ތިކިޖެހި ތާނައިގެ ބަހުސް: ތިކިޖެހި ތާނަ ދެން އޮންނާނީ ދެ މަޒްހަބެއްގެ ގޮތުގައިތަ؟

ތިކިޖެހި ތާނައިގެ ބަހުސަކީ މިހާރު މީސް މީޑިއާގައި ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ މައުޟޫޢުއެކެވެ. ބައެއް ފަރާތްތަކުން، ތިކިޖެހި ތާނަ ބޭނުން ނުކުރަން ނުވަތަ އުވާލަން ވަކާލާތު ކުރަމުން ދާއިރު، އަނެއްބ...

24 Mar 2021 | 07:09

ތިކިޖެހި ތާނައިގެ ބަހުސަކީ މިހާރު މީސް މީޑިއާގައި ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ މައުޟޫޢުއެކެވެ. ބައެއް ފަރާތްތަކުން، ތިކިޖެހި ތާނަ ބޭނުން ނުކުރަން ނުވަތަ އުވާލަން ވަކާލާތު ކުރަމުން ދާއިރު، އަނެއްބައި ފަރާތްތަކުން އެކަމާ ދެކޮޅު ހަދަމުން ދެއެވެ.

ތިކިޖެހި ތާނަ އުވާލުމަށް ފެނޭތޯ ނުފެނޭތޯ ބެލުމަށް ބައެއް ފަރާތަކުން ޕޯލް ވެސް ހަދަމުންް ދެއެވެ. އެގޮތުން ސަންގު ޓީވީއިން ހެދި ޕޯލް އެއްގައި މިހާތަނަށް 2127  މީހުން ބައިވެރި ވެފައި ވާއިރު، އޭގެ ތެރެއިން %74 މީހުން ބުނެފައި ވަނީ ތިކިޖެހި ތާނަ އުވާލަން ނުފެންނަ ކަމަށެވެ. އަދި އުވާލަން ފެންނަ ކަމަށް %11 މީހުން ވޯޓް ދީފައި ވާއިރު، ކޮންމެ ގޮތެއްވެސް ވަރިހަމަ ކަމަށް %15 މީހުން ބުނެފައިވެއެވެ.

މީގެ އިތުރުން 'ބަސް ޖަގަހަ' ފޭސްބުކް ޕޭޖްގައި ހަދާފައިވާ ޕޯލްއެއްގައި، ތިކިޖެހި ތާނަ ދޫކޮށްލުމުން ދިވެހި ބަހަށް ކުރާނީ ގެއްލުން ކަމަށް 824 މީހުން ބުނެފައި ވާއިރު، ފައިދާ ކުރާނެ ކަމަށް ބުނެފައި ވަނީ 75 މީހުންނެވެ.

ދެކޮޅަށް ވެސް އެކި ކަހަލަ ޢިލްމީ ބަހުސްތައް ވެސް ކުރެވެމުން ދާއިރު، މިކަމާ ގުޅިގެން ޕްރޮފެސަރ އުގެއިލް ބުނެފައި ވަނީ ތިކިޖެހި ތާނަ އުވާލަން ތާއީދު ކުރާ ކަމަށެވެ. އަދި އުގެއިލް ލިޔުއްވާފައިވާ 'ސިއްހީ ހަދިޔާ' ފޮތުގައި ތިކިޖެހި ތާނަ ބޭނުން ނުކުރާ ކަމަށާއި، ނަމަވެސް މީހުނަށް ފަހުމް ވާ ކަމަށެވެ.

މިކަމާ ގުޅިގެން ޝެއިހް ޝަފީޢު ވިދާޅުވެފައި ވަނީ ތިކިޖެހި ތާނާގެ މައްސަލައެއް ނެތް ކަމަށާއި އެއީ އަރަބި ބަހާއި ދިވެހި ބަހާއޮތް ގުޅުން ފެނިގެންދާ ކަމެއް ކަމަށެވެ.

ތިކިޖެހި ތާނަ ޖެހުމުގެ ކަންތައް ދެން އޮންނާނީ ދެ މަޒްހަބެއްގެ ގޮތުގައި ކަމަށާއި، އެއީތިކި ޖެހި ތާނައަށް ތާއީދު ކުރާ މީހުންގެ މަޒްހަބާއި ތިކި ޖެހި ތާނައަށް ތާއީދު ނުކުރާ މީހުންގެ މަޒްހަބު ކަމަށް ޝަފީޢު ވިދާޅުވިއެވެ.

މީގެން އެންމެ ރަނގަޅު ގޮތަކީ ތިކި ޖަހަން ބޭނުން ބަޔަކު ތިކި ޖެހުން ކަމަށާއި ނުޖަހަން ބޭނުން ބަޔަކު ނުޖެހުން ކަމަށް ދެކިލައްވާ ކަމަށްޝަފީޢު ވިދާޅުވިއެވެ.

" ނަމަވެސް ދެނެއް ތިކި ޖެހި ތާނަ ވުޖޫދުން ފޮހެވިގެން ނުދާނެ. ތިކި ޖެހި ތާނަ ވުޖޫދުން ފޮހެލަން މަސައްކަތް ކުރުމަކީ ބޭކާރު ކަމެއް. ދިވެހި އަދަބިއްޔާތު ކުރިއަރައި ހިނގައިގަންނަން ފެށި ޒަމާނާއި ރަން ޒަމާނުގެ އަދީބުންގެ ލިޔުއްވުންތަކާއި އެބޭފުޅުންގެ ތުރާޘުތައް ނެތިކޮށްލާނީ ކިހިނަކުންތޯ؟ ތިކި ޖެހި ތާނަ ދިރިގެން އައީ އެ ތުރާޘުން" ޝަފީޢު ވިދާޅުވިއެވެ.

ތިކިޖެހި ތާނަ އުފެދިގެން އައީ އޮއްޓަރެއް ނެތް ހިކި ފިކުރާއެއްގެ މައްޗަކަށް ނޫން ކަމަށާއި އެއީ ޙަޔަވީ ފިކުރާއެއް ކަމަށް ފާހަގަ ކުރަމުން ޝަފީޢު ވިދާޅުވެފައި އެއީ  ޙަޔަވީ ފަލްސަފާއެއްގެ މައްޗަށް އުފެދިގެން އައި ފިކުރާއެއް ކަމަށެވެ. އަދި ޙަޔަވީ ފިކުރާތަކަކީ ކިތަންމެ މަސައްކަތެއް ކުރިޔަސް އުވިގެން ދާނެ ފިކުރާތަކެއް ނޫން ކަމަށް ފާހަގަ ކުރެއްވިއެވެ.

ޙަޔަވީ ފިކުރާތަކަކީ އެއަށް ތާއީދު ކުރާނެ ބަޔަކާއި ތާއީދު ނުކުރާނެ ބަޔަކު ތިބޭނެ ފިކުރާތަކެކެވެ.  އެއީ ދުވަހަކު ވެސް އުވިގެން ދާނެ ކަންކަމެއް ނޫނެވެ. ރަސްމީ/ނުރަސްމީ ގޮތުން ކަރުދާހުގައި އުވައިލެވިދާނެއެވެ. ނަމަވެސް ވާޤީޢުގައި އުވިނުގޮސް ދެމި ހުންނާނެ އެއްޗެއްސެވެ.

" އެހެންކަމުން މިކަހަލަ ކަންކަމުގައި އޮންނާނެ ހަމައެކަނި ޙައްލަކީ ތިކިޖަހަން ބޭނުން ބަޔަކު ތިކި ޖެހުމެވެ. ނުޖަހަން ބޭނުން ބަޔަކު ނުޖެހުމެވެ. އުވައިލުމާއި ދެމެހެއްޓުމުގެ ޖަދަލަކީ އެއްވެސް ކޮޅެއްގައި ޖެހޭނެ ޖަދަލެއް ނޫނެވެ." ޝަފީޢު ވިދާޅުވިއެވެ.

އެހެންކަމުން މިއީ ހަރުކަށިކަން ދައްކައި، ހަނގުރާމައަކަށް ހަދައި ތަޅައި ފޮޅަން ޖެހޭ މައްސަލައެއް ނޫން ކަމަށް ޝައީޢު ފާހަގަ ކުރެއްވިއެވެ.

ތިކިޖެހިތާނައިގެ ބަހުސަކީ މިހާރު ކުއްލިއަކަށް ފަށައިގެން އުޅޭ ބަހުސެއް ކަމަށް ބައެއް މީހުންނަށް ހީވިޔަސް މި ބަހުސަކީ ވަރަށް ކުރީއްސުރެ ކުރެވެމުން އަންނަ ބަހުސެއް ކަމަށް، މިނިސްޓްރީއޮފް އާޓްސް، ކަލްޗަރ އެންޓް ހެރިޓޭޖްގެ ރިސާޗް އެނަލިސްޓް މުހައްމަދު ނާޖިހު (ނާޖިހު ދީދީ) ވިދާޅުވިއެވެ.

މީގެ 7 އަހަރު ކުރިން، 2014 އޮކްޓޯބަރު 2 ގައި ނާޖިހު ކުރި ޕޯސްޓެއް ގެ ފޮޓޯ ހިއްސާކުރަމުން ނާޖިހު ބުނެފައި ވަނީ އޭގެ ފަހުންވެސް ކިތަންމެ ފަހަރަކު 'ބަސް ޖަހަގައިގައި' ވެސް މި ބަހުސް ކުރެވިފައިވާ ކަމަށެވެ.

" އޭރު މި އޮޅީގެ މެންބަރުން އެހާ ގިނައެއް ނޫން. މިހާރު މެންބަރުން ގިނަވެ ހިޔާލު ފާޅުކޮށް ކޮމެންޓުކުރާ މީހުން ގިނަވެ އެންމެ ފަހުން ނޫހެއްގައި މިވާހަކަ ލިޔުނީމާ މުޅި ރާއްޖޭގައި މިވާހަކަ ހިލިގަތީ." ނާޖިހު ބުނެފައި ވެއެވެ.

ތިކިޖެހި ތާނައިގެ ބަހުސަކީ މިއަދު އަލަށް ބަޔަކު ފަށައިގެން އުޅޭ ވާހަކައެއްވެސް ނޫން ކަމަށާއި އެކަމަކު ކުރީގައި މިހާރު މިހުންނަ ފަދަ އިޖުތިމާއީ މީޑިއާގެ ވަސީލަތްތައް ނުހުންނާތީ އެފަދަ ވާހަކަތައް އާއްމުވެ ތިލަވެފައި ނެތީ ކަމަށް ނާޖިހު ފާހަގަ ކުރެއްވިއެވެ.

މިއީ އެކަކު އަނެކަކާ ރުޅިވެރިކަމާއެކު ޒުވާބުކޮށް އެއްބަޔަކު އަނެއް ބަޔަކަށް މަލާމާތްކޮށް ހަދަންޖެހޭވަރުގެ ކަމެއްނޫން ަކަމަށް ނާޖިހު ވެސް ފާހަގަ ކުރެއްވިއެވެ.

"  މިއީވެސް ކުރެވޭ ބަހުސެއް. އެމީހަކަށް ފެންނަ ހިޔާލެއް ރީތި ގޮތުގައި ފާޅުކުރަންވީ" ބަސް ޖަގައިގައި ނާޖިހު ކޮށްފައިވާ ޕޯސްޓެއްގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް