ކަރަަންޓީނުކުރަން ދޫކުރާ ރިސޯޓްތަަކުގެ ކުއްޔާ ގުޅޭގޮތުން މަބުރޫކަށް އޮޅުމެއް އަރައިފި!

ކަރަންޓީން ފެސިލިޓީގެ ގޮތުގައި ސަރުކާރުން ބޭނުން ކުރަމުންދާ ރިސޯޓުތަކުގެ ކުލި ދައުލަތުން ބޭނުންކުރާ މުއްދަތުގައި މާފުވާނެ ކަމަށް ދެންނެވުނީ އޮޅުމަކުން ކަމަށް ރައިސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް...

24 Mar 2020 | 12:11

ކަރަންޓީން ފެސިލިޓީގެ ގޮތުގައި ސަރުކާރުން ބޭނުން ކުރަމުންދާ ރިސޯޓުތަކުގެ ކުލި ދައުލަތުން ބޭނުންކުރާ މުއްދަތުގައި މާފުވާނެ ކަމަށް ދެންނެވުނީ އޮޅުމަކުން ކަމަށް ރައިސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ ސަރުކާރާއި އެކު ރިސޯޓުތަކުން ހަދާފައި ހުންނަ އެގްރިމެންޓުތަކުގައި ވާގޮތުން ކުއްލި ހާލަތެއްގައި ދައުލަތުގެެ ބޭނުމަށް ރިސޯޓު ނަގައިފި ނަމަ ކޮޓަރިއަކަށް ދައްކަން ޖެހެނީ750 ރުފިޔާ ކަމަށެވެ. އެކަމަކު މިފަހަރު އޭގެ ބަދަލުގައި ދައުލަތުން ރިސޯޓު ބޭނުން ކުރާ މުއްދަތުގައި ކުލި މާފު ކުރަނީ ކަމަށެވެ.

މިގޮތަށް ނިންމީ ދުނިޔޭގެ އެހެން ގައުމުތަކުގައި ކަންކުރަމުންދާ އުސޫލު ކަމަށްވާ ސްކޫލް އަދި ސްޓޭޑިއަމް ފަދަ ތަންތަނުގައި ކަރަންޓީން ފެސިލިޓީތައް ގާއިމް ކުރުމުން ދައުލަތުން ކުރަންޖެހޭ ހަރަދުތަކަށް ބަލާފައި ކަމަށެވެ. އެގޮތުން ރާއްޖޭގައި އެފަދަ ތަންތަން ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރާނަމަ ބޯފެނާއި، ކަރަންޓާއި، ކެއުމާއި، ބޭނުންވާ ހިދުމްތަތްއް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހަރަދު މާބޮޑުވާނެ ކަމަށެވެ.

ދައުލަތުން ކޯވިޑް-19 އާއި ގުޅިގެން ރިސޯޓުތައް ނަގަމުންދަނީ ތިން މަސްދުވަހަށެވެ.

އެކަމަކު މިއަދު މަބްރޫކް ވިދާޅުވީ ކުލި މައާފު ކުރާ ކަމަށް ދެންނެވުނީ އޮޅުމަކުން ކަމަށެވެ. ރަނގަޅުގޮތަކީ ރަށުގެ ވެރިފަރާތުން (ދައުލަތް) ރަށް ނެގުމުން ކުއްޔަށް ހިފާފައިވާ ފަރާތުން ދައްކަން ޖެހޭ ކުއްލި ސަސްޕެންޑު ވަނީ ކަމަށެވެ.

" އެންމެ ރަނގަޅު މިސާލެއްގެ ގޮތުން ބުނެވޭނީ އަޅުގަނޑުގެ ގޭގައި ތިބޭފުޅާ ކުއްޔަށް އުޅެނިކޮށް އަޅުގަނޑު ބުނަނީ މިވަގުތު ގެ ބޭނުންވޭ އެހެންވީމަ ނުކުންނާށެ ވަކި މުއްދަތަކަށް ގެއިން. ދެން އަޅުގަނޑު ގެ ބޭނުން ކުރާ މުއްދަތަށް ކުއްޔަށް ހިފާފައި ހުންނަ ފަރާތުން ނުޖެހޭނެ ދެއްތޯ އެތަނަށް ކުލި ދައްކާކަށް،" މަބްރޫކް ވިދާޅުވި އެވެ.

މި މައްސަލަ ބޮޑުވެފައިވަނީ ބައެއް ނޫސްތަކުގައި ޖަހަމުންދާ ރިޕޯޓުތަކާއި ގުޅިގެން ނެވެ. އެގޮތުން ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ސަރުކާރުން ދަނީ ކަރަންޓީނަށް ނަގާ ރަށް ރަށުގެ އަހަރު ދުވަހުގެ ކުލި މައާފުކޮށްދެމުންނެވެ.

މިވަގުތު ކަރަންޓީން ފެސިލިޓީގެ ގޮތުގައި އަށް ރިސޯޓާއި ގެސްޓު ހައުސްއެއް ބޭނުން ކުރަމުން އެބަދެ އެވެ. އަދި އެ ތަންތަނުގައި574 މީހުން ކަރަންޓީން ކޮށްފައި އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް