ރެއާލް މެޑްރިޑުން އެދިއްޖެ ނަމަ ރޮނާލްޑޯ ހުރީ އެކުލަބަށް ބަދަލުވާން ތައްޔާރަށް

އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލް ފޯވާޑް ކުރިސްޓިއާނޯ ހުރީ އޭނާގެ ކުރީގެ ކުލަބު ސްޕެއިންގެ ރެއާލް މެޑްރިޑުން އޭނާ ބޭނުންނަމަ އެކުލަބަށް ބަދަލުވާން ތާއްޔާރަށް ކަމަށް މީޑިއާ ރި...

24 Mar 2021 | 07:33

އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލް ފޯވާޑް ކުރިސްޓިއާނޯ ހުރީ އޭނާގެ ކުރީގެ ކުލަބު ސްޕެއިންގެ ރެއާލް މެޑްރިޑުން އޭނާ ބޭނުންނަމަ އެކުލަބަށް ބަދަލުވާން ތާއްޔާރަށް ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ޔުވެންޓަސްއާއި އެކު އެކަށީގެންވާ ކާމިޔާބެއް ނުހޯދުމުން ރޮނާލްޑޯގެ ވިސްނުން މިހާރު ހުރީ ކުލަބު ބަދަލުކުރާށެވެ. އެގޮތުން ރޮނާލްޑޯ މިފަހަރުގެ ސީޒަން ނިމުމުން ޔުވެންޓަސް ދޫކޮށްލުމަށް ދަނީ ވިސްނަމުންކަމަށާއި އަދި ރެއާލްއިން ބޭނުންނަމަ ރޮނާލްޑޯ ހުރީ އެކުލަބަށް ބަދަލުވާން ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޮނާލްޑޯއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ އޭނާ ކުލަބު ދޫކޮށް އުޅޭ ކަމަށް ޚަބަރުތައް ފެތުރިފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޕޯޗުގަލްގެ ޕޯޓޯއަތުން ޔުވެންޓަސް ކެޓުމާއި ގުޅިގެންނެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގައި ޕޯޗުގަލްގެ ޕޯޓޯ އަތުން ބަލިވެ ހިތިގޮތަކަށް ޔުވެންޓަސް މުބާރާތުން ކެޓުމާއި ގުޅިގެން އެކަމުގެ ހުރިހާ ޒިންމާއެއް ރޮނާލްޑޯގެ ބޮލުގައި އަޅުވާ ޔުވެންޓަސްއިން ރޮނާލްޑޯ ވިއްކާލަން އުޅޭ ކަމުގެ އަޑުތައް މީޑިއާގައި ފެތުރިފައިވާއިރު، މިހާރު ކުރިޔައްދާ ފުޓްބޯޅަ ސީޒަން ނިމުމާއި އެކު ރޮނާލްޑޯ ވިއްކާލަން ޔުވެންޓަސް އިން މަސައްކަތް ފަށާފައިވާ ކަމަށް މީޑިއާގައި އަޑުތައް ފެތުރިފައިވެއެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި ޔުވެންޓަސްއިން މިހާރުވަނީ ރޮނާލްޑޯގެ ރިލީޒް ފީއެއްގެ ގޮތުގައި 25 މިލިއަން ޕައުންޑުގެ އަގެއްވެސް ކަނޑައަޅާފައެވެ. ގޮތުން ރިލީޒް ފީއެއްގެ ގޮތުގައި މިހާ ކުޑައަދަދެއް ޔުވެންޓަސްއިން ކަނޑައަޅާފައި މިވަނީ ކޮވިޑްގެ މިހާލަތާއި ގުޅިގެން ކުލަބުތަކަށް ދިމާވެފައިވާ މާލީހާލަތަށް ވެސް ބަލާފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

2018 ވަނަ އަހަރު ސްޕެއިންގެ ރެއާލް މެޑްރިޑުން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވި ރޮނާލްޑޯ އެ ކުލަބާއި އެކު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއް ވަނީ ހަދާފައެވެ. އެގޮތުން ޔުވެންޓަސްއާއި އެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން އޭގެ ކުރިން އެ ކުލަބުން ރޮނާލްޑޯ ދޫކޮށްލާނެއެވެ.

ޔުވެންޓަސްއިން ރޮނާލްޑޯ ވިއްކާލަން އުޅޭކަމުގެ އަޑުތައް މީޑިއާގައި ގަދަވުމާއި އެކު ޔޫރަޕާއި އެކެރިކާ އަދި ޗައިނާގެ ބޮޑެތި ކުލަބުތަކުން ވަނީ ރޮނާލްޑޯ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން އެންމެ ބޮޑަށް އަޑުފެތުރިފައިވަނީ ރޮނާލްޑޯގެ ކުރީގެ ކުލަބު ރެއާލް މެޑްރިޑުން ރޮނާލްޑޯ ހޯދުމަށް މަސައްކަތްކުރަމުން ދާ ވާހަކަތެކެވެ.

މި ވާހަކަތަކާއި ގުޅިގެން ރެއާލްގެ މިހާރުގެ ކޯޗު ޒައިނުއްދީން ޒިދާން ވެސް ވަނީ އެކަމާއި ހިންހަމަ ޖެހުން ފާޅުކޮށްފައެވެ. އެގޮތުން ޕްރިމެޗު ނިއުސް ކޮންފަރެންސެއްގައި ރޮނާލްޑޯ ރެއާލްއަށް އެނބުރި އައުމާއި މެދު ދެކޭ ގޮތަކީ ކޮބައިތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޒިދާން ބުނީ ރޮނާލްޑޯ އަކީ ތަފާތު ހުނަރުވެރިއެއް ކަމަށާއި ރޮނާލްޑޯ ޓީމުގައި ހުރުމަކީ ލިބޭ ބޮޑު އުފަލާކާއި ނަސީބެއް ކަމަށެވެ. ނަމަވެސް އޭނާ އަކީ އަދި ޔުވެނޓަސްގެ ކުޅުންތެރިއަކަށް ވުމުން މިވަގުތު އޭނާގެ ޓްރާންސްފާ އާއި ގުޅިގެން އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާކަމަށްވެސް ޒިދާން ވަނީ ބުނެފައެވެ.

ރެއާލްގެ ކޯޗު ޒިދާންގެ އިތުރުން އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޮސް އާއި ބެންޒެމާ އަދި މާސެލޯގެ އިތުރުން އެޓީމުގެ ގިނަ ކުޅުންތެރިން ގެ އެންމެ ބޮޑު އިންމީދަކަށް ވެސް ވެފައިވަނީ އަންނަ ސީޒަނުގައި ރޮނާލްޑޯ ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެން ދިއުމެވެ.

2018 ވަނަ އަހަރު ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސް ބަދަލުވި ހިސާބުން ފެށިގެން އަދިވެސް އެޓީމަށް ރަނގަޅު ކާމިޔާބަކާއި ހަމައަށް ވާސިލެއް ނުވެވެއެވެ. ހަމަ އެގޮތައް ޔުވެންޓަސްއާއި އެކު ރޮނާލްޑޯއަށް އޭނާގެ އުންމީދުތައް ވެސް ހާސިލް ކުރެވޭގޮތް ވަނީ ނުވެފައެވެ. އެހެން ކަމުން މިފަހަރުގެ ފުޓްބޯޅަ ސީޒަނަށް ފަހު ރޮނާލްޑޯ މިހާރުގެ ކުލަބު ދޫކޮށް ރެއާލް އާއި ގުޅުން ގާތެވެ.

ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ އިންތިޒާރުކުރަމުން ގެންދަނީ ރެއާލްއިން އޭނާ ބޭނުންވާކަން ހާމަކުރާނެ ވަގުތަކަށެވެ. ރެއާލްއިން ރޮނާލްޑޯ ބޭނުންވާކަން އެ ކުލަބުން ހާމަކޮށްފިނަމަ ރޮނާލްޑޯ ރޭއާލްއާއި ގުޅެން ތައްޔާރަށް ހުރިކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ޔުވެންޓަސްއަށް އިޓާލިއަން ލީގުގެ އިތުރުން ޗެމްޕިއަންސް ލީގު ވެސް މިހާރު ގެއްލިފައިވާއިރު، އެޓީމަށް ދެން ހަމައެކަނި ފުރުސަތެއް އޮތީ އިޓާލިއަން ކަޕްގައެވެ. އަންނަ މަހުގައި އެޓަލާންޓާއާއި ދެކޮޅަށް ކުޅޭ ކޮޕަ އިޓާލިއަން ފައިނަލް މެޗުން ބަލިވެއްޖެ ނަމަ ޔުވެންޓަސް އަށް މިފަހަރުގެ ސީޒަން ނިންމާލަން ޖެހޭނީ ހުސްއަތާއެވެ. އެހެން ކަމުން އެއްބަސްވުމުގައި އަދި ބާކީ އެއް އަހަރު އޮތް ނަމަވެސް ރޮނާލްޑޯ ކުލަބު ބަދަލުކުރުން ގާތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް