ކޮވިޑް-19 އާއި ގުޅިގެން މިއަހަރު ޖަޕާނުގެ ޓޯކިޔޯގައި ބާއްވަން ހަމަޖެހިފައި އޮތް އޮލިމްޕިކް ކުޅިވަރު މުބާރާތް ލަސްކޮށްފިއެވެ.
ދުނިޔޭގެ އެންމެ ދުވަސްވީ ކުޅިވަރު މުބާރާތް ލަސްކުރަން ނިންމައި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީއިން ރަސްމީކޮށް އަންގައި ބުނެފައިވަނީ ދެން މި އަހަރު މި މުބާރާތް ނުބާއްވާނެކަމަށާއި އެހެން ނަމަވެސް މި އަންނަ އަހަރުގެ ހޫނުމޫސުން ނިމުމުގެ ކުރިނން މި މުބާރާތް ބާއްވާނެކަމަށެވެ.
އޮލިމްޕިކް ލަސްކުރަން ނިންމާފައިވަނީ އޮލިމްޕިކް ކޮމިޓީގެ ރައީސް ތޯމަސް ބަޙާއި ޖަޕާނުގެ ބޮޑުވަޒީރު އަބޭ ޝިންޒޯ މިއަދު ހެނދުނު ކޮންފަރެންސް ކޯލެއް މެދުވެރުކޮށް މަޝްވަރާ ކުރުއްވުމަށްފަހުގައެވެ. މި ކޮންފަރެންސް ކޯލުގައި މިކަމާއި ބެހޭ ގިނަ އިސްވެރިންތަކެއްވެސް ވަނީ ބައިވެރި ވެފައެވެ. މި ކޮންފަރެންސް ކޯލުގައި ރައީސް ބަޙާއި ބޮޑުވަޒީރު ޝިންޒޯ ވަނީ ކޮވިޑް-19 އާއި މެދު ހުރި ކަންބޮޑުވުން ހިއްސާކޮށް މި ބަލިމަޑުކަމުގެ ސަބަބުން އެންމެންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާއި ހުރިހާ ގައުމެއްގެ އެތްލީޓުން އޮލިމްޕިކަށް ތައްޔާރުވުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 މިހާތަނަށް ޖުމްލަ 392،000 އަށްވުރެ ގިނަ މީހުނަށް މި ބަލި ޖެހިފައިވާއިރު މި ބަލީގައި 17،100 އަށްވުރެ ގިނަމީހުންވަނީ މަރުވެފައެވެ. އަދި މިބަލިން 103،300 އަށްވުރެ ގިނަ މީހުން ވަނީ ފަސޭހަވެފައެވެ.
ދިވެހިރާއްޖޭގައިވެސް 13 މީހެއްގެ ގައިން މިބަލި ފެނިފައިވާއިރު މީގެ ތެރެއިން ފަސް މީހެއް ވަނީ މި ބަލިން ފަސޭހަވެފައެވެ. ދިވެހި ސަރުކާރުންވެސް ދަނީ މިބަލި ރާއްޖޭގައި ފެތުރަ ނުދިނުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް