ އެވެ.

މިކަމާ ގުޅޭގޮތުން އައިޖިއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު މީޑިއާގައި ވިދާޅުވީ އާންމުކޮށް ދިވެހިންނަކީ ކުޑަކޮށް ރޯގާޖެހި ހުން އަޔަސް ރޯދައަށް ހުންނަ މީހުން ކަމަށެވެ. އަދި އާންމުކޮށް އެފަދަ ކަންކަމަށް ފަރުވާ ހޯދާއިރު ބޭސް ކައި ހަދަނީ ހާރު ދަމު ކަމަށްވާތީ މިހާރު ކޯވިޑަށް ފަރުވާ ހޯދަމުންދާ ބަލީގެ ހާލަތު ސީރިއަސް ނޫން މީހުން އެގޮތަށް ހާރުދަމު ބޭސް ކައިގެން ރޯދަ ހިފުމަކީ މައްސަލައެއް ނޫން ކަމަށެވެ.

އެކަމަކު ހާރު ކާއިރު ވިޓަމިންސް އާއި މިނަރަލްސް ލިބޭ ކާނާ ކެއުމަށް އިސްކަން ދޭން ޖެހޭ ކަމަށާއި ގިނައިން ފެން ބޮއެގެން ހުންނަން ޖެހޭނެ ކަމަށެވެ.

ޑރ. މުރާދު ވިދާޅުވީ ކޯވިޑަށް ފަރުވާ ހޯދަމުންދާ މީހުންނަށް އެންމެ އުނދަގޫ ވާނީ ގައިން ފެން މަދުވެއްްޖެ ނަމަކަމަށެވެ. އެހެންކަމުން މިބަލީގައި ހުމާއި ރޯގާ މާބޮޑަށް ގަދަވުމާއި، ކެއްސުމާއި، ހަށިގަނޑުން ވަރުދެރަވުމާއި، އާދަޔާއި ހިލާފަަށް ބޮލުގައި ރިއްސުމާއި، ހަށިގަނޑުން ފެން މަދުވުމާއި، ނޭވާއަށް އުނދަގޫވާން ފަށައިފި ނަމަ އަވަހަށް ރޯދަ ދޫކޮށްލާ، ސިއްހީ އެހީތެރިކަން ހޯދަން ވާނެ ކަމަށެވެ.

ކޯވިޑް-19 ޖެހޭ މީހުންގެ ތެރެއިން ނުރައްކާތެރި ހާލަތަކަށް ދަނީ15 ޕަސެންޓު މީހުންނެވެ. އަނެއް75 ޕަސެންޓު މީހުންގެ ގައިން ފެންނަނީ އާދައިގެ ރޯގާގެ އަލާމާތްތަކެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގައި މިހާރު ކޯވިޑަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން ބަލި ހާލަތު ބޮޑީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ އުމުރުން80 އަހަރުގެ ފިރިހެން މީހާ އެކަނި ކަމަށެވެ. އެހެން އެންމެންގެ ހާލު ރަނގަޅު ކަމަށް ބުނެ އެވެ.

ކޯވިޑް-19 އަކީ މިހާތަނަށް ފަރުވާ އެއް ހޯދިފައި ނުވާ ނުރައްކާތެރި ބައްޔަކަށްވާތީ އެންމެ ރަނގަޅު ގޮތަކީ ޕޮސިޓިވްވެގެން ފަރުވާ ހޯދަމުންދާ ކޮންމެ މީހަކު ވަކިން ޑޮކްޓަރާއި ވާހަކަދައްކާ އޭނާގެ އަމިއްލަ ހާލަތު ދެނެގަނެ، މައްސަލައެއް ދިމާނުވާނެ ކަމުގެ ޔަގީން ކަމާއި އެކު ރޯދައަށް ހުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް