ސައުދީ އަރަބިއްޔާގައި ކާފިއު އާއި ހިލާފުވާ މީހުން ޖޫރިމަނާކޮށް ޖަލަށް ލަނީ

ސައުދީ އަރަބިއްޔާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ހިންގަން ހަމަޖައްސާފައިވާ ކާފިއު އާއި ހިލާފުވާ މީހުން 10،000 ރިޔާލް، ސާޅީސް ހާހެއްހައި ރުފިޔާއިނ ޖޫރިމަނާކޮށް، މިކަން ތަކުރާރު ކުރާ މީހުން ޖަލ...

24 Mar 2020 | 11:06

ސައުދީ އަރަބިއްޔާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ހިންގަން ހަމަޖައްސާފައިވާ ކާފިއު އާއި ހިލާފުވާ މީހުން 10،000 ރިޔާލް، ސާޅީސް ހާހެއްހައި ރުފިޔާއިނ ޖޫރިމަނާކޮށް، މިކަން ތަކުރާރު ކުރާ މީހުން ޖަލަށް ލާން ނިންމައިފިއެވެ.

ސައުދީ އަރަބިއްޔާގެ ދާހިލީ ވަޒީރު މިކަން އިއުލާނުކޮށް ބުނެފައިވަނީ ދެވަނަ ފަހަރަށް ކާފިއުއާއި ހިލާފުވާ މިހުންގެ ޖޫރުމަނާ ދެގުނަ ވާނެކަމަށެވެ.  ކޮރޯނާ ވައިރަށް ކޮންޓްރޯލް ކުރުމުގެ ގޮތުން ކޮންމެ ރެއެއްގެ 7:00 އިން ހެނދުނު 06:00 އަށް ސައުދީ އަރަބިއްޔާގައި ކާފިއު ހިންގުމަށް އެގައުމުގެ ރަސްގެފާނު ސަލްމާން އަބްދުލް އަޒީޒު ވަނީ ނިންމަވާފައެވެ. އެގައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ 33 ޕަސެންޓު މީހުންނަކީ އެގައުމުގައި އެ ބަލި ޖެހިފައިވާ އެހެން މީހެއްގެ ފުށުން ޖެހޭ މީހުންނެވެ.

ސައުދީ އަރަބިއްޔާގައި މިހާތަނަށް 562 މީހަކަށް މި ބަލި ޖެހިފައިވެއެވެ. އެހެންނަމަވެސް އެގައުމުން މި ބަލި ޖެހިގެން މީހަކު މަރުވެފައިވާކަމަކަށް ރިޕޯޓުކޮށްފައެއް ނުވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 މިހާތަނަށް ޖުމްލަ 386،000 އަށްވުރެ ގިނަ މީހުނަށް މި ބަލި ޖެހިފައިވާއިރު މި ބަލީގައި 16،700 އަށްވުރެ ގިނަމީހުންވަނީ މަރުވެފައެވެ. އަދި މިބަލިން 102،000 އަށްވުރެ ގިނަ މީހުން ވަނީ ފަސޭހަވެފައެވެ.

ދިވެހިރާއްޖޭގައިވެސް 13 މީހެއްގެ ގައިން މިބަލި ފެނިފައިވާއިރު މީގެ ތެރެއިން ފަސް މީހެއް ވަނީ މި ބަލިން ފަސޭހަވެފައެވެ. ދިވެހި ސަރުކާރުންވެސް ދަނީ މިބަލި ރާއްޖޭގައި ފެތުރަ ނުދިނުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް