މާލޭގައި 25 އަހަރުން މަތީގެ އެންމެންނަށް ކޯވިޑް ވެކްސިން ޖަހައިދޭން ފަށައިފި

މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 25 އަހަރުން މަތީގެ އެންމެންނަށް ކޯވިޑް-19 ވެކްސިން ޖެހުން އާންމުކޮށް ހުޅުވާލާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން 25 އަހަރު...

24 Feb 2021 | 05:04

މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 25 އަހަރުން މަތީގެ އެންމެންނަށް ކޯވިޑް-19 ވެކްސިން ޖެހުން އާންމުކޮށް ހުޅުވާލާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން 25 އަހަރުން މަތީގެ މީހުންނަށް ސެންޓަރުތަކަށްގޮސް ގެން ރެޖިސްޓްރީ ކޮށް ވެކްސިން ޖެހޭނެ ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ހައި ރިސްކު ކެޓަގަރީގެ މީހުންނަށް ވެކްސިން ދިނުން ކުރިއަށް ގެންދެވޭނެ ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.

ހައި ރިސްކު ކެޓަގަރީއަކީ ދިގު މުއްދަތައް ބޭސްފަރުވާ ކުރަން ޖެހޭ ބަލިތައް ޖެހިފައިވާ މީހުންނެވެ.

އާންމުކޮށް ހުޅުވާލައިގެން ކޯވިޑް ވެކްސިން ދެމުން ދަނީ އިސްލާމީ މަރުކަޒު، ހުޅުމާލޭ ކުރީގެ ފްލޫ ކްލިނިކް، ވިލިމާލޭ ޒުވާނުންގެ މަރުކަޒު، ސޯޝަލް ސެންޓަރުގައި އެވެ. އެޗްޕީއޭއިން ވަނީ ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަށް އިލްތިމާސް ކޮށްފައި އެވެ.

އެޗްޕީއޭއިން ބުނެފައިވާގޮތުގައި އިއްޔެ ރާއްޖޭގައި 4،962 މީހަކަށް ވެކްސިން ދީފައިވެއެވެ. އޭގެތެރެއިން 2،700 މީހަކަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުންނެވެ. ރަށްރަށުން 2،262 މީހަކަށް މިއަދު ވެކްސިން ދީފައިވެއެވެ.

ރާއްޖޭގައި ކޯވިޑަށް ވެކްސިން ދިން އަދަދު މިހާރު ވަނީ ،85،110 އަށް އަރާފައި އެވެ. އެއީ މާލެ ސަރަހައްދުން ޖުމްލަ 61،777 އަދި ރަށް ރަށުން 23،333 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް