ކޯވިޑް-19 އަށް ސައުދީ އަރަބިޔާއިން ޕޮޒިޓިވް މީހުންގެ ތެރެއިން ފުރަތަމަ ފަހަރަށް މީހަކު މަރުވިކަމަށް އެ ގައުމުން ރިޕޯޓް ކުރިއިރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ހަރުކަށި ފިޔަވަޅުތަކަކަށް ތައްޔާރުވަމުން އަންނަކަން ހާމަކޮށްފިއެވެ.
ސައުދީން މިއަދު މަރުވި މީހަކީ އުމުރުން 51 އަހަރުގެ އަފްގާން ރައްޔިތެކެވެ. ސައޫދީ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު މުޙައްމަދު އަބްދުލް ޢަލީ، މިއަދު ޓީވީން ދުރަށް ދެއްކި ނިއުންސް ކޮންފަރެންސެއްގައި ވިދާޅުވީ އެ މީހާ މަރުވެފައިވަނީ ހޯމަ ދުވަހު މަދީނާއިން ކަމަށެވެ.
ސައުދީން ކޯވިޑް-19 ގެ ޝިކާރައަކަށްވެ ފުރަތަމަ ފަހަރަށް މީހަކު މަރުވެފައިވާއިރު، އެ ގައުމުން މިއަދު އެކަނި ވެސް 205 މީހުން ވައިރަހަށް ފައްސިވެފައިވެއެވެ. މިއާއެކު ގަލްފުގެ 6 ގައުމުން ވައިރަހަށް ޕޮޒިޓިވް މީހުންގެ އަދަދު ވަނީ 2100 އަށް އަރާފައެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ސައުދީ އަރަބިޔާ އާއި ގަތަރުން ފައްސިވި މީހުންނެވެ. ގަލްފުގެ ގައުމުތަކުން މަރުވި އަދަދު 6 ގައި އުޅޭއިރު، އެއީ ބަހްރެއިން އިން 3 އަދި ޔޫއޭއީ އިން މަރުވި 2 މީހުންގެ އިތުރުން ސައުދީން އިއްޔެ މަރުވި މީހާއެވެ.
މިއާއެކު، ގަލްފް ސަރަހައްދުގެ ގައުމުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދާކަމަށް ފެންނާނީ އަޅާ ފިޔަވަޅުތަކެއްގެ ގޮތުން ޔޫއޭއީ އިން ވަނީ އެ ގައުމުގެ ދުބާއީ އަދި އަބޫ ދާބީ ގެ އެއާޕޯޓްތައް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބަންދު ކުރާނެކަމަށް އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް