ކޯވިޑް-19 އިންޑިޔާގައި ފެތުރުނަ ނުދިނުމަށްޓަކައި 21 ދުވަހުގެ މުއްދަތަކަށް އެގައުމު ލޮކްޑައުން އަކަށް ދިޔުމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިންމަވައިފި އެވެ.
ހަފްތާއެއްގެ ތެރޭގައި ދެވަނަ ފަހަރަށް ގައުމާއި މުހާތަބު ކުރައްވައި މޯދީ ވިދާޅުވެފައިވަނީ މިރޭ 12:00 އިން ފެށިގެން ލޮކްޑައުން އަކަށް ދާނެޖެހުނީ ހާލަތު ގޯސްވެފައި ވާތީކަމަށެވެ. މި މުހާތަބު ކުރެއްވުމުގައި މޯދީ ވިދާޅުވެފައިވަނީ ކޯވިޑް-19 ކޮންޓްރޯލް ކުރެވެން އޮތީ އެކަކު އަނެކާކާއި ދުރުވެގެން ކަމަށާއި ތަޖުރިބާކާރުން ބުނަނީވެސް އަދި ނަތީޖާތަކުން ދައްކަނީ ވެސް މިހެންކަމަށެވެ.
އެހެން ކަމުން 21 ދުވަސް ވަންދެން އެކަކު އަނެކަކާއި ދުރުވެ ގޭގައި މަޑުކޮށްލުމަށް މޯދީ ވަނީ އެދި ވަޑައިގެންފައެވެ. މޯދީ އިތުރަށް ވިދާޅުވެފައިވަނީ މި 21 ދުވަގައި ކަންކަން ރަނގަޅަށް ނުގެންދެވިއްޖެނަމަ ގައުމާއި އެންމެގެ އާއިލާތައް 21 އަހަރު ފަހަތަށް ދާނެކަމަށެވެ.
ކޯވިޑް-19 އާއި ކުރާ ހަނގުރާމަ އެންމެ މުހިންމުކަމަކަށް ހެއްދެވުމަށް ގޮވާލަމިން މޯދީވަނީ މިހަނގުރާމައަށް 15،000 ކޮރޯޑު އިންޑިޔާ ރުޕީސްގެ ބަޖެޓެއް ކަނޑައަޅާފައެވެ. މި ބަޖެޓުން ހަރަދު ކުރާނީ ކޯވިޑް-19 އަށް ޓެސްޓުކުރުމަށާއި، އައިސޮލޭޓުކުރަން ބޭނުންވާ އެނދު ހޯދުމަށާއި ވެންޓިލޭޓާސް ގަތުމަށާއި އަދި މިނޫންވެސް ޒަރޫރީ އާލާތް ހޯދައި ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.
އިންޑިޔާގައި މިހާތަނަށް 519 މީހަކަށް ކޮވިޑް-19 ޖެހި މިބަލީގައި 10 މީހަކު ވަނީ މަރުވެފައެވެ. އަދި މީގެ އިތުރުން މި ބަލިން 40 މީހަކު އެގައުމުން ފަސޭހަވެސް ވެފައިވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19 މިހާތަނަށް ޖުމްލަ 399،000 އަށްވުރެ ގިނަ މީހުނަށް މި ބަލި ޖެހިފައިވާއިރު މި ބަލީގައި 17،300 އަށްވުރެ ގިނަމީހުންވަނީ މަރުވެފައެވެ. އަދި މިބަލިން 103،700 އަށްވުރެ ގިނަ މީހުން ވަނީ ފަސޭހަވެފައެވެ.
ދިވެހިރާއްޖޭގައިވެސް 13 މީހެއްގެ ގައިން މިބަލި ފެނިފައިވާއިރު މީގެ ތެރެއިން ފަސް މީހެއް ވަނީ މި ބަލިން ފަސޭހަވެފައެވެ. ދިވެހި ސަރުކާރުންވެސް ދަނީ މިބަލި ރާއްޖޭގައި ފެތުރަ ނުދިނުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް