ޗީފް އޮމްބަޑްސްޕާސަންގެ މުސާރަ ކުޑަވެގެން ރައްޔިތުންގެ މަޖިލީހަށް ޝަކުވާގެ ސިޓީއެއް ފޮނުވި ނަމަވެސް މުސާރަ ބޮޑުކޮށްދެއްވެން ނެތް ކަމަށް މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.
ޗީފް އޮމްބަޑްސްޕާސަންއަކަށް އައްޔަންކޮށްފައިވަނީ ނ. މާފަރު އީޓުޖެހިގެ އަބްދުއްސަލާމް އާރިފްއެވެ. އޭނާ ސޮއިކުރައްވާ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ އޭނާއަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި 37،500 ރުފިޔާގެ މުސާރައަކީ އެކަށީގެންވާ އުޖޫރައެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެހެންވެ އެ މުސާރަ ބޮޑުކޮށްދެއްވުމަށް ދަންނަވާ ކަމަށެވެ.
ޗީފް އޮމްބަޑްސްޕާސަންގެ މުސާރަ ކަނޑައަޅަނީ މާލިއްޔަތު ކޮމިޓީގެ ލަފާގެ މަތިން މަޖިލީހުންނެވެ.
ޗީފް އޮމްބަޑްސްޕާސަންގެ ސިޓީއާ ގުޅިގެން އިއްޔެ މާލިއްޔަތު ކޮމިޓީގައި މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު ނާޝިޒު ވިދާޅުވީ ޗީފް އޮމްބަޑްސްޕާސަންއަށް ކަނޑައަޅާފައިވާ މުސާރަ ކުޑަވެގެން މުރާޖައާ ކޮށްދިނުމަށް އެދުނު ނަމަވެސް އެކަމަކީ މިފަހުން މަޖިލީހުން ގޮތެއް ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ. އެހެންވެ، މާލިއްޔަތު ކޮމިޓީން ނިންމީ އެބޭފުޅާގެ މުސާރަ ކަނޑައެޅުމުގައި ބެލި ކަންތައްތަކުގެ ތަފްސީލާ އެކު އެ މުސާރަ ބޮޑުކޮށްދެވެން ނެތް ކަމަށް ޗީފް އޮމްބަޑްސްޕާސަންއަށް ދެންނެވުމަށެވެ.
މުސާރަ ދިރާސާ ކުރަމުން ދިޔައިރު ފިނޭންސް މިނިސްޓްރީއިން މާލިއްޔަތު ކޮމިޓީއަށް ފޮނުވި ކަރުދާހުގައި ޗީފްއޮމްބަޑްސް ޕާސަންއަށް 40،000 ރުފިޔާގެ މުސާރައެއް ކަނޑައެޅުމަށް ހިމެނި ނަމަވެސް ކޮމިޓީން ނިންމީ ފިނޭންސުގެ ކަރުދާހުގައި ހިމަނާފައިވާ 37،500 ރުފިޔާގެ މުސާރަ ދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް