ސްޕެއިންގެ ރެއާލް މެޑްރިޑުން، ލަނޑު ޖެހުމުގައި ހުނަރުވެރި ސްޓްރައިކަރެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ދުނިޔޭގެ ކުޅިވަރު ޚަބަރުތައް ގެނެސްދޭ ބައެއް މީޑިޔާތަކުން ރިޕޯޓް ކޮށްފިއެވެ.
ރެއާލް މެޑްރިޑްގެ ޕޯޗުގީޒް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބް ދޫކޮށްލުމަށްފަހު، ރެއާލް އިން މިދިޔަ ސީޒަންގައި ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީއަކާއެވެ. މި ސީޒަންގައި ރެއާލްއިން ނެރޭ ނަތީޖާތައް ރަނގަޅު ކޮށްފައިވިޔަސް، އެ ކްލަބަށް އަދިވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ލަނޑު ނުޖެހޭ މައްސަލައެވެ. ރެއާލްގެ ފޯވާޑް ކަރީމް ބެންޒެމާއަށް ފަހަކަށް އަހިސް އެދޭ ކުޅުމެއް ނުކުޅެވޭއިރު، ބެކަޕް އެއްގެ ގޮތުގައި މި ސީޒަނަށް ރެއާލްއިން ގެނައި ލޫކާ ޖޮވިކްގެ ބޭނުމެއް ވެސް ނުހިފެއެވެ.
ކޯވިޑް-19 އާ ގުޅިގެން މި ޔޫރަޕްގެ ފުޓްބޯޅަ ލީގުތައް ހުއްޓާލާފައި އޮތަސް، ފުޓްބޯޅައިގެ ޓްރާންސްފާ ޚަބަރުތައް ބުނާގޮތުން ރެއާލްއިން އަންނަނީ އަންނަ ސީޒަނަށް އައު ފޯވާޑެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މިގޮތުން އެ ކްލަބް ލޯ އެންމެ ބޮޑަށް އަމާޒުވެފައިވަނީ ޕީއެސްޖީގެ އަގުބޮޑު ތަރި ކިލިއަން އެމްބާޕޭ އާއި ބްރޫޝިއާ ޑޯޓްމުންޑްގެ ފޯވާޑް އާލިން ހާލާންޑެވެ.
ރެއާލްއިން އެމްބާޕޭއަށް ފާރަލަމުން އަންނަތާ އެތައް އަހަރެއް ވެފައިވިޔަސް، ޕީއެސްޖީގެ ކޮންޓްރެކްޓްގައި ބާކީ 2 އަހަރު އޮތުމާ، ޕީއެސްޖީއިން އެމްބާޕޭ ވިއްކާލަން އެއްވެސް އަގަކަށް އެއްބަސްވާން ތައްޔާރަށް ނެތުމުން، އަންނަ ސީޒަނަށް އެމްބާޕޭ ގެނައުން ވާނީ ރެއާލްއަށް ވަރަށް އުނދަގޫ ކަމަކަށެވެ. އެހެންކަމުން، މި ވަގުތު ރެއާލްގެ ޕްރައިމަރީ ޓާގެޓަކީ ހާލާންޑް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އުމުރުން 19 އަހަރުގެ ހާލާންޑްގެ އަގު މި ވަގުތު 75 މިލިޔަނުގައި އުޅޭއިރު، އޭނާ ވަނީ މި ސީޒަންގައި 40 ލަނޑު ޖަހާފައެވެ. އެހެންކަމުން، ރެއާލްއަށް ފަސޭހަ މަގަކީ ހާލާންޑް ގަތުމަށް މަސައްކަތް ކުރުންކަމަށް ބެލެވެއެވެ. އެހެނަސް، ހާލާންޑް ނުލިބިއްޖެނަމަ، ރެއާލްއިން ލައުޓާރޯ މާޓިނޭޒް ނުވަތަ ޓިމޯ ވާނާ ހޯދުމަށް މަސައްކަތް ކުރާނެކަމަށް ބެލެވެއެވެ.
ރެއާލްއިން އަންނަ ސީޒަނަށް އައު ފޯވާޑެއް ގަނެފިނަމަ، ލޫކާ ޖޮވިކް ވިއްކާލުން ނުވަތަ ލޯނަށް ދޫކޮށްލުމަކީ ވަރަށް ގާތްކަމެކެވެ. މީގެ އިތުރުން، މިހާރު ލޯނަށް ދޫކޮށްފައިވާ ބައެއް ކުޅުންތެރިން އަލުން ޓީމާ ގުޅުމުން، އަންނަ ސީޒަންގެ ކުރިން ރެއާލްއިން ބައެއް ކުޅުންތެރިން ވިއްކާލާނެ ކަމަށް ވެސް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް