ޔޫއޭއީގައި ދިވެއްސަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ
އެކުވެރި އަރަބި އިމާރާތް ނުވަތަ ޔޫއޭއީގައި ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިކަން އެ ގައުމުގެ ބޮޑެތި ނޫސްތަކުގައި ހާމަކޮށްފައިވާއިރު ދިވެހި ސަރުކާރުގެ ފަރާތުން ބުނީ މިކަން ކަށަވަރު ކުރުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން ކުރަމުން އަންނަ ކަމަށެވެ.
ޔޫއޭއީގެ ނޫހެއް ކަމުގައިވާ ޚަލީޖް ޓައިމްސްގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ގައުމުގައި މިއަދު 50 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. މިއާއެކު އެ ގައުމުގައި މިހާރު ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 248 އަށް އަރާފައިވާކަމަށް ބުނެފައިވެއެވެ.
ޔޫއޭއީގައި މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުން ނިސްބަތްވާ ގައުމުތައް ރިޕޯޓްކޮށްފައިވާއިރު އެ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ލަންކާ، އިނގިރޭސިވިލާތް، ސައޫދީ އަރަބިއްޔާ، ދެކުނު އެފްރިކާ، ބެލްޖިއަމް، ދެކުނު ކޮރެއާ، ބަލްގޭރިއާ، ފްރާންސް، ޗެކް ރިޕަބްލިކް، އޮސްޓްރޭލިއާ، ލުބުނާނު، ކެންޔާ، ސޫދާން، އިރާން، އަޔަރލެންޑް، މޮރޮކޯ، ޕާކިސްތާނު، ސްވިޑަން، އިޓަލީ މިސްރު، ސްޕެއިން، ނެދަލެންޑް، އުރުދުން، ފިލިޕިންސް، އެމެރިކާ، ބަންގްލަދޭޝް، ފަލަސްތީނު އަދި އިންޑިއާ ހިމެނެއެވެ.
އެ ނޫހުގައި އިތުރަށް ރިޕޯޓްކޮށްފައިވާގޮތުގައި މިހާތަނަށް އެ ގައުމުގައި މި ވައިރަހަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ ރަނގަޅުވެފައެވެ. އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ ހަތަރު މީހުން ކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް