ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފަށް ކައިވެނި ޕާޓީތައް ބޭއްވުމުން އެކަން ހުއްޓުވާފައިވާނީ ރިޕޯޓު ކުރުމުން ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހު ހަވީރު ބޭއްވި ކައިވެނި ޕާޓީ އަކާއި އެރޭ ބޭއްވި އުފައްދުވަހުގެ ޕާޓިއެއް ފުލުހުން ގޮސް ހުއްޓުވި އެވެ. އަދި އެއް ފަހަރު ހުއްޓާލަން އެންގުމުން ކައިވެނި ޕާޓީ ހުއްޓާލާފައި ނުވާތީ އެ ޕާޓީ ބޭއްވި ސޯލްޓް ރެސްޓޯރެންޓް 5،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެ އެވެ.
ފުލުހުން އެ ދުވަހު ކަންތއް ކުރި ގޮތުން ގިނަ ބައެއްގެ ފާޑު ކިޔުން ފުލުހުންނަށް އަމާޒުވީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި ފިލްމީ ތަރި އަހުމަދު ޒިޔާއުގެ ކައިވެނި ޕާޓީ ހުއްޓުވާފައި ނުވާތީ އެވެ.
މިކަމާއި ގުޅޭގޮތުން ރޭ ބޭއްވޮ ނޫސްވެރިންގެ ބައްދަލުވުމުގައި "ދުވަސް" އިން ސުވާލު ކުރުމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ފަތުހުﷲ ވަހީދު ވިދާޅުވީ އެންގުމާއި ހިލާފަށް ބާއްވާ ކައިވެނި ހަފްލަތަކާއި ޕާޓީތައް ހުއްޓުވަމުން ދާނީ އެފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓު ކުރުމުން ކަމަށެވެ. ކުރިޔަށް އޮތްތާވެސް އެގޮތަށް އަމަލު ކުރާނެ ކަމަށް ވިދާޅުވި އެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މާލެ ސަރަހައްދުގައި ކައިވެނި ހަފްލާތަކާއި ޕާޓީތަކާއި ރަސްމިއްޔާތުތަކުގެ އިތުރުން ޖަލްސާތައް ބޭއްވުން އޮތީ މަނާކޮށްފައި އެވެ. އަދި އެ އެންގުމާއި ހިލާފުވާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް