ބުރުސޫރަ - ހަތަރުވަނަ ބައި

ވަގުތުން ރާނި އަނެއްފަރާތައް އެނބުރުނެވެ. ޒިއަން ހިންދިރުވާލުމަށްފަހު ރާނީ އަށް ގޮވައިލިއެވެ. "ކާކުގެ ހުއްދަ ހޯދައިގެން މި ކޮޓަރިއަށް ވަނީ؟" ރާނީ ހުރީ ހިތްހަމަނުޖެހިފައެވެ. އެ އަޑުގައި ހާސްކަމެއް އެކު...

19 Mar 2019 | 10:26

ވަގުތުން ރާނި އަނެއްފަރާތައް އެނބުރުނެވެ. ޒިއަން ހިންދިރުވާލުމަށްފަހު ރާނީ އަށް ގޮވައިލިއެވެ.

"ކާކުގެ ހުއްދަ ހޯދައިގެން މި ކޮޓަރިއަށް ވަނީ؟" ރާނީ ހުރީ ހިތްހަމަނުޖެހިފައެވެ. އެ އަޑުގައި ހާސްކަމެއް އެކުލެވިގެންވެއެވެ.

"ތި ފޮރުވައިގެން އުޅޭ މޫނު އަހަރެންނަށް ފެނިއްޖެ!" ރާނީގެ ކުރިމައްޗަށް ހުއްޓިލަމުން ޒިއަން ބުނެލިއެވެ. ރާނީ ހުރީ އިސްޖަހައިލައިގެންނެވެ. ޒިއަން މަޑުމަޑުން ރާނީގެ ދަތްދޮޅީގައި ހިފައި އިސްއުފުލާލިއެވެ. އަދި އޭނާގެ އިސްތަށިކޮޅު ކަންފަތްދޮށަށް ލައްވައިލުމަށްފަހު އެމޫނަށް ވަރަށް ފުންކޮށް ބަލައިލިއެވެ. ސިކުންތުކޮޅަކު ބަލަންހުރެފައި ރާނީގެ މޫނުގައި ޒިއަންގެ ޝަހާދަތް އިނގިލިން ފިރުމައިލިއެވެ. ރާނީއަށް ވީ އަރާމުން ލޯމަރައިލެވުނެވެ.

"އަހަރެން ވާހަކައެއް ބުނަން ބޭނުން... ވަރަށް ބޮޑު ވާހަކައެއް" ރާނީގެ އަތުގައި ހިފައިލަމުން ޒިއަން ބުނެލިއެވެ. ރާނީ އެއްވެސް ކަމަކާ ދެކޮޅުހަދާކަށް ނޫޅުނެވެ. އޭނާވެސް ހުރީ ޒިއަން އެތާ ހުރުމުން ހިތްހަމަޖެހިފައި ކަންނޭންގެއެވެ.

"އަހަރެން ރާނީ ދެކެ ވަރަށް ލޯބިވޭ... އަހަންނަކަށް ނޭންގެ ތީ ކާކު ކަމެއްވެސް.. ތި ނަން ފިޔަވާ އެކައްޗެއްވެސް ނޭންގެ.. އެކަމަކު އެރޭ ރާނީގެ އަޑު އިވުންފަހުން އަބަދު ވިސްނެނީ ރާނީއާ ދޭތެރޭ.. ތި އަޑު އަހާހިތްވަނީ އަބަދު... ދެކޭހިތްވަނީ... ވާހަކަ ދައްކާހިތްވަނީ..." ޒިއަން ރާނީގެ އަތައް ފިތައިލިއެވެ. ރާނީ އޭނަގެ ތިރީ ތުންފަތުގައި ދަތްއަޅައިލިއެވެ.

"އަހަރެންގެ މި ސޫރަ ފެނުމަށްފަހުގަވެސް ތަ؟" އިސްޖަހައިލުމަށްފަހު ރާނީ އަހައިލިއެވެ.

"އަހަރެންނަށް ރާނީއާ ދޭތެރޭ ވިސްނެންފެށުނީ ރާނި ލޮލަށް ނުވެސް ފެނި... ތި ލޯބި އަޑު ކަންފަތުގަ ޖެހުން ފުރަތަމަ ފަހަރުވެސް އަހަރެންގެ ހިތައް ވީގޮތް ބުނެދޭކަށްވެސް ނޭންގެ... އަހަންނަށް މިހާރު ތި ސޫރަ ދެކެވެސް ލޯބިވެވިއްޖެ..." ޒިއަން އަނެއްކާވެސް ރާނީގެ ދަތްދޮޅީގައި ހިފައި އިސްއުފުލައިލިއެވެ.

"އަހަރެންވެސް ތިހެން ބައިވަރު ވާހަކަ ބުނަން ބޭނުން... އެކަމަކު މީ ރަގަޅު ގޮތެއް ނޫން... އަހަރެން ކިހިނެއް ޒިއަންއަށް އިތުބާރު ކުރާނީ... ތީ ދުވަސްކޮޅެއްގެ މެހުމާނެއް..." ރާނީގެ އިސްތަށިކޮޅުން އޭނާގެ މޫނުގެ އެއްފަޅި ފޮރުވައިލިއެވެ. ޒިއަން އަނެއްކާވެސް އެ އިސްތަށިކޮޅު އެއްފަރާތްކޮއްލުމަށްފަހު އޭނައަށް އިތުބާރުކުރުމަށް ބުނެލިއެވެ.

"ދެން ދޭ މީހަކަށް ފެނިދާނެ" ރާނީ ހާސްވާގޮތްވިއެވެ.

"މިރޭ ނައިސްފިއްޔާ އަހަރެން ވަންނާނަން މިގެއަށް" ޒިއަން އިންޒާރެއް ދިނެވެ. ރާނީ ލޯ ހަނިކޮށްލުމަށްފަހު ޒިއަންގެ މޫނަށް ބަލައިލިއެވެ.

"ޖަވާބެއް ނުލިބޭ އަދިވެސް" ރާނީގެ މޫނާއި އޭނާގެ މޫނު ކައިރިކޮށްލަމުން ޒިއަން ބުނެލިއެވެ. ރާނީ އަވަސްއަވަހަށް އެސްފިޔަ ޖަހައިލިއެވެ. އަދި ބޯ ޖަހައިލިއެވެ. ޒިއަން ދާން އެނބުރެލާފައިވެސް އަނެއްކާ ރާނީގެ ކުރިމައްޗަށް އައިސް ހުއްޓުނެވެ. އަދި ރާނީގެ އިސްތަށިކޮޅު މޫނުމައްޗަށް ވައްޓާލަދިނުމަށްފަހު މޫނުގެ އެއްބައި ފޮރުވައިލިއެވެ. އަދި ދަމުން ރާނިގެ މޫނަށް ބަލާލުމަށްފަހު އެއް ލޯ މަރައިލިއެވެ. އޭރު ޒިއަންގެ މޫނުމަތި ވިދަމުންދިޔައީ ހިތްގައިމު ހިނިތުންވުމަކުންނެވެ.

މިރޭގެ ކެއުން ތައްޔާރުކުރަން ބަދިގޭގައި އުޅުނީ ފިރިހެންވެރިންނެވެ. ކެއްކުމުގައި އިސްކޮށް އުޅުނީ ޒިއަންއެވެ. މާޒިން، އީމާން އަދި ޝިފާން އުޅުނީ ޒިއަންއަށް އެހީތެރިވާށެވެ.

"މަންމާ!" އެންމެން ސިއްސައިގެން ދިޔައީ ތޫލި އަޑަކުން މާޒިން ހަޅޭތްލަވައިގަތުމުންނެވެ. އޭރު އޭނާގެ އެއް އަތުގައި ވަޅޯ މަސްބުރިއެއް އަދި އަނެއް އަތުގައި ވަޅިއެއް އޮތެވެ.

"ކިހިނެއްތަ ވީ ރަނޑެއްހެން ތި ހަޅޭތްލަވަނީ" އީމާން ކައިރިޔަށް ހިނިއައެވެ. މާޒިން ހުރީ ގަނޑުވެފައެވެ. އޭނާ ލޮލުގެ އިޝާރާތުން ދައްކަމުން ދިޔައީ ބަދިގޭގެ ފާރެވެ. އޭރު ހޯނެއް ފާރުގައި އިނެވެ. އީމާން ޗޮކެއް ކަނޑައިލިއެވެ.

"ހުވާ މިބުނީ ރަނޑު އަންހެނެއް މީ... ތަނަކަށް ގެންނަ ވަރު މީހެއް ނޫން މީ.." ބޯ ހޫރާލަމުން ޒިއަން ބުނެލިއެވެ. އޭނާ ހުރީ ފިޔާ ކޮށާށެވެ. ޝިފާން ފިހިގަނޑެއް ހިފައިގެން އައިސް ހޯނު ބަދިގެއިން ބޭރުކުރިއެވެ. މާޒިން ފުން ނޭވާއެއް ލުމަށްފަހު މަސްކޮށާން ފެށިއެވެ.

އެރޭ ޒިއަން ކެއްކި ވަޅޯމަސް ޕާސްތާ އެންމެންނަށްވެސް ވަރަށް ކަމުދިޔައެވެ. ހާއްސަކޮށް ހަމީދާ ޒިއަންއަށް ވަރަށް ތައުރީފު ކުރިއެވެ. ޒިއަން އިނީ ފިސާރި ފޮނިވެފައެވެ. އޭނާ އަކީ ގޭގައި މަންމައާއި އެކު ބައެއްފަހަރު ކައްކަން އުޅޭ މީހެއް ކަމުން، ކެއްކުމުގެ ހުނަރު ކޮންމެވެސް ވަރަކަށް ޒިއަންއަށް ލިބިގެންވެއެވެ.

މިރޭވެސް ޒިއަން އެ އިންތިޒާރު ކުރަނީ ރާނީ އާދޭތޯއެވެ. ގިޓާ އުނގަށްލައިގެން އިނެއްކަމަކު ޒިއަން އިނީ ހިމޭނުންނެވެ. ފުން ހިޔާލަކަށް ގެއްލިފައި އިންދައި ހިޔަންޏެއް އެޅުންހެން ހީވެގެން ޒިއަން އިސް އުފުލާ ބަލައިލިއެވެ. އޭރު ދާދި ކައިރީގައި ހުއްޓިލައިގެން އެހުރީ މި ހުރިހާ އިރު އޭނާ އިންތިޒާރު ކުރަމުންދިޔަ ކުއްޖާއެވެ. ޒިއަން މަޑުމަޑުން ކޮޅަށް ތެދުވެލިއެވެ.

"އަހަރެން ވަރަށް އުފާ ވެއްޖެ.." ރާނީގެ އަތުގައި ހިފައިލަމުން ޒިއަން ބުނެލިއެވެ. ރާނީ ހީލިއެވެ. ކައިރީ ހުރި ޖޯލީގައި ދެމީހުން އިށީނެވެ. ވާހަކަ ދައްކަން ފަށާނީ ކޮން ހިސާބަކުން ކަމެއް ޒިއަން އަކަށް ނޭންގުނެވެ. ރާނީ ވެސް އިނީ ދައްކާނެ ވާހަކައެއް ނޭންގިފައެވެ.

"ސޯ.. ބުނީމެއްނު ބައިވަރު ވާހަކަ ކިޔަންވެފަ އެބަހުއްޓޭ؟" ހިމޭންކަން ފޫދުއްވައިލީ ޒިއަންއެވެ. ރާނީ މަޑުމަޑުން ޒިއަންގެ ގިޓާގައި އިނގިލި ހާކައިލިއެވެ.

"ރާނީ؟" ރާނީ އަނގައިން ނުބުނުމުން ޒިއަން ގޮވައިލިއެވެ. ރާނީ އިސްއުފުލާ ބަލައިލިއެވެ. ޒިއަން މަޑުމަޑުން ފޮރުވިފައިވާ ރާނީގެ މޫނު އެކީ ފެންނާނެހެން އިސްތަށިކޮޅު ކަންފަތް ދޮށަށް ލައްވައިލަދިނެވެ.

"އަހަރެންގެ ވާހަކަ އަޑު އަހާނަންތަ؟" ރާނީ އަހައިލިއެވެ. ޒިއަން ބޯ ޖަހައިލިއެވެ.

***

ރީތި ސޫރައެއް އިންސާނަކަށް ލިބިފައިވާނަމަ، އެކަމާ ހަސަދަވެރިވާނެ މީހުން ވަރަށް ގިނަވާނެއެވެ. ހަސަދަ އަކީ ވަރަށް ފާޑެއްގެ އެއްޗެކެވެ. އެންމެ އެކީގައި، އެންމެ ކައިރީގައި ވާ މީހުންގެ ހިތުގެ އަޑީގައި ފޮރުވިފައި ވަނީ ކޯންޗެއް ކަމެއްވެސް ނޭންގޭނެއެވެ. ބައެއް މީހުން އެހާ ހަސީލަތް ނުބައެވެ.

ރާނީގެ މަންމަ ނިޔާވީ އޭނާގެ އުމުރުން އެންމެ 3 އަހަރުގައެވެ. ރާނީގެ މަންމަ އަކީ ޝަމީމާގެ ވެސް މަންމައެވެ. ރާނީގެ މަންމަ ފާތުމައަށް ރާނީ ލިބުނީ ޝަމީމާގެ ބައްޕަ ނިޔާވިތާ ދިހަ އަހަރު ފަހުންނެވެ. ރާނީ ލިބުންއިރު ފާތުމަގެ އުމުރުން 50 އަކަށް އަހަރު ވެދާނެއެވެ. ރާނީ އަކީ ބައްޕަ ކަށަވަރު ނުވާ ކުއްޖެކެވެ. މީހުން ކިޔާ ގޮތުންނަމަ، ރާނީގެ ބައްޕަ އަކީ ދަތުރުވަރެއްގައި އެރަށަށް އައި ފްރާންސް މީހެކެވެ. ހަގީގަތް އިނގޭނީ ހަމަ ފާތުމައަށެވެ. ފާތުމަ ކުރި ކުށުގެ އަދަބު މިއަދާ ހަމައަށްވެސް ރާނީ އަށް އެ އަންނަނީ ލިބެމުންނެވެ.

ގެއަކީ ފާތުމަގެ ގެއެއްކަމުން، މަރުވުމުގެ ކުރިން އޭނާ ވަނީ ދެދަރިންގެ މައްޗަށް ގެ ރަޖިސްޓްރީ ކޮށްފައެވެ. ޝަމީމާ އަށް ވެގެން ނަމަ، އެ ނަހަލާލު ކުއްޖާ އެގެއިންނާއި އެމީހުންގެ ދިރިއުޅުމުން އެއްލާލިތާ މިހާރު ކޮންދުވަހެއް ހެއްޔެވެ.

ރާނީގެ ރީތި ކަމަކީ މުޅި ރަށް އެކަމަށް ހެކިވާ ރީތި ކަމެކެވެ. ފާތުމަ ބުއި ބޮނޑިއަކީ ރާއްޖެއިން ބޭރުގެ ބޮނޑިއެކޭ އެރަށު މީހުން އަބަދުވެސް ކިޔައެވެ. ރާނީގެ ބުރުސޫރަ ރިވެތި މޫނަކީ ޝަމީމާ އެންމެ ރުޅި އަންނަ ސިފައެވެ. އޭނާގެ ޝިޔާ ރާނީއަށް ވުރެ އެއް އަހަރު ހަގެވެ. ގެއަށް އަންނަ މެހެމާނުންވެސް އަބަދު ދައްކާނި ރާނީގެ ރީތިކަމުގެ ވާހަކައެވެ. ރާނީގެ އަޅި ކުލައިގެ ކަޅީގެ ވާހަކައެވެ. އޭނާގެ ޝިޔާއަށް މީހުންގެ ފަރާތުން ލިބެންޖެހޭ ސަމާލުކަން ނުލިބުމަކީ ޝަމީމާ އެންމެ ރުޅިއަންނަ ކަމެވެ.

ރާނީގެ އުމުރުން ބާރަ އަހަރުގައި ހިނގި އެ ހާދިސާ އޭނާ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. ސުކޫލު މަސައްކަތް ކުރާން އިނދެފައި ބަދިގެ ފަރާތަށް ރާނީ ދިޔައީ ފަންސޫރު ތުނޑު ބިނދެގެން ފަންސުރު ޖަހާށެވެ. ޝަމީމާ ހުރީ މަސް ތެލުލާށެވެ. ވަޅިތައް ހުރީ އުނދުނާ ދިމާލުން ފާރުގައި އެލުވާފައި ކަމުން، ރާނީ އުޅުނީ އުނދުން މަތިން އަތް ފޯރުވައިގެން ވަޅިއެއް ނެގޭތޯއެވެ. ރާނީ އަށް ވަޅީގައި ހިފުނު ގޮތުން ވަޅި ވެއްޓުނީ ތެޔޮގަނޑު ތެރެއަށެވެ. ކަންތަކާ ޖެހުނީއެވެ. ތެޔޮގަނޑަށް ބާނައިގެން ހުރި ދަގަނޑު ދޭފަތުން ޖެހީ ރާނީގެ މޫނުގެ ކަނާއަތް ފަޅީގައެވެ. ވީ ތަދުންނާއި ނަގައިގަތް ދިލައިން ބާރު ބާރަށް ރޯން ފެށުނެވެ. އެވަގުތު ބޮލަށް އެނބުރުން އަރައިގަނެގެން ވެއްޓުނީއެވެ. ހޭލެވުންއިރު އޮތީ ހޮސްޕިޓަލުގައެވެ. ކައިރީގައި އިނީ ބޭރު ނަރުސް ކުއްޖެވެ. މޫނުމަތީގައި ވަނީ ބޮޑު ބޭސްގަނޑެއް އަޅާފައެވެ. އޭރުވެސް އެތަނުން ވޭން އަޅަމުންދާކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. އެރޭ ރޭގަނޑު ރާނީ ގެއަށް ދޫކޮށްލިއެވެ.

ބޭސްގަނޑު އަޅައިގެން ހަފްތާއެއް ވާންދެން އުޅެން ޖެހުނެވެ. ބޭސްގަނޑު ނެގި ދުވަހަކީ އެންމެ ބިރުގަތް އަދި އެންމެ ދެރަވި ދުވަހެވެ. ލޯގަނޑު ކުރިމަތީގައި ބައިންދައިގެން ނަރުސް ކުއްޖާ ބޭސްގަނޑު ނެގި އިރު، ރާނީގެ ދެލޯ ފުރާ ކަރުނަ ޖަމާވަމުންދިޔައެވެ. ކަނާއަތު ކޮލުން ފެށިގެން ކަންފަތާ ހިސާބަށް ވަނީ ފިހުމުގެ ސަބަބުން ކަޅު ލަށްގަނޑެއް ޖެހިފައެވެ. އެތަން ވަނީ މުސްކުޅި ވުމުން ރޫ އަރާހެން ރޫ އަރާފައެވެ. އެ ސިފަ ފެނުނީރުން އޭނާ ބިރުގަނެއެވެ. އަމިއްލަ ސިފަ ދެކެ ނަފްރަތު ކުރެވެން ފެށުނީ އެދުވަހުން ފެށިގެންނެވެ. މީހުންނަށް ނުފެންނާނެހެން އިސްތަށިގަނޑުގެ އެހީގައި، މޫނުގެ އަނދިރި ފަރާތް ފޮރުވަންޖެހުނީ މީހުންގެ މަލާމާތައް ކެތް ނުކުރެވުމުންނެވެ. އޭނާ އަކީ ޖިންނި އެކޭ ކިޔައި މުޅި ރަށުގައި ވާހަކަ ދައްކަމުން ދުވުނީ ޝަމީމާއެވެ.

ކޯޓު އަމުރެއްގެ ދަށުން މަޖުބޫރުން ޝަމީމާ ރާނީ ބެލިކަމުގައި ވިޔަސް، އޭނާ އަކަށް އެގެއަކު އެއްވެސް އުފަލެއް ނެތެވެ. ޝަމީމާގެ ކަމަކީ އަބަދު އޭނާ އާއި ދިމާލަށް އެއްޗެހި ކިއުމެވެ. އޭނާ އަކީ އެގޭގައި ނޯކަރެއްގެ ފެންވަރަށް ވުރެ ވެސް ދަށް މީހެކެވެ. ގްރޭޑް ހަތެއް ނިންމުމަށްފަހު ޝަމީމާގެ ނުފޫޒުން، ކިޔެވުމުގެ ފުރުސަތުވެސް ނަގައިލީއެވެ. ރާނީ ދެކޭ ގޮތުގައި އޭނަހާ ބަދުނަސީބު މީހެއް މި ދުނިޔެއަކު ވެސް ނެތެވެ.

އުފާ ލިބޭ ހަމައެކަނި ކަމަކީ އޭނާގެ އަތުން ހައްދައިފައިވާ ބަގީޗާއެވެ. އެ ބަގީޗާ އޭނާ ހައްދާފައިވަނީ ގެ ބަހައިފައި އޭނާ އަށް ވީ ފަޅީގައެވެ. ފުރަތަމަ ކޮޅު ގަސްތަކަށް ގެއްލުން ދޭން ޝަމީމާގެ އިތުރުން ޝިޔާ ވެސް ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް މިހާރު އެ ފަޅި އަކީ ރާނީގެ މިލްކެއް ކަމުން އެކަމާ އެމީހުން އަޅައެއް ނުލައެވެ.

****

ރާނީ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެވަގުތު އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަން ފެށިއެވެ.

"ޝްޝްޝް.. އިސްޓް އޯކޭ.." ރާނީގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ޒިއަން ބުނެލިއެވެ.

"ރާނީ... މެރީ މީ؟"

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް