ހައުސިން ޔުނިޓު އެޅުމުގެ ނަމުގައި އެތައް ބަޔެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި ކަމަށް ތުހުމަތުވާ ސީ ލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ރާއްޖެ ގެނެސްފި އެވެ. އެނގިފައިވާ ގޮތުގައި އޭނާ ރާއްޖެ ގެނައީ ދިވެހި ފުލުހުން ލަންކާއަށް ގޮސްގެންނެވެ.
ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ހަދައި ވިއްކާނެ ކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނެގި މައްސަލައިގައި އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރުނު އައްމަޓީ، މިދިޔަ މަހުގެ މެދު ތެރޭ ލަންކާ ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އައްމަޓީ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމުގެ ހުއްދަ ހޯދަން މިއަދު މެންދުރުފަހު އޭނާ ކްރިމިނަލް ކޯޓަށް ގެންދަން ވަނީ ހަމަޖެހިފައެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް އިއުލާން ކުރި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް 280 މީހަކަށް ވިއްކާ އެ މީހުންގެ އަތުން 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި އެވެ. އެއީ ބުކިން ފީގެ ގޮތުގައި މީހެއްގެ އަތުން 50،000 ރުފިޔާ އެވެ.
ނަމަވެސް އެކި މައްސަލަތަކާ ހުރެ ޕްރޮޖެކްޓް ހުއްޓި މަސައްކަތް ވެސް ކުރިއަށް ނުގޮސް، ފައިސާ ދެއްކި މީހުންނަށް އަނބުރާ ފައިސާ ވެސްވަނީ ނުލިބިފައެވެ. އަދި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ފައިސާ ދެއްކި ބައެއް މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާވެސް ކޮށްފަ އެވެ. ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް ވަނީ ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ކޯޓުން ބޭރުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އަދި ސަރުކާރުން ވަނީ އެއްބަސްވުމެއް ހަދާ މައްސަލަ ނިއްމާފައެވެ.
ސީލައިފް ގްލޯބަލްއަށް ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން ބިން ދޫކުރީ، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވ. ތިނަދޫގައި ލަގްޒަރީ ވިލާތަކެއް އަޅަން އެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން ފަހުން ބާތިލްކޮށްފައި ވާތީ، އޭގެ ބަދަލެއްގެ ގޮތުން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް