އީސީގެ ނައިބު ރައީސަކަށް އަކްރަމް އައްޔަން ކުރުމުން ފުވާދު މި ވިދާޅުވަނީ ކީކޭ؟

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައިސް ކަމަށް ކުރިން އެމަގާމުގައި ހުންނެވި އަހުމަދު އަކްރަމް އައްޔަން ކުރީ އިއްޔެ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އަކްރަމް އެ މަގާމަށް އައްޔަން ކުރީ އިއްޔެ އޮތް ކޮމިޝ...

24 Mar 2020 | 09:00

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައިސް ކަމަށް ކުރިން އެމަގާމުގައި ހުންނެވި އަހުމަދު އަކްރަމް އައްޔަން ކުރީ އިއްޔެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އަކްރަމް އެ މަގާމަށް އައްޔަން ކުރީ އިއްޔެ އޮތް ކޮމިޝަނުގެ25 ވަނަ ކުއްލި ބައްދަލުވުމުގައި ކަމަށެވެ. އަދި އެގޮތަށް އެ ބައްދަލުވުމުގައި ފާސްކުރީ މެންބަރުންގެ އިއްތިފާގުން ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ކުރީގެ އެ ކޮމިޝަނުގެ ރައީސްކަން ކޮށްފައިވާ ފުވާދު ތައުފީގު ވަނީ ވަރަށް އާދަޔާ ހިލާފު ވާހަކައެއް ވިދާޅުވެފައި އެވެ. ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި އޭނާ ބައިވެރިވެވަޑައި ނުގެންނަވާ ކަމަށެވެ.

ހަމައެކަނި އެހެން ވިދާޅުވީކީ ނޫނެވެ. އެ ނިންމުމާއި މެދު ފުވާދު ހިތްހަމަޖެހިވަޑައި ނުގެންނަވާކަން ދޭހަވާ ފަދަ ގޮތަކަށްވެސް ލިޔުއްވާފައިވެ އެވެ. ފުވާދު ވިދާޅުވީ އަކްރަމް ނައިބު ރައީސް ކަމަށް އައްޔަން ކުރި ކުއްލި ޖަލްސާގައި އެމަގާމަށް އޭނާ އައްޔަން ކުރީ ހާޒިރުވި ކިތައް މެންބަރުންގެ އިއްތިފާގުންކަން އީސީން ހާމަ ކުރި ނަމަ ބޮޑަށް ކަންކަން ސާފުވާނެ ކަމަށެވެ.

https://twitter.com/FuwadThowfeek/status/1242008136384307200

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަސް މެންބަރުން ތިއްބަވާ އީސީގެ އެ ބައްދަލުވުމަށް ހާޒިރު ނުވަނީ ފުވާދު އެކަންޏެވެ.

މިގޮތަށް ފުވާދުގެ ވާހަކަތައް ހުރުމުން ސޯޝަލް މީޑިއާގައި ވަނީ ފުވާދަށް ވަރަށް ބޮޑަށް ފާޑުކިޔާފައި އެވެ. އެގޮތުން ފުވާދު އަދިވެސް ކޮމިޝަނުގެ ރައީސް ކަމަށް ނުވަތަ ނައިބު ރައީސް ކަމަށް އަންނަން ބޭނުންވަނީތޯ ބައެއް މީހުން ސުވާލުކޮށްފައިވެ އެވެ.

ފުވާދު އެ ދެއްކެވި ވާހަކަ އާއި ގުޅޭގޮތުން އިތުރަށް މީހުންގެ ހިތްތަކުގައި ސުވާލު އުފެދޭ ގޮތްވީ މި ޓުވީޓާއެ އެކު ކުރެއްވި ޓުވީޓުތަކަކާއި ގުޅިގެންނެވެ. އާންމު މީހަކު ފާޅުކުރި ހިޔާލަކަށް ޖަވާބު ދެއްވަމުން ފުުވާދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރާއި މަޖިލީހާއި މިހާރުގެ އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި މެދު ރައްޔިތުން ކުރި އުންމީދަކީ މީ ނޫންކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

ފުވާދު ވިދާޅުވެފައިވާގޮތުގައި އެމްޑީޕީއަށް ރައްޔިތުން ވޯޓު ދިނީ ތެދުވެރިކަމާއި އޯގާތެރިކަމާއި ކޮރަޕްޝަނަށް ނޫނެކޭ ބުނާނެ ކަމަށް ބުނުމުން ކަމަށެވެ. އެކަމަކު 16 މަސްދުވަސް ފާއިތުވެގެން މިދިޔައީ އޭގެން އެއްވެސް ކަމެއް ހާސިލް ނުވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

https://twitter.com/FuwadThowfeek/status/1241920722739449859

ފުވާދުގެ މިވާހަކަތަކުން އޭނާގެ ހިތްހަމަ ނުޖެހުންތަކެއް މި ސަރުކާރާއި މަޖިލީހާއި މެދު އޮތްކަން ހާމަވެ އެވެ. ފަހަރުގައި އެއީ އީސީގެ މެންބަރު ކަމަށް ދެވަނަ ފަހަރަށް އަކްރަމް އައްޔަން ކުރުން ކަމަށްވެސް ވެދާނެ އެވެ. އަކްރަމް އަކީ އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އެވެ. އޭނާ އީސީގެ މެންބަރު ކަމަށް ފުރަތަމަ އައްޔަން ކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކުރީކޮޅު އެވެ.

ފުވާދު ވަނީ އެމްޑީޕީ ވެރިކަމަށް ގެނައުމަށް އަވައްޓެރި ސްރީލަންކާގައި ހުންނަވާ މުހިންމު މަސައްކަތްތަކެއް ކުރައްވާފަ އެވެ. އަދި އޭނާ ވަނީ މިދިޔަ މަޖިލިސް އިންތިހާބުގައި މައްޗަންގޮޅި ދެކުނު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިވަޑައިގެންފަ އެވެ.

އެފަހަރުވެސް އޭނާއަށް އެމްޑީޕީގެ ޓިކެޓު ނުލިބުމާއި ގުޅިގެން ނުސީދާ ގޮތުން އެމްޑީޕީއަށް ފާޑު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް