މިއަހަރު ސައުދީ އަރަބިއްޔާއިންނާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު ބަހަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މިއަހަރު ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ކޮންމެ ފަގީރެއްގެ ގެއަށް ކަދުރު ޕެކެޓެއް ކަމަށެވެ. އަދި ބާކީ ކަދުރު އާންމު ގޭބިސީތަކަށް ބަހާނީ ފުރަތަމަ ބަލާ އަންނަ މީހުންނަށް އިސްކަން ދީގެން ހުސްވަންދެން ކަމަށެވެ.
ކަދުރު ބެހުމަށް ހަމަޖެހިގައިވަނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް މެދުވެރިކޮށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މާލެއާއި ވިލިމަލޭގައި ކަދުރު ބަހަން ސިޓީ ކައުންސިލާއި ހަވާލު ކުރަން ނިންމާފައިވާއިރު ހުޅުމާލޭގައި ކަދުރު ބަހާނީ އެޗްޑީސީ މެދުވެރިކޮށް ކަމަށެވެ.
ކަދުރު ލިބެނީ ގޭޭގެ ރަޖިސްޓްރީގެ އަސްލު އަދި ހަވާލުވާން ދާ މީހާގެ އައިޑީކާޑު ހިފައިގެން ދިޔުމުންނެވެ. ރަށްރަށަން ބަހަން ޖެހޭ ކަދުރާއި ހަވާޅުވުމަށް ކައުންސިލްތަކުން އިސްލާމިކް މިނިސްޓްރީއަށް މީހަކު ފޮނުވަން ޖެހެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ކަދުރު ދޫކުރާނީ ކޮންމެ ދުވަހަކު ހެނދުނު9:30 ން ހަވީރު5:00 އަށް ކަމަށެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ މި ކަދުރުތައް ބެހޭނީ ސަރުކާރު ނަމުގައި އެކަނިކަމަށެވެ. އެކަމަކު އެ ދެ ގައުމުން ރާއްޖެއަށް ކަދުރު ދިން ވަރެއް ހާމައެއް ނުކުރެ އެވެ،
މިއަހަރު ކޯވިޑް-19 އާއި ގުޅިގެން ފަގީރުންގެ ދަފުތަރު އެކުލަވާ ލެވިފައެއް ނުވެ އެވެ. އެހެންވެ ކަދުރާއި ޒަކާތް ބެހުމަށް ނިންމާފައިވަނީ މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށެވެ.
ރާއްޖޭގެ ފަގީރުންގެ ދަފްތަރުގައި 16،209 މީހުން ރަޖިސްޓަރީ ވެފައި ވެ އެވެ. މާލޭގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ވަނީ 3،300 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް