ރަށްރަށުން ތަކެތި ހިފައިގެން އަންނަ ބޯޓުތަކުން މުދާ ބާލައި އެރުވުމަށް ހާއްސަ ޑެސްކެއް ނޯތު ހާބަރު ސަރަހައްދުގައި އިކޮނޮމިކް މިނިސްޓްރީން ގާއިމުކޮށްފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުުމުގައި އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތުމުން އަތޮޅުތަކުން މުދާ ގެނައުމުގަ އާއި މާލެއިން މުދާ ފޮނުވުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. މި ޑެސްކަކީ އެކަންކަން ހައްލުވެ އަތޮޅުތަކުން ތަކެތި ގެންނަން ފަސޭހަވާނެ ކަމެއް ކަމަށެވެ.
މިހާރު މާލެ އަންނަ ބޯޓު ފަހަރަށް އާދެވެނީ ކައުންސިލްތައް މެދުވެރިކޮށް ފުލުހުންނާއި އެމްޕީއެލްގެ ހުއްދަ ހޯދައިގެންނެވެ. ވިސާމް ވިދާޅުވީ މާލެ ގެންނަ މުދާ ބެލޭނީ ދުރާލާ އިކޮނޮމިކް މިނިސްޓްރީއަށް ގުޅައި ހަމަޖެއްސުމުން ކަމަށެވެ.
އެގޮތުން ހުއްދަ ހޯދުމަށް ކައުންސިލްތައް މެދުވެރިކޮށް ހުއްދަ ހޯދުމަށް ގުޅާނީ 3039604 އަށެވެ. އޭނާ ވިދާޅުވީ މި އިންތިޒާމް ހަމަޖެހިފައިވުމުން ބޯޓު ފަހަރުގައި އައިސް ފަސޭހަކަމާއި އެކު މުދާ ބާލާ އެރުވުމުގެ ކަންކަން ހަމަޖެހޭނެ ކަމަށެވެ.
އަތޮޅުތަކުން ގެންނަ މުދަލުގެ ތެރެއިން ދަނޑުވެރިން ހައްދާ ތަކެތި ވިއްކުމުގައި ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިސާމް ވިދާޅުވި އެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ "އިކްރޮނެޓް" މެދުވެރިކޮށް މި ތަކެތި ފިހާރަތަކަށް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ ލޮކްޑައުން ކޮށްފައިވަނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް14 ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވާނީ މެއި މަހުގެ އެއް ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް