ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އަބަދުވެސް ޕޯޗުގަލްގެ ގައުމީޓީމަށް %100 ދޭ ކުޅުންތެރިއެއް ކަމަށާއި ބަޔަކު އޭނާގެ ބޮލުގައި އަޅުވާ ތުހުމަތުތަކެއްގެ ސަބަބުން އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ޕޯޗުގަލްގެ ގައުމީޓީމުގެ ކޯޗު ފެނާންޑޯ ސަންޓޮސް ބުނެފިއެވެ.
މިރޭ ވޯލްޑްކަޕް ކޮލިފައިންގައި އަޒަރަބައިޖާންއާއި ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ސަންޓޯސް ބުނީ ޗެމްޕިއަނަސް ލީގުން ކެޓުމާއި ގުޅިގެން ބޮޑެތި ތުހުމަތުތަކެއް ރޮނާލްޑޯގެ ބޮލުގައި އަޅުވާ ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް އެކަމުގެ އެއްވެސް އަސަރެއް ރޮނާލްޑޯގެ ކިބައިން ނުފެންނަ ކަމަށެވެ. އަދި ރޮނާލްޑޯ އަކީ ބަޔަކު ދައްކާ ވާހަކަ އަކުން ބަދަލެއް އަންނާނެ ކުޅޫންތެރިއެއް ނޫން ކަމަށާއި މިރޭ މިރޭ އަޒަރަބައިޖާން އާއި ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗުގައި ރޮނާލްޑޯ ގެ ތަފާތު ފެންނާނެ ކަމަށެވެ.
" ޔުވެންޓަސް ގެ ނާކާމިޔާބީ އާއި ގުޅިގެން ގިނަ ތުހުމަތުތަކެއް ކޮށް މީޑިއާގައިވެސް އަދި އެހެން ގޮތް ގޮތައްވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި. އެހެން ނަމަވެސް ރޮނާލްޑޯ އަކީ ބަޔަކު ދައްކާހާ ވާހަކައަކަށް ކިޔާހާ އެއްޗަކަށް ވިސްނައިގެން އެކަމާ ކަންބޮޑުވާނެ ކުޅުންތެރިއެއް ނޫން. އޭނާ ހުރީ ވަރަށް ހަމަޖެހިފަ. އަބަދުވެސް ގައުމީޓީމަށް %100 ދޭނެ. ރޮނާލްޑޯގެ އެއްވެސް ކަންބޮޑުވުމެއް ނެތް: ސަންޓޮސް ބުންޏެވެ.
މީގެ އިތުރުން ސަންޓޮސް ބުނީ ރޮނާލްޑޯ އަކީވެސް އިންސާނެއް ކަމަށާއި އޭނާ އަކީ ކިތެންމެ މޮޅު ކުޅުންތެރިއެއް ނަމަވެސް ހުރިހާ ކާމިޔާބެއް ހޯދައި ދެވޭނެ ކުޅުންތެރިއެއް ނޫން ކަމަށެވެ. އަދި އެއީ ކޮންމެ ކުލަބަކުންވެސް ވިސްނަން ޖެހޭ ހަގީގަތެއް ކަމަށާއި ފުޓްބޯޅަ އަކީ ކާމިޔާބީ އާއި ނާކާމިޔާބީގެ ކުޅިވަރެއް ކަމަށް ވިސްނަން ޖެހޭ ކަމަށްވެސް ސަންޓޮސް ބުންޏެވެ.
މިރޭގެ މެޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ސަންޓޮސް ބުނީ ކޮލިފައިންގެ ކޮންމެ މެޗަކީވެސް ވަރަށް މުހިންމު މެޗެއް ކަމަށާއި އެގޮތުން މިރޭ އަޒަރަބައިޖާންއާއި ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗު ކާމިޔާބު ކުރުން މުހިންމު ކަމަށެވެ. މިރޭގެ މެޗުގައި ޕޯޗުގަލްގެ ކީ ޕްލޭޔާރަ އަކީ ރޮނާލްޑޯ ކަމަށާއި ރޮނާލްޑޯ މިރޭގެ މެޗަށް ހުރީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށްވެސް ސަންޓޮސް ވަނީ ބުނެފައެވެ.
މިގެ އިތުރުން ސަންޓޮސް ބުނީ މިރޭގެ މެޗަށް ޓީމު އޮތީ އެންމެ ރަނގަޅަށް ތައްޔާރަށް ކަމަށާއި ނަމަވެސް އަނިޔާގެ ސަބަބުން ޕެޕޭ، ކަވާޅިއޯ އަދި ސެމީޑޯ ނުކުޅޭނެ ކަމަށެވެ. މިކުޅުންތެރިން ފިޔަވައި ދެންތިބި ހުރިހާ ކުޅުންތެރިން ވެސް ފިޓްކަމަށް ސަންޓޮސް ބުންޏެވެ.
އަޒަރަބައިޖާން އާއި ދެކޮޅަށް މިރޭ ޕޯޗުގަލް ނިކުންނައިރު، މި ދެޓީމުގެ ކުރީގެ ބައްދަލުވުންތަކަށް ބަލާއިރު، މި ދެޓީމު ވަނީ މިހާތަނަށް 6 ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން ފަސް ފަހަރު ޕޯޗުގަލް މޮޅުވިއިރު، އެއް މެޗު ވަނީ އެއްވަރުވެފައެވެ. އަޒަރަބައިޖާން އަށް މޮޅެއް ހޯދިފައެއް ނުވެއެވެ. މި ދެޓީމު އެންމެ ފަހުން ވާދަވެރި މެޗެއްގައި ބައްދަލުކޮށްފައިވަނީ 2013 ވަނަ އަހަރު ވޯލްޑްކަޕް ކޮލިފައިން މެޗެއްގައެވެ. މި މެޗު 0-2 އިން ކާމިޔާބު ކޮށްފައިވަނީ ޕޯޗުގަލް އެވެ.
މިރޭ ޕޯޗުގަލް އަދި އަޒަރަބައިޖާން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ދަންވަރު ރާއްޖޭ ގަޑިން 12:45 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް