އައްޑޫ ސިޓީ ގައި މިއަދުން ފެށިގެން ކާފިއު ހިންގާނީ ހުޅުމީދޫގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ މިރެއިން ފެށިގެން ކޮންމެ ރެއަކު 8:00 ން ފަތިހު 4:00 އަށް ހުޅުމީދޫގައި ކާފިއު ހިންގުމަށް ނިންމާފައިވާ ކަމަށެވެ. މި ވަގުތުތަކުގައި އެއްގަމު އުޅަނދު ފަހަރު ދުއްވުމާއި އާންމު ތަންތަނުގައި މީހުން ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
މި ފިޔަވަޅު އަޅާފައިވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުންނެވެ. އެ އެންގުމުގައި ވާގޮތުން ހުޅުމީދޫގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކަކީ ކުރިޔަށް އޮތް ހަތް ދުވަހުގެ މުއްދަތަށް އަޅާ ފިޔަވަޅުތަކެކެވެ.
އެޗްޕީއޭގެ އެންގުމުގައި ވާގޮތުން މިދިޔަ ދެ ހަފްތާއެކޭ އެއްގޮތަށް މިއަދުން ފެށިގެން ހުޅުމީދޫގައި ކައިވެހި ހަފްލާތަކާއި ޕާޓީތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާ ވާނެ އެވެ. އަދި އާންމު ތަންތަނުގައި ތިން މީހުންނަށްވުރެ ގިނަ މީހުން އެއްކޮށް އުޅުމަކީ މަނާ ކަމެކެވެ.
ހުޅުމީދޫގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރު ކުރުން މަނާކޮށްފައިވާއިރު ސިއްހީ ފަރުވާ އާއި ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނޫނީ ނުކުމެ ނޫޅުމަށް އަންގާފައިވެ އެވެ.
އެޗްޕީއޭގެ އެންގުމާއި އެކު މާދަމާއިން ފެށިގެން ހުޅުމީދޫ ސެލޫންތަކާއި ބޯކޮށާ ތަންތަނާއި ޖިމްތައް ބަންދުކޮށް ކުޅިވަރު ހަރާކާތްތަކާއި ކަސްރަތު ހަރަކާތްތައް ހަތް ދުވަސް ވަންދެން ހިންގުން ވަނީ މަނާކޮށްފައި އެވެ.
ކެފޭ ރެސްޓޯރެންޓުތަކުގައި ހިދުމަތް ދިނުން ހުއްޓާލައި ހަމައެކަނި ޑެލިވެރީގެ ހިދުމަތް އެތަންތަނުން ދިނުމަށް އަންގާފައިވެ އެވެ.
މި ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކަށް އެޗްޕީއޭގެ އެންގުމުގައި ވަނީ އަންގާފައި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ކާފިއު ހިންގުން ހުއްޓާލިޔަސް އަދިވެސް ސިޓީ އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް