ކަނޑައެޅިފައިވާ އަދަދު ހަމަވުމާއެކު، މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން އީއައިބީ ކޮވިޑް ރިލީފް ލޯން ބަލައިގަތުން ހުއްޓާލައިފިއެވެ.
އީއައިބީ ކޮވިޑް ރިލީފް ލޯނަކީ، ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ)ގެ ފަންޑުން ސަރުކާރުގެ އެހީތެރިކަމާއެކު ކޮވިޑް ރިލީފް ސަޕޯރޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ތައާރަފްކުރެވުނު ލޯނެކެވެ.
ބޭންކް އޮފް މޯލްޑިވްސް އިން އީއައިބީ ކޮވިޑް ރިލީފް ލޯން ސްކީމާ ގުޅޭ މައުލޫމާތު އާއްމުކޮށްފައި ވަނީ 2020 ނޮވެމްބަރ 11 ގައިއެވެ.
އީއައިބީ ކޮވިޑް ރިލީފް ލޯނު ފަންޑަށް ކަނޑައެޅިފައިވާ އަދަދު ހަމަވުމާއެކު، ލިބިފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމުގެ އެންމެހާ މަސައްކަތްތައް ނިންމުމަށްޓަކައި މިލޯނަށް އެދި ހުށަހެޅުން 2020 ޑިސެމްބަރ 29 ވަނަ ދުވަހު ބީއެމްއެލް އިން ވަގުތީ ގޮތުން ހުއްޓާލިއެވެ.
އަދި 2021 މާރޗް 11 ގައި، އީއައިބީ ކޮވިޑް ރިލީފް ލޯނަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ.
އެއީ އީއައިބީ ކޮވިޑް ރިލީފް ލޯނު ފަންޑަށް އެދި އޭރު ބޭންކަށް ހުށަހެޅިފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމަށްފަހު އެފަންޑުގައި ބާކީ ފައިސާ ހުރުމާއެކު، ބޭންކް އޮފް މޯލްޑިވްސް ހުޅުވާލި އިތުރު ފުރުސަތެކެވެ.
އީއައިބީ ލޯނަކީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ)ގެ ފަންޑުން ސަރުކާރުގެ އެހީތެރިކަމާއެކު ކޮވިޑް ރިލީފް ސަޕޯރޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ތައާރަފްކުރެވުނު ލޯނެކެވެ.
މި ލޯނުގެ ދަށުން ވިޔަފާރިތަކަށް 15.42 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ހަމަޖައްސާފައި ވެއެވެ. މި ލޯނަށް ކަނޑައެޅިފައިވަނީ %6 ގެ އިންޓްރެސްޓް ރޭޓެކެވެ. އަދި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް 4 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތެއް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް