ބޭންކް އޮފް މޯލްޑިވްސްގެ 2019 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓް މިއަދު ޝާޢިއުކޮށްފިއެވެ. މި ހިސާބުތަކުން ދައްކާގޮތުން 2019 އަހަރު ވެފައިވަނީ މާލީ ގޮތުން ބޭންކަށް ކާމިޔާބު އަހަރަކަށެވެ. މި ކާމިޔާބުގެ ސަބަބުން މިވަނީ މުޖުތަމައަށް ކުރާ ހޭދަ އިތުރު ކުރުމާއި ވިޔަފާރިތަކަށް އެހީވުމަށް މަގުފަހިވެފައެވެ.
ޓެކްސް އަށް ކެނޑުމުގެ ފަހުން ލިބުނު ސާފު ފައިދާ ވަނީ 1.04 ބިލިއަން ރުފިޔާއަށް އަރާފައެވެ. ލަފާކުރެވުނު ފަދައިން ފަންޑިންގ ކޮަސްޓް އާއި ޕްރޮވިޝަން ޗާޖް ބޮޑުވުމުގެ ސަބަބުން މިއީ 2018 ވަނަ އަހަރާ އަޅަބަލާއިރު %5 ދަށް އަދަދަކެވެ. ނަމަވެސް 2018 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ހިންގުމުގެ ފައިދާވަނީ %9 އިތުރުވެ، 1.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. ބޭންކުގެ އެސެޓް ވަނީ 3.3 ބިލިއަން ރުފިޔާ އިތުރުވެފައެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު %14 އިތުރު އަދަދެކެވެ. އަދި ބޭންކުގެ ކެޕިޓަލް ޕޮޒިޝަން ވަނީ ޤާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ މިންވަރެއްގައި ހިފެހެއްޓިފައެވެ. މި ގޮތުން ބޭންކުގެ ކެޕިޓަލް އެޑަކުއަސީ ރޭޝިއޯގެ ނިސްބަތްހުރީ 40% އަށް ވުރެ މަތީގައެވެ.
މި ނަތީޖާ އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " އަޅުގަނޑުމެން މި ވަގުތު މި ތިބީ މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ހާދިސާ އާ ގުޅިގެން ބޭންކަށާއި އިޤްތިސާދަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ދިމާވެފައިވާ ވަރަށް ނާޒުކު ދަނޑިވަޅެއްގައި. ބޭންކުން މިދަނީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުން، އަދި މި ދަނޑިވަޅުގައި ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތައް އެޅޭނެގޮތަތައް ބަލަމުން. އަޅުގަނޑުމެން އެންމެ އިސްކަމެއްދެނީ އަޅުގަނޑުމެންގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށް. އަދި އެންމެން ގުޅިގެން މަސައްކަތްކޮށް މިކަމުން އަރައިގަނެވޭނެ."
ބޭންކުގެ ކުރިއަރަމުން އަންނަ އިސްލާމިކް ބޭންކިންގ އާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓިމް ވިދާޅުވީ " މުޅި ރާއްޖެއަށް އަމާޒުކޮށް ބޭންކުން ދެމުންގެންދާ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން މިދިޔަ އަހަރު ބޭންކުންވަނީ އަތޮޅު ތެރޭގައި އައު ބްރާންޗްތަކަކާއި އޭޓީއެމްތައް ގާއިމްކޮށްފަ. ޑިޕޮސިޓް އަދި ޕޭމަންޓް ގެ ޚިދުމަތް ފުޅާކުރުމަށް ކޭސް އޭޖަންޓުން ވެސް ވަނީ ގާއިމްކުރެވިފަ. ބީއެމްއެލް އިސްލާމިކް އަށް އިތުރުވަމުންދާ ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން މާލޭގައި މިވަނީ ޒަމާނީ ހެޑްކުއާރޓަސް އެއް ހުޅުވާފަ. އަދި ބޭންކުގެ ކޮންވެންޝަނަލް ޕްރޮޑަކްޓަކާ އެއް މިންވަރަކަށް ޝަރީޢާ ހުއްދަކުރާ އިސްލާމިކް ޕްރޮޑަކްޓްތައް ބޭންކުގެ ޕަރސަނަލް އަދި ބިޒްނަސް ކަސްޓަމަރުންނަށް މިވަނީ ތައާރަފްކޮށްފަ."
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް