މިއަހަރުގެ މެއި/ ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިންޓަނޭޝަނަލް އޭއެސް ލެވެލް (އޭލެވެލް) އިމްތިހާނު ފަސްކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ އިމްތިހާނު ދެން ބާއްވާނީ މިއަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރުގައި ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މިގޮތަށް ނިންމީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދިގު މުއްދަތަކަށް ސްކޫލްތައް ބަންދު ކުރަން ޖެހިފައިވާތީ ކަމަށެވެ.
މިއަހަރު ރާއްޖެއިން1529 ދަރިވަރުން އޭލެވެލް އިމްތިިިހާނު ހަދާނެ އެވެ. އެއީ ރާއްޖޭގެ އެކި ސްކޫލްތަކުން އިމްތިހާނުގައި ބައިވެރިވާ1435 ދަރިވަރުންނާއި އަމިއްލަ ގޮތުން އިމްތިހާނު ހަދާ94 ދަރިވަރުންނެވެ.
މާލެއިން މިއަހަރު އޭލެވެލް އިމްތިހާނު ހަދަނީ ހަތަރު ސްކޫލެއްގައި އެވެ. އަދި އަތޮޅު ތެރޭގެ33 ސްކޫލަކުން އޭލެވެލް އިމްތިހާނުގައި ދަރިވަރުން ބައިވެރި ކުރާނެ އެވެ.
ކެމްބްރިޖް ޔުނިވާސިޓީން ދޭ އިމްތިހާނު ރާއްޖޭގައި ފަސް ކުރި އިރު އެ ޔުނިވާސިޓީން އެކި ގައުމުތަކުގައި ކުރިޔަށް ގެންދާ އިމްތިހާނުތަކުގެ ތެރެއިން މެއި/ ޖޫންގައި ހަދާ އެޑެކްސެލް އިމްތިހާނު ފަސް ކުރުމާއި މެދު ގޮތެއް ނުނިންމައެވެ. އެކަމަކު ކެމްބްރިޖް އައިޖީސީއެސްއީ އާއި ކެމްބްރިޖް އޯ ލެވެލް އާއި ކެމްބްރިޖް އިންޓަނޭޝަނަލް އޭއެސް އޭ ލެވެލް އަދި ކެމްބްރިޖް އޭއައިސީއީ ޑިޕްލޮމާގެ މެއި/ ޖޫން މަހުގެ އިމްތިހާން ނުބާއްވަން ވަނީ ނިންމާފަ އެވެ.
މިގޮތަށް އެ ޔުނިވާސިޓީން ނިންމީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފައިވާތީ އެވެ. ކެމްބްރިޖް ޔުނިވާސިޓީން ބުނީ އެންމެ ބޮޑު ސަމާލުކަމެއް ދެނީ ދަރިވަރުންނާއި ޓީޗަރުންގެ ސަލާމަތާއި ރައްކާތެރިން ކަށަވަރުކޮށް ހަމަހަމަކަމާ އެކު ކިޔެވޭނެ މާހައުލެއް ފަހިކޮށްދިނުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް