ބަންގްލަދޭޝް އިން ރާއްޖެއަށް މީހުން އައުން މަނާކޮށްފައި އޮތް މުއްދަތު ހަމަވުމުން އަނެއްކާވެސް އެ މުއްދަތު އިތުރުކޮށްފި އެވެ.
އެ ގައުމުން ރާއްޖެއަށް މީހުން އައުން މަނާކުރީ ކޯވިޑް-19 އާއި ގުޅިގެން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުންނެވެ. މިފަހަރު މުއްދަތު އިތުރުކުރީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.
ސަރަހައްދުގެ އެހެން ގައުމުތަކާއި އަޅާ ބަލާއިރު އެ ގައުމުގައި ވައިރަސް ޖެހުނު މީހުންގެ ގޮތުގައި ބަންގްލަދޭޝް ސަރުކާރުން ހާމަކުރާ އަދަދުތައް މަދެވެ. މިހާތަނަށް އެ ގައުމުން ވައިރަސް ޖެހިފައިވާކަމަށް ހާމަކޮށްފައިވަނީ24 މީހުންނަށެވެ. އަދި މި ބަލީގައި ދެމީހަކު ވަނީ މަރުވެފައި އެވެ.
ދިވެހި ސަރުކާރުން ބުނީ ބަންގްލަދޭޝްއިން މީހުން އައުން މަނާކުރީ ބަލި ޖެހިފައި ހުންނަ މީހަކު ރާއްޖެ އެތެރެވުމަށް ފަހު ގޮސް އުޅެންފަށާ މާހައުލުގައި ގިނަ އަދަދެއްގެ ބަޔަކު އުޅުމާއި އެކު ބަލި ފެތުރިއްޖެ ނަމަ ކޮންޓްރޯލް ކުރަން އުނދަގޫވެދާނެ ކަމުގެ ބިރު އޮތުމުންނެވެ. މިގޮތަށް ސަރުކާރުން ބުނީ މިދިޔަ ހަފްތާގައި އެވެ.
އޭގެ ފަހުން ޑައިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަނީ ރާއްޖެ އަންނަ ޓޫރިސްޓުން ފިޔަވާ އެހެން އެންމެން ކަރަންޓީން ކުރަން އަންގަވާފައި އެވެ.
މިހާރު ރާއްޖެއަށް މީހުން އައުން މަނާ10 ގައުމު އެބައޮތެވެ. އެއީ ބަންގްލަދޭޝްގެ އިތުރުން ސްރީލަންކާ، އިނގިރޭސިވިލާތް، ފްރާންސްގެ ދެ ސަރަހައްދެއް، ޖަރުމަނުވިލާތުގެ ދެ ސަރަހައްދެއް، ސައުތް ކޮރެއާގެ ދެ ސަރަހައްދެއް އަދި ސްޕެއިން، އިޓަލީ، ޗައިނާގެ އިތުރުން އީރާން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް