ކޯޓުގެ ހުކުމާއި އެކު ކެންޑިޑޭޓެއްގެ ގޮތުގައި ހަސަން މޫސާ އީސީން އަލުން ބަލައިގެންފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރާ ހަސަން މޫސާގެ ކެންޑިޑޭސީ ބާތިލް ކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން...

24 Feb 2021 | 16:06

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރާ ހަސަން މޫސާގެ ކެންޑިޑޭސީ ބާތިލް ކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމަށް އޭނާގެ ނަން އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންގެ ލިސްޓުގައި ހިމަނައިފި އެވެ.

ހަސަން މޫސާގެ ކެންޑިޑެސީ ބާތިލު ކުރީ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އޭނާ އެ ދަރަންޏާ އެއްގޮތަށް ފައިސާ ނުދައްކާތީ އޭނާގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ބުނެ އެވެ. އެގޮތަށް ނިންމީ، އޭނާގެ ކެންޑިޑެސީ ބަލައިގަތް ފަހުންނެވެ.

މި މައްސަލައިގަ އިއްޔެ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ހަސަން މޫސާގެ ކެންޑިޑެސީ ބާތިލްކުރީ އޭނާގެ ކެންޑިޑެސީ ބަލައިގަތް ކަން އެންގުމަށް ފަހު ކަމަށެވެ. އިންތިޚާބަށް ކުރިމަތިލާތާ 48 ގަޑިއިރުގެ ތެރޭގައި ކެންޑިޑެސީ ބަލައިގަތުމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނާއިރު، އެ މުއްދަތު ހަމަވުމަށް ފަހު މީހެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް އަމިއްލައަށް ބާތިލް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ކުރިން ކޮށްފައިވާ އިއުލާނު ބާތިލްކޮށް ކޮށްފައިވާ ކަމަށެވެ. އަދި މިހާޜު ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް މިހާރު އަލުން ތަރުތީބު ކުރެވިފައިވާ ކަމަށެވެ.

އެ ދާއިރާއަށް މިހާރު ވާދަ ކުރާނީ އެމްޑީޕީގެ ޓިކެޓުގައި ކެންޑިޑޭޓު ނަމްބަރު ތިނެއް އަހުމަދު ރީހާން އާއި ޕީޕީއެމްގެ ޓިިކެޓުގައި ކެންޑިޑޭޓު ނަމްބަރު ހަތަރެއް ހަސަން މޫސާ ކަމަށެވެ. އެ ކައުންސިލްގެ ރައީސް ކަމަށް އަމިއްލަ ގޮތުން ވާދަކުރަން ފޯމު ހުށަހެޅި އަމިއްލަ ދެ ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައި އެވެ.

އީސީން ބުނީ ހަސަން މޫސާގެ ކެންޑިޑޭސީ ބަލައިގެންނަން ނިންމީ އިއްޔެ ސުޕްރީމް ކޯޓުން ކުރި އަމުރާއި ގުޅިގެން ކަމަށެވެ. އަދި މިއާއި އެކު ކުރިން އޭނާގެ ކިބައިގަ ކެންޑިޑޭޓެއްގެ ކިބައިގަ ފުރިހަމަ ވާން ޖެހޭ ޝަރުތު ފުރިހަމަ ނުވާ ކަމަށް ބުނެ ނެރުނު އިއުލާން ބާތިލް ކޮށްފައިވާ ކަމަށެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ އޭޕްރިލް10 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް