މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އއ. އުކުޅަހުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ އުކުޅަހުގައި ބަޔަކު މަސްތުވާތަކެތި ވިއްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި 22 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
މި މާރިޗު މަހުގެ 23 ވަނަ ދުވަހު އުކުޅަހު ޕޮލިސް ޑެސްކާއި އއ. އަތޮޅު ޕޮލިސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 31 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން މާލެއިން ފުރައިގެން ށ. ކޮމަންޑުއަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ފަތިހު ފުލުހުން އޮޕަރޭޝަނެެއް ހިންގާފައި ވެއެވެ.
އެގޮތުން ކޮމަންޑޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ބޯޓުން ބޭލި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
މި ދެ މައްސަލަވެސް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް