ލަންކާގައި ތިބި ދިވެހިން ރާއްޖެ ގެންނަން ޗާޓާޑް ފްލައިޓެއް ބާއްވަނީ

އަވައްޓެރި ސްރީލަންކާގެ ހާލަތު ކޮރޯނާ ވައިރަސްއާއި ގުޅިގެން އިތުރަށް ގޯސްވަމުންދާތީ އެ ގައުމުގައި ތިބި ދިވެހިން ރާއްޖެ ގެންނަން ޗާޓާޑް ފްލައިޓެއް ބާއްވަން ނިންމައިފި އެވެ. ރާއްޖޭގައި ހުންނަ ސްރީލަންކަ...

24 Mar 2020 | 09:27

އަވައްޓެރި ސްރީލަންކާގެ ހާލަތު ކޮރޯނާ ވައިރަސްއާއި ގުޅިގެން އިތުރަށް ގޯސްވަމުންދާތީ އެ ގައުމުގައި ތިބި ދިވެހިން ރާއްޖެ ގެންނަން ޗާޓާޑް ފްލައިޓެއް ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގައި ހުންނަ ސްރީލަންކަން އެއާލައިންސްގެ އެޖެންޓު އޭސް ޓްރެވަލްސް މޯލްޑިވްސް އިން ބުނީ ލަންކާގައި ތިބި ދިވެހިން ރާއްޖެ ގެންނަން ސްރީލަންކަންގެ ޗާޓާޑް ފްލައިޓެއް ބޭއްވުމަށް ރާވަމުންދާ ކަމަށެވެ. މި ދަތުރު ބޭއްވުމަށް މަސައްކަތް ކުރަމުންދަނީ އަންނަ ހުކުރު ނުވަތަ ހޮނިހިރު ދުވަހު އެވެ.

އެކަމަކު މިކަމަށް ދެ ގައުމުގެ ސަރުކާރާއި މަޝްވަރާ ކުރަން ޖެހެ އެވެ. އެއީ ރާއްޖެއިން ވަނީ ވައިރަސް އާއި ގުޅިގެން ލަންކާ އާއި ދެމެދު ވައިގެ ދަތުރުތައް ހުއްޓާލާފަ އެވެ. އަދި ލަންކާއިން ވަނީ އެގައުމުގެ ވައިގެ ދަތުރުތައް އެއްކޮށް ހުއްޓުމަކަށް ގެނެސްފައި އެވެ.

އެހެންވެ އޭސް ޓްރެވަލްސްއިން ބުނީ ދެ ގައުމުގެ ސަރުކާރާއި މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުންދާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓާ މިއުވާން މުހައްމަދު ދުވަހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ލަންކާގައި ތިބި ދިވެހިން ސަރުކާރު ހަރަދުގައި ރާއްޖެ ގެނައުމާއި ގުޅޭގޮތުން އަދި ގޮތެއް ނުނިންމާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ. އަދި ސްރީލަންކަން އެއާލައިންސް ނުވަތަ އޭސް ޓްރެވަލްސް މޯލްޑިވްސްއިން ސަރުކާރާއި އެކު މަޝްވަރާ ކުރާކަން ޔަގީން ނުކޮށްދެއްވަ އެވެ.

އޭސް ޓްރެވަލްސްއިން ބުނީ ރާއްޖެ އަންނަން ބޭނުންވާ ދިވެހިން އީމައިލް ނުވަތަ ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށް ޕާސްޕޯޓު ކޮޕީ ފޮނުވުން އެދޭ ކަމަށެވެ. އީމެއިލް އަކީ [email protected] އެވެ. ވައިބާ ނުވަތަ ވަޓްސްއެޕް ކުރަން ޖެހެނީ7931334  އާއި7926087 ނަމްބަރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް