ސިއްސައިގެން ދިޔަވަރުން ރާނީ އަށް އިނދެވުނީ ޒިއަންގެ މޫނަށް ބަލާށެވެ. ޒިއަން ރާނީގެ އަތުގައި ހިފައިލިއެވެ.
"އަހަރެންގެ ވާހަކަ ހިއްސާ މިކުރީ ތީ އަހަރެންގެ ރަހުމަތްތެރިއެއް ކަމަށް ދެކޭތީ... އަދި މެރީ ކުރާ ހިސާބަކަށް ނުދެއެއްނު؟" އިސްޖަހައިގެން އިނދެ ރާނީ ބުނެލިއެވެ. ހަގީގަތުގައި އޭނާގެ ހިތް ގޮވަމުން ދިޔައީ ވަރަށް ބާރަށް އާނ އެކޭ ބުނުމަށެވެ.
"ރާނީ ބޭނުންވާ ކަހަލަ އުފާވެރި ދިރިއުޅުމެއް އަހަރެން ރާނީއަށް ހޯދަދޭނަން..." ސީދާ ރާނީގެ ލޮލަށް ބަލަން އިނދެފައި ޒިއަން ބުނެލިއެވެ. ރާނީ އިސްޖަހައިލިއެވެ. އަދި ތިރީ ތުންފަތުގައި ދަތް އަޅައިލިއެވެ.
"ޕްލީޒް ރާނީ... މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އަހަންނަށް ހަމަ ރަގަޅަށްވެސް ރާނީ ދެކެ ލޯބި ވެވިއްޖެ..." ޒިއަން ރާނީގެ އަތައް ފިތައިލިއެވެ.
"އަހަރެން ވިސްނާނަށް" ޒިއަންގެ އަތުތެރެއިން އޭނާގެ އަތް ދަމައިގަންނަމުން ރާނީ ބުނެލިއެވެ. އަދި ޖޯލިން ތެދުވެ، ދާން ހިނގައިގަތެވެ.
"އަހަންނަށް ޖަވާބެއް ދޭނީ ކޮންއިރަކުން؟" ރާނީ ހިނގަ ހިނގާ ހުއްޓައި ޒިއަން ފަހަތުން ގޮސް ރާނީގެ އަތުގައި ހިފަހައްޓައިލިއެވެ. އަދި އަތައް ކުއްލިއެއް ޖެހުމަށްފަހު ރާނީ އޭނާގެ ހަށިގަނޑުގައި ޖެހޭވަރަށް ދަމައިލިއެވެ. އޭރު ރާނީގެ ދިގު، ފަން އިސްތަށިގަނޑުން ޒިއަންގެ މޫނު ވަނީ ފޮރުވިފައެވެ.
"ދެން ވިސްނުނީމަ.." މިހެން ބުނުމަށްފަހު ޒިއަންގެ އަތް ފޮޅުވާލައިފައި ރާނީ ދުއްވައިގަތެވެ. ޒިއަން ކައިރިޔަށް އައީ ލާނެތް ހިންޏެކެވެ. އޭނާއަށް ކާމިޔާބު ވާނެކަމުގެ އުންމީދު ވަރަށް ވެސް ބޮޑެވެ. މިރޭ މި ލިބުން ކަހަލަ ހިތްހަމަޖެހުމެއް މީން ދުވަހަކު އޭނާއަށް ލިބުންކަމެއް ނޭންގެއެވެ.
ޖޯލީގައި އޮތް ގިޓާ ނަގައިގެން އެތެރެއަށް ވަންނަން ދިޔަވަގުތު، ދޮރުމަތީ ހުރި އީމާން ފެނުމުން ޒިއަން ކުޑަކޮށް ސިއްސައިގެން ދިޔައެވެ. އީމާން ހުރީ ހިތްހަމަނުޖެހިފައެވެ. އެއީ ކީއްވެގެންކަން ޒިއަންއަށް ހަމަ ރަގަޅަށް އިނގުނެވެ.
"ބްރޯ ޕްލީޒް ތިކަން ނުކުރޭ" ޒިއަން ގެއަށް ވަންނަން ހިނގައިގަތުމުން އީމާން ބުނެލިއެެވެ. ޒިއަން އަޅާނުލައި ގޮސް ކޮޓަރިއަށް ދެމިގަތެވެ.
"ޒިއަން ތީ ރަގަޅު ގޮތެއް ނޫން... ތިކަމުގެ ސަބަބުން ރާނީއަށް ވެސް ލިބޭނީ ހުސް ދެރަ.." ޒިއަންގެ ކޮނޑުގައި އަތް ބާއްވާލަމުން އީމާން ބުނެލީ އަސަރާއެކީގައެވެ.
"ރިލެކްސް އީމް... އައި ކެން ހެންޑްލް.. އެންޑް އައި ލަވް ރާނީ" އީމާންގެ ދެކޮނޑުގައި ހިފައިލަމުން ޒިއަން ޔަގީން ކަމާއި އެކީ ބުނެލިއެވެ. އީމާން ދެން އިތުރަށް ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ. ބޯ ހޫރާލުމަށްފަހު އީމާން އެނދަށް ވެއްޓިގަތެވެ. ޒިއަންވެސް ފާހާނާކޮށްގެން އައިސް ނިދަން އޮށޯތެވެ.
ހަފްތާއެއް ނިމި، ޒިއަންމެން ފުރަން ދެ ދުވަހަށް ވެއްޖެއެވެ. މިކަމާ އެންމެ ދުރަވަނީ ޒިއަންއެވެ. މިވީ ހަފްތާއެއްހާ ދުވަސްތެރޭ އޭނާއާއި ރާނީގެ ގުޅުމުގައި ކުރި ޖަހައި ހެދެން ފަށައިފިއެވެ. އިސްޤީ ހަފްތާއަކަށް ފަހު ޒިއަން ފުރަން އުޅޭ ވާހަކަ ބުނުމުން ރާނީ ހުންނަނީ ވަރަށް ދެރަވެފައެވެ. އޭނާ ބިރުގަންނަނީ އެވެ. ޒިއަން މާލެ ދިއުމަށްފަހު ހަބަރެއް ނުވިއްޔާ ދެން ހަދާނި ކިހިނެއް ހެއްޔެވެ.
"ޒިއަން މާލެ ގޮސްފަ އަހަރެން މަތިން ހަނދާންވާނެތަ؟" ޒިއަންގެ އަތުގައި އޮޅުލައި ގަންނަމުން ރާނީ އަހައިލިއެވެ. ދެމީހުން ތިބީ ގެއާ ވީ ދިމާލުން އަތިރިމަތީގައި ހުރި ބެންޗެއްގައެވެ.
"ހާދަ ފާޑެއްގެ ސުވާލެއް ތި ކުރީ؟ ރާނީއަށް ހީވޭތަ އަހަރެން ހަނދާން ނެތޭނެހެން؟" ރާނީގެ ނޭފަތުގައި ހިފައިލަމުން ޒިއަން އަހައިލިއެވެ. ރާނީ ހީލިއެވެ.
ޒިއަންގެ ޖީބުން ކުޑަ ފޯނެއް ނަގައިފައި ރާނީގެ އަތައް ދިނެވެ.
"މީ ކީއްކުރަން؟ އަހަންނަކަށް ނުކެރޭނެ މީގަ ހިފާކަށް.. ޝަމީއްތަ އަށް ފެނިއްޖިއްޔާ ނިމުނީ" ފޯނު އަނބުރާ ޒިއަންގެ އަތައް ދެމުން ރާނީ ބުނެލިއެވެ. ޒިއަން އަނެއްކާ ފޯނު ރާނީގެ އަތައް ލައިދިނެވެ.
"މި ނޫނީ ކޮންޓެކްޓް ކުރެވޭނެ ގޮތެއް ނެތޭ ދޫންޏާ! ފޮރުވައިގެން ގެންގުޅޭނީ.." ޒިއަން ބުނެލިއެވެ. އަދި ފޯނު ވައިބްރޭޓަށް ލާށާއި، ރިންގްވާ ގޮތައް ހަދަން ރާނީ އަށް ކިޔައިދިނެވެ. މިކަހަލަ ކަންކަމަށް ރާނީ އަދި މުޅިން އަލެވެ.
"އަހަރެން މީ ނުކިޔަވާ ހުރި ގަމާރެއް" ފޯނަށް ފިތައިލަމުން ރާނީ ބުނެލިއެވެ. ޒިއަން އިނީ ފާޑަކަށް ރާނީގެ މޫނަށް ބަލަހައްޓައިގެންނެވެ. ރާނީ އަށް ވެސް އެކަން ފާހަގަ ކުރެވުނެވެ. ރާނީ އިސްޖަހައިލުމަށްފަހު ތިރީ ތުންފަތުގައި ދަތް އަޅައިލިއެވެ.
"ޕްލީޒް.. އަބަދު ކީއްވެތަ އަމިއްލަ އުނި ކަންކަމުގެ ވާހަކަ ދައްކަނީ؟ އަހަންނަށް އެއްޗެއް ވިސްނަދޭންތަ އަބަދު ތިހެން ތި ކިޔަނީ؟" ރާނީގެ މޫނަށް ބަލަަން އިނދެފައި ޒިއަން ބުނެލިއެވެ.
"ހިތައް އަރަނީ ހަމަ އަހަރެން މީ އަދި ޒިއަންއަށް އެންމެ ރަގަޅު މީހާ ނޫންކަން..." އަނެއް ފަރާތައް މޫނު އަނބުރައިލަމުން ރާނީ މިހެން ބުނެލީ ވަރަށް މަޑުންނެވެ. ނަމަވެސް ޒިއަންއަށް ހަމަ ރީއްޗަށް އިވުނެވެ. ޒިއަން އެންމެ ދެރަވަނީ މިހެންވެއެވެ. އެކަހެރިވެ ވާހަކަ ދައްކާ ކޮންމެ ވަގުތެއްގައި ރާނީ ދައްކަނީ އޭނާގެ ނިކަމެތިކަމާއި، އޭނާ އާއި ޒިއަން އެކަށީގެން ނުވާ ވާހަކައެވެ. ޒިއަން ކައިރިއަށް ކުޑަކޮށް ރުޅި އަންނަ ގޮތް ވިއެވެ.
"އަހަންނަށް އެކަށޭނަ މީހާ އަހަރެން މި ހޯދީ... ދެން ނުދައްކައްޗޭ އެކަހަލަ ވާހަކައެއް.. އަހަރެން ވަރަށް ދެރަވޭ އަބަދު ރާނީ ތިހެން ކިޔާތީ" ރާނީގެ މޫނުގައި ދެއަތުން ހިފައިލަމުން ޒިއަން ބުނެލިއެވެ. ރާނީގެ ލޮލުން ކަރުނަ ހިލުނެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޮހިގަތެވެ. ޒިއަން މަޑުމަޑުން ރާނީ ގެނެސް މޭގައި ޖައްސައިލިއެވެ.
"އައި ލަވް ޔޫ" ރާނީގެ ބޮލުގައި ތުންފަތް ޖައްސައިލަމުން ޒިއަން ބުނެލިއެވެ.
***
ޒިއަންއަށް ހޭލެވުނީ މީހަކު ފައިގައި ހިފައިގެން ދަމާހެން ހީވުމުންނެވެ. ރަގަޅަށް ލޯ ހުޅުވައިލުމަށްފަހު ބަލައިލިއިރު، މާޒިން އޭނާގެ ފައިގައި ހިފާ ދަމަނީއެވެ.
"ކައެ މޮޔަވީތަ؟" ޒިއަންގެ ފައިން ޖަހައި މާޒިން ކޮއްޕައިލިއެވެ. މާޒިން ގޮސް ޖެހުނީ ފާހާނާ ދޮރު މައްޗަށެވެ. އެވަގުތު ފާހާނާއިން ނިކުތް އީމާން ދިޔައީ ސިއްސައިގެންނެވެ. މާޒިން ބާރަށް ހަޅޭއްލަވައިގަތެވެ.
"މީ ކޮން މަސްގަނޑެއް މި އޮތީ؟" މާޒިންގެ ފޫކޮޅުގައި ފައިން ޖަހައިލަމުން އީމާންވެސް ސަމާސާ ކޮށްލިއެވެ. އޭރުވެސް މާޒިން އަޮތީ ވީ ތަދުން ނުތެދުވެވިފައެވެ.
"އޭ ތަދުވީތަ މާ ބޮޑަށް؟" ޒިއަން އެނދުމަތީ ފައި ވަށްކޮށްލަމުން އިށީނެވެ.
"ނޫނޭ މިތަން އަރާމުކަމުން މިއޮތީ ތެދުވާހިތް ނުވެފަ" ދަތްކުނޑި ވިކައިލަމުން މާޒިން މިހެން ބުނުމަށްފަހު ތެދުވިއެވެ. ޒިއަން އާއި އީމާން ބާރު ބާރަށް ހޭން ފެށިއެވެ.
"އެހެން ވާނީ މީހުން ނިދިޔަ ނުދޭން އުނދަގޫ ކުރަންޏާ" ފާހާނާއަށް ވަންނަމުން ޒިއަން ބުނެލިއެވެ. އީމާން އާއި މާޒިން އަވަސްވެގަތީ ދަބަހަށް އެއްޗެހި އަޅާށެވެ. ފުރަން ހަމަޖެހިފައިވަނީ މިއަދު މެންދުރު ފަހުގައެވެ.
ފެންވަރައިގެން ނިކުމެ ސައިބޯން ދިޔައީ ހަމީދާމެން ގެއަށެވެ. ސައި ބޮއެގެން އަންނަމުން އައީ ކޮންމެ މިހަކު ފޮށިގަނޑެއް ހިފައިގެންނެވެ. އެއީ ހަމީދާގެ ފަރާތުން ކޮންމެ ކުއްޖަކަށް ދިން ހަދިޔާ ފޮށިގަނޑެކެވެ.
"ކުޅި ކާޖާ ކައިގެން ބަނޑު ހަރުވާނެ ކުރިޔަށް އޮތް ހަފްތާ" ގޭތެރޭގައި ފޮށިގަނޑު ބަހައްޓަމުން މާޒިން ބުނެލިއެވެ.
"ކައެ ތީ މެޓައެއް ކެޔަސް ބަނޑު ހަރުވާ މީހެއް" ޒިއަން ބުނެލިއެވެ. އީމާން ކައިރިޔަށް އައީ ހިންޏެވެ.
ޒިއަން ބޭރަށް ނިކުތީ ފުރުމުގެ ކުރިން ފަހު ފަހަރު ރާނީއާ ބައްދަލު ކުރާށެވެ. ގެއިން ނިކުމެ ޒިއަން ރާނިގެ ފޯނަށް ގުޅައިލިއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. ޒިއަން އަކަށް މަޑުކުރެވޭކަށް ނެތެވެ. ފުރަން ތިން ގަޑި އިރަށް ވީއެވެ.
"ކޮންތާކަށް؟" ޒިއަންގެ ފަހަތުން ނިކުތް އީމާން އަހައިލިއެވެ.
"އެބަ އަންނަން.." ފަހަތް ބަލައިލުމެއް ނެތި ޒިއަން ހިނގައިގަތެވެ. އީމާން ދެ ބުމަ ގާތްކޮށްލުމަށްފަހު ބަލަން ހުރީއެވެ. ފަހަތުން މާޒިން ނިކުތެވެ.
"ޒިއަން ހަމަ އެކަން ކުރީ ދޯ އެ... އެންމެ ފަހުން" ޒިއަން ގޮސް ގެއްލުނު ދިމާލަށް ބަލައިލަމުން މާޒިން ބުނެލިއެވެ.
"ބަހައްޓާ ބުނެވެއްޖެ އެއްނު" ގޭތެރެއަށް ވަންނަމުން އީމާން ބުނެލިއެެވެ. މާޒިންވެސް ކޮނޑު އަރުވައިލުމަށްފަހު ގޭތެރެއަށް ވަނެވެ.
ޒިއަން ރާނީ ހޯދަން އެގެއަށް ދިޔައިރު އެއްވެސް މިހަކު ފެންނާކަށް ނެތެވެ. ޒިއަން މަޑު މަޑުން އެތެރެއަށް ވަތްއިރު ބަގީޗާ ތެރޭގައި ރާނީ ގަސްތަކަށް ފެންދޭން ހުއްޓެވެ. ލަސް ފިޔަވަޅުތަކެއް ނަގަމުން ގޮސް ޒިއަން މަޑުކޮށްލީ ރާނީގެ ފުރަގަހުގައެވެ. ރާނީ ހުރީ މަޑު ރާގެއްގައި ލަވައެއް ކިޔާށެވެ. އެއީ އޭނާގެ އަބަދުވެސް އާދައެވެ. ޒިއަން ދެފަރާތް ބަލައިލުމަށްފަހު ރާނީގެ ގައިގައި ފަހަތުން ބައްދައިލިއެވެ. ރާނީ ދިޔައީ ސިއްސައިގެންނެވެ. އޭނާގެ އަނގައިން މަޑު ތޫލި އަޑެއް ނިކުތެވެ. އެވަގުތު އަތުގައި އޮތް ހޮޅިވެސް ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. ސިއްސައިގެން ދިޔަ ނަމަވެސް އެއީ ކާކުކަން ރާނީއަށް އެނގުނީ އެ ވަސް ޖެހުމުންނެވެ. އެއީ މިހާރު މިދުނިޔޭގައި ރާނިއަށް އެންމެ މީރުވަސް ދުވާ ވަހެވެ.
"ޒިއަން މީހަކަށް ފެނިދާނެ ދޫކޮށްލާ" ޒިއަންގެ އަތް ދަށުން ސަލާމަތް ވާން ރާނި މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ޒިއަން ހިފަހައްޓާފައި ހުރީ ވަރަށް ބާރަށެވެ.
"ޕްލީޒް ދުކޮށްލަބަލަ ޒިއަން..." ޒިއަންގެ މޫނަށް ބަލައިލަމުން ރާނީ އާދޭހާއެކު ބުނެލިއެވެ. އެ އަޅި ކުލައިގެ ދެލޮލުގައިވާ އަސަރު ފެނުމުން ޒިއަން ވަގުތުން އޭނާގެ އަތް ނައްޓުވައިލިއެވެ. ރާނީ ދުރަށް ޖެހިލައިފައި އިސްކުރު ބަންދުކޮށްލަން ދާން އެނބުރު ވަގުތު ސިއްސައިގެން ދިޔައީ، ފަހަތުގައި ދެލޯ ބޮޑުކޮށްގެން ބަލަން ހުރި ޝަމީމާ ފެނުމުންނެވެ. ރާނީ ގަނޑުވެފައި ފަހަތް ބަލަން ހުރުމުން ޒިއަންވެސް ފަހަތް ބަލައިލިއެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް